ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފުތާގެ ބުދަ ދުވަހު "މިހާރު" އާ ވާކަފުޅު ދައްކަވަނީ.

ގާސިމަކީ ސިޔާސީ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ، ކޯލިޝަނުން ނުނިކުންނަވާނެ: ރައީސް

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖޭގައި ހުންނެވި ސިޔާސީ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށާއި އާންމު އިންތިޚާބުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ލިބުނަސް އެމަނިކުފާނު ކޯލިޝަން ދޫނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.


މިދިޔަ ހަފުތާގެ ބުދަ ދުވަހު "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުގެ ތެރެއިން، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ޖުމްހޫރީ ޕާޓީ ނުވަތަ ގާސިމް ކޯލިޝަނުން ނުކުންނާނެ ކަމުގެ ވާހަކަ ވެސް ދެކެވޭ ކަމަށް ދެންނެވުމުން ރައީސް ވިދާޅުވީ، ކޯލިޝަނެއްގައި މަސައްކަތް ކުރާނެ ގޮތާއި ކޯލިޝަން ރޫޅުނީމާ ދެން ވާނެ ގޮތް ގާސިމަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ގައުމަށް އެ އަންނަ ހަމަނުޖެހުމާއި ހަލަބޮލިކަން. އެހެންވީމާ އެވަރުގެ ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅަކު އަޅުގަނޑު ގަބޫލެއް ނުކުރަން، ކުރާކަށް ބޭނުމެއް ވެސް ނުވޭ އެ ވަރުގެ ކަމެއް ކުރާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވިއިރު، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކޯލިޝަންގެ ތިން ޕާޓީން އެއްބަސްވި ގޮތާ ޚިލާފަށް އެމްޑީޕީން ހުރިހާ ގޮނޑިއަކަށް ވާދަކުރަން ފާސްކުރުމުން ގާސިމާއި އެމްޑީޕީއާ ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. ޚާއްސަކޮށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ.

ގާސިމް ވިދާޅުވަނީ އެމްޑީޕީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ދޭން ހެޔޮނުވާނެ ކަމަށާއި އެ ފުރުސަތު ދީފި ނަމަ ބޭނުން ގޮތަކަށް ސަރުކާރުން ކަންކަން ކުރާނެ ކަމަށެވެ. އެމްޑީޕީން ބުނަނީ މަޖިލިހުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބިގެން ނޫން ގޮތަކަށް ސަރުކާރުން ރައްޔިތުންނަށް ކަންކަން ނުކޮށްދެވޭނެ ކަމަށެވެ.

ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާ އަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިހުގެ ރައީސް ގާސިމް އަދި މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު ސަމާސާ ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެހެންވެ، މި އާންމު އިންތިޚާބުގައި އެމްޑީޕީ އަށް ބޮޑު އަޣުލަބިއްޔަތެއް ނެގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ގެންދަވަނީ ބުރަ ކެމްޕެއިނެއް ކުރައްވަމުންނެވެ.

ރައީސް "މިހާރު" އަށް ވިދާޅުވީ، ވެރިކަމުގެ މިދިޔަ ހަތަރު މަސް ތެރޭގައި ޔަގީންވި އެއް ކަމަކީ ކޯލިޝަން ސަރުކާރެއް ދެމެހެއްޓިދާނެ ކަމަށެވެ.

