ރިޝްވަތު ބެހުން ހުއްޓުވައި ދޭން އެދި އޭސީސީން ފުލުހަށް

އަންނަ ހޮނިހިރުދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ރިޝްވަތު ދޭ ކަމުގެ ޝަކުވާތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަމުން އަންނާތީ އެފަދަ މައްސަލަތައް ބެލުމަށް އޭސީސީން ފުލުހުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެ އެވެ.


އިންތިޚާބާ ބެހޭ އާއްމު ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއްގެ ބޭނުން ކުރީތީ ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެ އެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިޚާބާ ގުޅޭ ރިޝްވަތުގެ މައްސަލަތައް ހުއްޓުވުމަށް ހާއްސަ ގޮތެއްގައި ފާރަވެރިވެ އެފަދަ ކަމެއް ކުރިޔަ ނުދިނުމަށް މަސައްކަތް ކޮށްދިނުމަށް އެ ކޮމިޝަނުން ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާ ކަމަށެވެ.

ހިންގާފާނެ ކޮރަޕްޝަންގެ އަމަލަކަށް ފާރަވެރިވުމުގެ ގޮތުންނާއި އެ ކަންކަމަށް އާއްމުން ހޭލުންތެރި ކުރުމަށް އެ ކޮމިޝަނުން ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ރިޝްވަތު ދިނުން ނުވަތަ ވޯޓަށް ނުފޫޒު ފޯރުވުން ފަދަ އެއްވެސް ކަމެއް ކުރާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އޭސީސީއަށް ގުޅައި އެކަން ހިއްސާ ކުރުމަށްވެސް އެ ކޮމިޝަނުން އެދެ އެވެ.

އާއްމު އިންތިޚާބުގެ ކެމްޕޭންގައި ހިންގި ބައެއް ކަންކަމަކީ ރިޝްވަތު ކަމަށް ތުހުމަތުކޮށް ބައެއް ކެންޑިޑޭޓުން އޭސީސީ އަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް ދައުވާ ކުރަން އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވިކަން އެނގިފައެއް ނެތެވެ.