ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ފެށުނު އިރު ފެނިވަޑައިގަތީ ރާއްޖެ އަނެއްކާވެސް އަނިޔާވެރިކަމާ ދިމާލަށް މިސްރާބުޖަހާފައިވާތަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި އުތީމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕޭން ފެށި އިރު ފެނިވަޑައިގެންނެވި މަންޒަރު ރަނގަޅު ނޫން ކަމަށެވެ.
"އަޅުގަނޑަށް ފެނުނީ އަނެއްކާވެސް މިރާއްޖެ އެނބުރި ކުރީގައި އޮތް އަނިޔާވެރިކަމާއި ކޮރަޕްޝަނާ ވައްކަމުގެ ތެރެއަށް މިސްރާބު ޖަހާފައި ހުރިތަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ފެށުނު އިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއާ ދެމެދު، މަޖިލީހުގެ އިންތިހާބުގައި ގުޅިގެން ވާދަކުރުމާ މެދު ހިޔާލު ތަފާތުވުން އޮތީ އުފެދިފަ އެވެ. އެ މައްސަލަގަނޑުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތް ފައްޓަވައިފަ އެވެ. އެގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ދާއިރާތައް ދޫކޮށް، އެއްބާރުލުން ދޭނެކަން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ބުނަނީ އެ ޕާޓީ އޮތީ ސަރުކާރާ އެކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރެއްވުމަކީ ވާޖިބެއް ކަމަށާއި ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށެވެ. އެމްޑީޕީގެ މެނިފެސްޓޯ "އެޖެންޑާ 19" އަށް ތާއީދުކުރާ އަދި އެ މެނިފެސްޓޯއަށް އިތުބާރުކުރައްވާ ކެންޑިޑޭޓުން ހޮވޭތޯ މަސައްކަތް ކުރައްވަނީ އެހެންވެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ އިންތިހާބު ފަސްކުރަން އިދިކޮޅު ޕީޕީއެމުން އުޅޭ ކަމަށް ވިދާޅުވެ، ރައީސް ކުރިން ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ބުނީ އިންތިހާބު ފަސްކުރަން ކޯޓަށް ދާން އުޅޭ ކަމުގެ އަޑުތަކެއް އުޅޭ ކަމަށާއި އެކަމަކު އިންތިހާބު ފަސްކުރާނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ.
ހަނިމާދޫގައި މިއަދު އޮތް ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ ޕީޕީއެމުން މަސައްކަތްކުރަނީ އެ ޕާޓީ ސަރުކާރުގައި އޮތް އިރު ވެސް ކަންކުރި ގޮތަށް ކޯޓަށް ގޮސްގެން އިންތިޚާބު ފަސްކުރަން ކަމަށެވެ. "އަޅުގަނޑުމެން މިތިބީ ވަރަށް ސަމާލުވެ. އިރާދަކުރެއްވިއްޔާ އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި އޮތް ހައެއް އޭޕްރީލްގައި އިންތިޚާބު ބޭއްވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.