މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް ބޭނުމެއް ނޫން: އަލީ ވަހީދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ކޯލިޝަނަށް ސުޕަ މެޖޯރިޓީއެއް ބޭނުމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.


ސަރުކާރު ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލޭ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ކެމްޕެއިން ގައި އަލީ ވިދާޅުވީ، ރައްޔިތުންނަށް ވި ވައުދުތައް ފުއްދަން ސަރުކާރުން ބޭނުންވާ ކަމަށެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަފާތެރި، ސިމްޕަލް މެޖޯރިޓީއެއް ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

"ސަރުކާރު ވަޒީރެއްގެ ގޮތުގައި ހުރެ މި ދަންނަވަނީ އަޅުގަނޑުމެންނަށް ސުޕަ މެޖޯރިޓީއެއް ބޭނުމެއް ނޫނޭ. ހަމަ އެ ނޭވާގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަފާތެރި، ސިމްޕަލް މެޖޯރިޓީއެއް ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވައްޗޭ. އެއީ އަޅުގަނޑުމެން ބޭނުންވޭ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ވީ ވައުދު ފުއްދަން. އަޅުގަނޑުމެން ދޮގެއް ނުހަދާނަން،" ވިލިމާލޭގައި ބޭއްވި ޖަލްސާގައި އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ކޯލިޝަންގެ ހުރިހާ ޕާޓީއަކަށް އޭނާގެ ފުރިހަމަ އިހުތިރާމް އެބައޮތެވެ. އެކަމަކު، ކޮންމެ ޕާޓީއަކުން ކުރިމަތިލި ނަމަވެސް މަޖިލިހަށް އިންތިޚާބު ކުރަންވީ އެ މީހަކު ގަބޫލުކުރާ، ގާބިލް ކެންޑިޑޭޓެއް ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީކޮށް ތަރައްގީކުރުން ކަމަށާއި އެގޮތުން ދާއިރާގެ ކައުންސިލާއި އެ ދާއިރާގެ މެމްބަރާއި ރައްޔިތުންގެ އިތުރުން އެތަނެއްގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ނޫނީ ގައުމެއްގެ އެއްވެސް ސަރަހައްދެއް ތަރައްގީކުރަން ފަސޭހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު ވަޒީރެއްގެ ގޮތުގައި ހުރެ މި ދަންނަވަނީ އަޅުގަނޑުމެންނަށް ސުޕަ މެޖޯރިޓީއެއް ބޭނުމެއް ނޫނޭ. ހަމަ އެ ނޭވާގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަފާތެރި، ސިމްޕަލް މެޖޯރިޓީއެއް ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވައްޗޭ. އެއީ އަޅުގަނޑުމެން ބޭނުންވޭ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ވީ ވައުދު ފުއްދަން،" އަލީ ވަހީދު

އަލީ ވިދާޅުވީ، ސިޔާސީ ފިކުރުގައި އަދި އެކި ކަންކަމުގައި ކޮންމެ ސަރުކާރަކަށް ވިއަސް ފާއިތުވި 10 އަހަރުގެ ތަޖުރިބާ އިން ރާއްޖޭގެ ހުރިހާ އެންމެން ގޮވައިގެން އުޅެން ދަސްކުރަންޖެހޭ ކަމަށެވެ. އެންމެ ފުރަތަމަ ކޯލިަޝަންގެ ތެރޭގައި، އެ އަށް ފަހު ކޯލިޝަންގައި ނުހިމެނޭ އިދިކޮޅު ފަރާތްތަކަށް ވިއަސް ހުރިހާ އެންމެން ގޮވައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޯލިޝަންގެ އެންމެ މުހިއްމު އެއް ޕާޓްނަރަކީ ޖުމްހޫރީ ޕާޓީ ކަމަށް ވާއިރު، އެ ޕާޓީގެ ތެރޭގައި ވެސް ހިލާފުތައް ހުންނާނެ އެވެ. ނަމަވެސް ކަނޑައިގެން ނުދާ ވަރުގައި ހިފެހެއްޓުމަކީ ރާއްޖެ އާއި ރާއްޖޭގެ މުސްތަގުބަލަށް ނުހަނު ބޭނުންތެރިކަމެއް ކަމަށް ވިދާޅުވި އެވެ.

"ޖަވާބުދާރީ ނުވާ މަޖިލީހެއް ބޭނުމެއް ނޫން. ތަރައްގީ އަށް ކުރާ ކަންކަމުގައި ހުރަސްއަޅާ މަޖިލީހެއް ވެސް ބޭނުމެއް ނޫން. މި އައި ދެ މަޖިލިސް އަޅާ ކިޔުމަށް ފަހު، އެ މަޖިލީހުގައި ވީ ކަންތައްތަކާ ދެ އެކްސްޓްރީމަށް ދެވުނީ،" ކުރިން ޑީއާރުޕީ އާއި އެމްޑީޕީގެ މެމްބަރުކަން އަދި ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި އަލީ ވިދާޅުވި އެވެ.

"އެމްޑީޕީގެ ފުރަތަމަ ސަރުކާރު އައިސް ދައުރު މެދުން ދާން ޖެހުނު އެއް އަސްލަކަށްވީ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ އެމްޑީޕީ އަށް ނުލިބުން. އެއީ ހިތާމަވެރިކަމެއް. ދެން ފެށިގެން އައި ވެރިކަން، ރަނގަޅަށް ފެށިގެން އައި ވެރިކަން، އެ މަގަށް ދިއުމުގައި ވެސް މައްސަލައަކަށް ވީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ސުޕަ މެޖޯރިޓީއެއް ދީގެން އުޅުން."