ތިމަރަފުށީ ދާއިރާގެ ގޮނޑި: ރިޔާޒަށް ލިބުނު ޝަރަފްވެރި މަގާމް!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަކީ ސިޔާސީ ހަޔާތުގައި މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ޝަރަފްވެރި މަގާމް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.


ކިނބިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރިޔާޒް މި އިންތިޚާބުގައި ވާދަ ކުރެއްވީ އުފަން ރަށް ހިމެނޭ ތިމަރަފުށީ ދާއިރާ އަށެވެ. އޭނާ އެ ދާއިރާ ކާމިޔާބު ކުރެއްވީ 300 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.

ތިމަރަފުއްޓާއި ވޭމަންޑޫ ހިމެނޭ އެ ދާއިރާ އަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ގާތްގަނޑަކަށް 12 އަހަރު ހޭދަ ކުރެއްވި މުހައްމަދު މުސްތޮފާ އެވެ.

ރިޔާޒްއާ ވާދަ ކުރެއްވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ: އޭނާ އަށް ވަނީ މި އިންތިޚާބު ނާކާމިޔާބުވެފައި.

އެކަމަކު މި އިންތިޚާބުގައި މުސްތޮފާ އަށް ކުރިމަތިވެވަޑައިގަތީ ބޮޑު ނާކާމިޔާބީ އެކެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައި ގޮނޑި ދިފާއު ކުރައްވަން ވާދަ ކުރެއްވި މެމްބަރުންގެ ތެރެއިން ވެސް ފެއިލްވީ ހަމައެކަނި އޭނާ ކަމަށް ވާތީ އެވެ.

ޖުމްލަ 2،708 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ އެ ދާއިރާ އިން ރިޔާޒަށް 1،043 ވޯޓު ލިބިވަޑައިގަތެވެ. މުސްތޮފާ އަށް ލިބިވަޑައިގަތީ 631 ވޯޓެވެ. މި ދެ ބޭފުޅުންގެ އިތުރުން އަމިއްލަ ގޮތުން ވެސް އެ ދާއިރާ އަށް ދެ ކެންޑިޑޭޓަކު ވާދަ ކުރެއްވި އެވެ.

މި އިންތިޚާބުގެ ކާމިޔާބީ އަކީ، ރިޔާޒް ސިފަކުރެއްވި ގޮތުގައި، ސިޔާސީ ހަޔާތުގައި މިހާތަނަށް ލިބިވަޑައިގަތް އެންމެ ބޮޑު އުފަލެވެ. އެ ދާއިރާ އަށް ވާދަ ކުރެއްވި އިރު ވެސް ވަރަށް ގޮންޖެހުންތައް ބޮޑުވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެ ދާއިރާގެ ގޮނޑި އަށް ކުރި ފޯރިގަދަ ކެމްޕޭންގައި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރި އެވެ. މުސްތޮފާ އަށް ތާއީދު ހޯއްދަވަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ތިމަރަފުއްޓަށް ވަޑައިގަތެވެ.

"ހުރިހާ ގޮންޖެހުންތަކުގެ ތެރޭގައި އަޅުގަނޑާއި ކެމްޕޭން ޓީމުން ކާމިޔާބު ކުރީ ވަރަށް ހިތްވަރުން. އުފަން ރަށް ހިމެނޭ ދާއިރާ އަށް ޚިދުމަތް ކޮށްދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދެއް. އެ ފުރުސަތު ދާއިރާގެ ރައްޔިތުން އަޅުގަނޑަށް ދިނުމަކީ ވަރަށް ޝަރަފްވެރި މަގާމެއްގެ ކަމަށް ދެކެނީ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތިމަރަފުށީ ދާއިރާގެ ރައްޔިތުން އެދުނު ގޮތަށް އެ ދާއިރާ ކުރިއަރުވައި ތަރައްގީކޮށް ހައްގުތައް ހޯދައިދޭން މަޖިލީހުގެ ތެރެއިން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމް ވެސް ފުރުއްވައި މީގެ ފަސް އަހަރު ކުރިން ރިޔާޒް ސިޔާސީ ދާއިރާ އަށް ނުކުންނެވީ ފުލުހުންގެ ޚިދުމަތުގައި ގިނަ އަހަރުތަކެއް ހޭދަ ކުރެއްވުމަށް ފަހު އެވެ. އޭނާ ހިމެނިވަޑައިގަންނަވަނީ ކުރީގެ ސަރުކާރުގައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ނަގާލައި، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދިން ހައްގުތައް ހިފަހައްޓައި ރައްޔިތުންނަށް ބޭއިންސާފުން ކުރަމުން ދިޔަ ކަންކަން ހުއްޓުވަން މަޖިލީހުގެ ތެރޭގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅާގެ ގޮތުގަ އެވެ. އެ މަސައްކަތުގައި އޭނާ ހައްޔަރު ވެސް ކުރި އެވެ.