"އެހެންވީމާ އެ ހިތްހަމަޖެހުމާ އެކީގައި އަޅުގަނޑު މި ހުރީ. ރައްޔިތުންގެ މަޖިލިހުގެ މި އިންތިޚާބުގެ ވާދަވެރިކަން އޮތް ނަމަވެސް އަޅުގަނޑަކަށް ހަމަ އެއްވެސް ކަހަލަ ޝައްކެއް ނެތް ކޯލިޝަން މަސައްކަތް ކުރާނެ. ހިޔާލު ތަފާތުވުންތަކާ އެކީގައި އަޅުގަނޑުމެންނަށް ގޮތް ހޯދައިގެން ދެވޭނެ. އަޅުގަނޑަށް ހަމަ އުނދަގޫ ކަމެއް ނޫން އެއީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްޜާހިމް މުހައްމަދު ސޯލިހް މިދިޔަ ބުދަ ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޯލިޝަންގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަން ފެންނަ މަންޒަރުތަކުން އެނގޭ ކަމަށް ދެންނެވުމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކޯލިޝަން ވެސް އޮތީ ބަދަހިކޮށް ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ޕާޓީއެއްގެ ވަޒީރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން ސިޔާސީ އެ ހިޔާލު ތަފާތުވުންތައް އެކަހެރި ކޮށްފައި، އަޅުގަނޑުމެން ވީ ވައުދުތައް ފުއްދުމުގައި ހުރިހާ ބޭފުޅުން މަސައްކަތައިގެން ކުރިއަށް ގެންދަވާތީ. މިހާރު ނުކުމެގެން އުޅޭ މައްސަލަ އަކީ ރައްޔިތުންގެ މަޖިލިހަށް އަޅުގަނޑުމެންނަށް އެކީގައި ނުދެވުނު މައްސަލަ. އެހެންވީމާ ކޮންމެ ޕާޓީއަކުން ވެސް މެޖޯރިޓީ ނޫނިއްޔާ ގިނަ ގޮނޑި ނެގުމަށް ކުރާ މަސައްކަތް ކުރައްވަމުން ގެންދަވާ ތަން އަޅުގަނޑަށް ފެންނަނީ،" ކޯލިޝަން އޮތީ ބަދަހިކޮށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

"އެވަރުގެ ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅަކު އަޅުގަނޑު ގަބޫލެއް ނުކުރަން، ކުރާކަށް ބޭނުމެއް ވެސް ނުވޭ އެ ވަރުގެ ކަމެއް ކުރާނެ ކަމަކަށް،" ރައީސް

ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު މިހާ ކައިރިވެފައި އޮއްވައި، ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުމެއް ބޭއްވިޔަސް ނަތީޖާއެއް ފެންނާނެ ކަމަށް އެމަނިކުފާނު ދެކެވަޑައެއް ނުގަންނަވަ އެވެ. ލީޑަރުންގެ ބައްދަލުވުމެއް މި ފަހުން ނުބޭއްވީ އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، ރައީސް ވިދާޅުވި ގޮތުގައި އާންމު އިންތިޚާބަށް ފަހު ވަރަށް އަވަހަށް ލީޑަރުންގެ ބައްދަލުވުމެއް އޮންނާނެ އެވެ.

ކޯލިޝަންގެ ބައެއް ލީޑަރުން ބަހުގެ ހަމަލަތައް ދެއްވާއިރު ވެސް ކޯލިޝަންގައި މައްސަލައެއް ނެތްތޯ ދެންނެވުމުން ރައީސް ވިދާޅުވީ، އެއީ އިންތިޚާބު ކާމިޔާބު ކުރަން ދައްކަވާ ވާހަކަ ކަމަށެވެ. އަދި ސިޔާސީ ފިކުރު ތަފާތުވުމަކީ ވެސް އެގޮތަށް ވާހަކަ ދައްކަވާ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސިޔާސީ ފިކުރުގެ ވާދަވެރިކަމެއް މި އަންނަނީ މަޖިލިހަށް އައުމަށްޓަކައި. މަޖިލިސް ތެރޭގައި އަޅުގަނޑު މި ދެންނެވިހެން މަޖިލިހުގައި އެއް ކަމެއް ކުރަން ދެ ގޮތަކަށް ވިސްނާ މީހުން އެބަ ތިބި. ހުންނާނެ އެހެން. އެއް ތަނަކަށް ދާން ވެސް ހުންނާނެ ދެ މަގު. ކުރު މަގަކާއި ދިގު މަގަކާއި އަދި ކިތަންމެ ގޮތެއް ވެސް ހުރެދާނެ،" ރައީސް ވިދާޅުވި އެވެ.