ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަދެއްޖެ: އަލީ ވަހީދު

ޖުމްހޫރީ ޕާޓީ (ޖޭޕީ) ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަދެ ގަޑުބަޑުކުރާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.


އަންނަ ހޮނިހިރު ދުވަހު ބާއްވާ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ ހިސާން ހުސައިންގެ ކެމްޕެއިން ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ޖޭޕީ އަށާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިއީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމާ ދެމެދު މި ފަހުން އުފެދުނު ބަހުގެ ހަމަލަތަކާއި ކޯޅުންތަކާ ގުޅިގެން، އަލީ މިހާ ފާޅުކަން ބޮޑުގޮތަކަށް ގާސިމަށާއި ޖޭޕީ އަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.

އަލީ ވިދާޅުވީ، އޭނާގެ ވާހަކަތަކާ ގުޅިގެން އެ ޕާޓީން ވަކިކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ.

މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރައްވަން އިއްޔެ ފެއްޓެވި ދަތުރުގައި އަލީ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މަޑުމަޑުން ހުންނަވައި، ކުއްލިއަކަށް ޖޭޕީގެ ތެރެއަށް ދުލި ބަދަލުކޮށް ބަޔަކު ވެއްދި ގޮތަށް އެ ޕާޓީގެ ތެރޭގައި ކަންކަން އޮޅޭ މިންވަރަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ، މި ފަހަރު ސަރުކާރު ހަލާކުވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އަލީ ވިދާޅުވި އެވެ.

ޖޭޕީގެ ސްލޮޓުގައި މި ސަރުކާރުގެ ވަޒީރުކަމަށް ވަޑައިގެންނެވި އަދި ދުވަސްކޮޅެއް ވަންދެން ގާސިމާ އެންމެ ގާތުން މަސައްކަތް ކުރެއްވި އަލީ ވިދާޅުވި ގޮތުގައި، ޕާޓީގެ ފިކުރާއި ޕާޓީގެ ސިޔާސަތު އަންނާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކޮށްފަ އެވެ.

ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަދެފައިވާ ކަމަށް އަލީ ވިދާޅުވިއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާުބުގައި އޭރުގެ ރައީސް ޔާމީނަށް ކުރިމަތިވި ނާކާމިޔާބީ އަށް ފަހު، އެމަނިކުފާނުގެ އަރިހުގައި އެ ދުވަސްވަރު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ގިނައީ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނެވެ.

އެ ހުރިހާ ބޭފުޅުންނަށް ވެސް މި އާންމު އިންތިޚާބަށް ޖޭޕީން ވަނީ ޓިކެޓު ދީފަ އެވެ.

ތުޅާދޫގައި ބޭއްވި ޖަލްސާގައި އަލީ ވިދާޅުވީ ރިޔާސީ އިންތިޚާބާ ހަމައަށް އައިއިރު، އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތު އަދި މައުމޫން ރިފޯމް މޫވްމަންްޓް (އެމްއާރުއެމް) ތިބީ ވަރަށް ފޯރީގައި ކޮނޑާއިކޮނޑު ޖައްސައިގެން ކަމަށެވެ. އެހެންވެ، އެ ދުވަހު ވި ގުރުބާނީގެ ހަނދާންތައް އާ ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އަހަރަކަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ގާސިމާއި އަލީ ވަހީދު އޮކްޓޯބަރު 4، 2018 ގައި މާލެ ވަޑައިގެން ކުނޫޒްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ދެ ބޭފުޅުން ސަމާސާ ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ހަގީގަތުގައި އަޅުގަނޑުމެން ނުލާހިކު އެކުވެރިކަމާ އެކު ރިޔާސީ އިންތިޚާބުގައި މަސައްކަތްކޮށް މަޖިލީހާ ހަމައަށް ދިޔައިރު އަޅުގަނޑުމެންގެ ޕާޓީ އަށް، ހިތާމަކުރަން ދުލި ބަދަލުކޮށްގެން ވިއަސް ކަނޑުފޭރޭ މީހުން އަރައި އެ ޕާޓީގެ ތެރޭގައި ގަޑުބަޑުކުރަން އުޅޭތީ،" ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ދުވަހު ގުރުބާންވެ، އަނބިދަރިންނާއި އެ މީހުންގެ ހުރިހާ ވަގުތެއް ހުސްކޮށްލުމުން އެއްވެސް ގޮތެއް އޮތް ނަމަ އުޅެން ޖެހޭނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމްމެން ގޮވައިގެން ނޫން ކަމަށާއި މިހާރު ކުނޫޒުގައި ވެސް އެންމެ ގިނައިން ތިބެނީ އެބޭފުޅުން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން އެކަމާ ދެކޮޅަށް ނިކުންނަންޖެހޭ. އެއީ ޕާޓީގެ އޮޑިވެރިއަކާ ނޫނީ ކައްޕިތާނަކާ މައްސަލަ ޖެހުނީކީ ނޫން. އަޅުގަނޑަށް ޔަގީން، ދިވެހި ރައްޔިތުންނަށް ޔަގީން ޖުމްހޫރީ ޕާޓީތެރެއަށް ކަނޑުފޭރޭ މީހުން އަރައިފިކަން. ނަމަނަމަ ސަރުކާރު ގައިގައި ޖަހަން ވިސްނުން ނުގެންގުޅެއްޗޭ،" އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި އަލީ ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ނުލާހިކު އެކުވެރިކަމާ އެކު ރިޔާސީ އިންތިޚާބުގައި މަސައްކަތްކޮށް މަޖިލީހާ ހަމައަށް ދިޔައިރު އަޅުގަނޑުމެންގެ ޕާޓީ އަށް، ހިތާމަކުރަން ދުލި ބަދަލުކޮށްގެން ވިއަސް ކަނޑުފޭރޭ މީހުން އަރައި އެ ޕާޓީގެ ތެރޭގައި ގަޑުބަޑުކުރަން އުޅޭތީ" އަލީ

އަލީ ވިދާޅުވީ، ގާތްގަނޑަކަށް 115 ދުވަސް ކުރިން ޖޭޕީގެ ބޭފުޅުން ދެއްކެވީ ދަރުމަވަންތަަ ހޮސްޕިޓަލުގެ ކޮރަޕްޝަނާއި ބްރިޖުގެ ކޮރަޕްޝަންގެ ވާހަކަތައް ކަމަށެވެ. އެކަމަކު، މިހާރު އޭގެ ތެރެއިން ބައެއް ބޭފުޅުން އެކަން ހަނދާންނެތިފައިވާ ކަމަށް ވިދާޅުވި އެވެ. ސިޔާސީގޮތުން ކުރި ހޯދަން މަސައްކަތްކުރަން އެންމެން ވެސް ޖެހޭނެ ކަމަށާއި އެކަމަކު ކޮންމެވެސް ވަރަކަށް އަގު ހިފަހައްޓަން ވާނެ ކަމަށް އަލީ ވިދާޅުވި އެވެ.

އޭރު އިދިކޮޅު ފަރާތްތަކުން ކިޔަމުން އައީ ޔާމީންގެ ކެބިނެޓުގައި ތިބީ "ވަގުން" ކަމަށާއި ޝަރީއަތް ހިންގާ ނަމަ އެ ހުރިހާ ބޭފުޅުން ވެސް ތިބީ ހަތަރެސްފައި ބުރިކުރާ ހިސާބުގައި ކަމަށް އަލީ ވިދާޅުވި އެވެ. ނަމަވެސް 115 ދުވަސް ވީއިރު އޭގެ ތެރެއިން ބައެއް ބޭފުޅުން "ވަގުންނާ" އެއްބައިވެގެން މަސައްކަތް ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަތަރެސް ފައި "ބުރިކޮށްލަމަށް" ކަމަށް ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ޖޭޕީގެ ކަންކަން އެ ހާލަތަށް ދިޔައިރު ގާސިމަށް ވުރެ ބޮޑަށް އޭނާ ގޯސްކުރަނީ ކިޔަވައިގެން، ތަންދޮރު ދަންނަ މީހުން އެފަދަ ހާލަތްތަކުގައި ބަހެއް ބުނަން ނުކެރި ތިބޭތީ އެވެ.

އޭނާ ވިދާޅުވީ، ގާސިމަށާއި ޖޭޕީ އަށް މިހާ ބޮޑަށް ފާޑުވިދާޅުވުމާ ގުޅިގެން، އޭނާ މާލެ ވަޑައިގަންނަވާއިރު، ޖޭޕީން ވަކިނުކުރާނެ ކަމެއް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ.

އަލީ ވިދާޅުވީ، ނޭވާލެވެން އަންނަނީ ޖޭޕީ އާއި ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ކޯލިޝަނަށް މެޖޯރިޓީ ދީގެން ކަމަށް ބުންޏަސް ރަނގަޅުވާނީ "ނާގަހަރުފަ" ނޭވާލާން ނުދިނިއްޔާ ކަމަށެވެ. އަދި ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ މީހުން ޖޭޕީއާ ކޯލިޝަން ހަދައިގެން މަޖިލީހަށް ދިއުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވަނީ މަނަދޫގައި މިއަދު ހަވީރު ބޭއްވި ކެމްޕެއިން ޖަލްސާގައި ވެސް ގާސިމާއި ޖޭޕީ އަށް ފާޑުވިދާޅުވެ އެވެ.

ނުސީދާ ކޮށް ގާސިމަށް ފާޑު ވިދާޅުވަމުން އަލީ ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި ކަންތައްތައް ވީ ގޮތް ހަނދާން ނެތޭހާ ދުވަސް އަދި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ލީޑަރުން ވިދާޅުވާހާ މީހަކަށް ރައްޔިތުން ވޯޓެއް ނުލާނެ އެވެ. ވެރިކަން ބަދަލުކުރީ ހަތަރު ލީޑަރުން ނޫން ކަމަށާއި ރައްޔިތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މީހުން [ރައްޔިތުން] ނުކުމެޔޭ މި ގައުމު ބަދަލުކުރީ އިނގޭތޯ. މި ގައުމު ބަދަލުކުރީ އަކީ ހަތަރު މީހުން ނުކުމެއެއް ނޫން،" އޭނާ ވިދާޅުވި އެވެ.