އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ކަމެއް ނެތް: ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ގުނުމަށް ޝަކުވާ ހުށަހެޅި ނަމަވެސް، ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ކަމެއް ފާހަގަވެފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


އާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އިންތިޚާބުގެ ވަގުތީ ނަތީޖާ އަންނަމުން ދިޔަ ވަގުތުގައި 24 މައްސަލައެއް ހުށަހެޅި ކަމަށެވެ. އަދި ކޮމިޝަނުން މައްސަލަތައް ދިރާސާ ކުރުމަށް ފަހު، ނިންމީ ފަސް ދާއިރާއެއްގައި ބަހައްޓާފައި ހުރި ފޮށިތަކެއް ގުނަންކަން ޝަރީފް ފާހަގަކުރެއްވި އެވެ.

އެއީ މާވަށު ދާއިރާގެ ހުރިހާ ފޮއްޓަކާއި މާމިގިލި ދާއިރާގެ ހަތަރު ފޮއްޓަކާއި މަޑުއްވަރީ ދާއިރާގެ ދެ ފޮއްޓަކާއި ބާރަށު ދާއިރާ އާއި ފޮނަދޫ ދާއިރާގެ ދެ ފޮއްޓެކެވެ. އެހެން އެއްވެސް ފޮއްޓެއް ގުނަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ނުކުރެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އަޅުގަނޑުމެން ބެލި ފޮށިތަކުގެ ތެރެއިން ހަމައެކަނި މާމިގިލި ދާއިރާގެ ހަތަރު ފޮށީގައި އެކަނި، ގުނަމުން ދިޔަ އިރު އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ފޮށީގެ ވެރިޔާ އަށް ނުވަތަ ފޯކަލް ޕޮއިންޓަށް ޝަކުވާ ހުށަހަޅާފައި އޮތީ. އެހެން އެއްވެސް ފަރާތެއް ފޯކަލް ޕޮއިންޓަކަށް ޝަކުވާއެއް ހުށަހަޅާފައި ނެތް. އަދި ކަން ހިނގި ގޮތުގެ ރިޕޯޓުގައި އެފަދަ ކަމެއް ފާހަގަކުރައްވާފައެއް ނެތް: ޝަރީފް

"މިއިން އެއްވެސް ކަމަކީ ކާމިޔާބު ހޯއްދެވި ކެންޑިޑޭޓަކަށް ގޮނޑި ގެއްލޭ ކަހަލަ ނަތީޖާއެއް އެއްވެސް ދިމާލަކުން މިކަމާ ގުޅިގެން އައިސްފައި ނުވޭ. އަދި ތަފާތު ބޮޑުވުން ފިޔަވައި ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ކަމެއް ފާހަގަކުރެވިފައެއް ނުވޭ،" އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެމްބަރުންނާ އެކު މީޑިއާއާ ބައްދަލުކުރައްވައި ޝަރީފް ވިދާޅުވި އެވެ.

"ހުށަހެޅި ޝަކުވާއާ ގުޅިގެން އެއްވެސް ދާއިރާއެއްގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށްފައި ނުވޭ،"

ޝަރީފް ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ގިނައިން ހުށަހަޅާފައި ހުރީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ދާއިރާތަކުގެ ފޮށިތައް ގުނާށެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވޯޓުތައް އަލުން ގުނުމުގެ މަސައްކަތް ކުރަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލީހުގެ އިންތިޚާބުގެ ބައެއް ދާއިރާތަކުގެ ވޯޓު އަލުން ގުނާއިރު ނަތީޖާގައި ފަރަގު ބޮޑުވެ، ބާތިލް ވޯޓު ކަނޑައެޅި ގޮތާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. މި ތަފާތު އެންމެ ބޮޑަށް ފާހަގަވީ މާމިގިލީ ދާއިރާ އިން ހޮވިވަޑައިގެންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވި ވޯޓު ގިނަވެގެންނެވެ. ގާސިމްގެ ވޯޓުތައް ގިނަވީ ބާތިލް ވޯޓުތަކުގެ ތެރޭގައި ސައްހަ ވޯޓުތަކެއް ހުރިކަން އެނގުމުންނެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބާ ދޭތެރޭގައި އެއްވެސް ބަޔަކު ޝައްކެއް އުފައްދައިފި ނަމަ، އެ ޝައްކަކީ ނަތީޖާ އަށް އަސަރުކޮށްފާނެ ފަދަ ޝައްކަކަށް ވެއްޖެ ނަމަ، ނަތީޖާ ޔަގީން ކުރެވޭނެ ހުރިހާ ގޮތްތަކެއް ބޭނުން ކުރާނެ ކަމަށެވެ. އެހެންވެ، ބައެއް ފޮށިތައް ގުނީ ނަތީޖާ ޔަގީން ކުރަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލި ފޮށިތަކުގެ ތެރެއިން ހަމައެކަނި މާމިގިލި ދާއިރާގެ ހަތަރު ފޮށީގައި އެކަނި، ގުނަމުން ދިޔަ އިރު އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ފޮށީގެ ވެރިޔާ އަށް ނުވަތަ ފޯކަލް ޕޮއިންޓަށް ޝަކުވާ ހުށަހަޅާފައި އޮތީ. އެހެން އެއްވެސް ފަރާތެއް ފޯކަލް ޕޮއިންޓަކަށް ޝަކުވާއެއް ހުށަހަޅާފައި ނެތް. އަދި ކަން ހިނގި ގޮތުގެ ރިޕޯޓުގައި އެފަދަ ކަމެއް ފާހަގަކުރައްވާފައެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އިންތިޚާބެއްގައި ވޯޓު ފޮއްޓެއް ގުނުމަކީ ވަރަށް އާދަޔާ ހިލާފު ކަމެކެވެ. އަދި އެފަދަ ކަމެއް ކުރެވޭނީ އެކަށީގެންވާ ހެކި ނުވަތަ އެވަގުތަކު ކަމެއް ހިނގިކަން ރިޕޯޓުކޮށްފައި އޮތް ނަމަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވޯޓު ފޮށިތައް އަލުން ގުނަން ބައެއް މީހުން ހުށަހެޅީ އިންތިޚާބުން ބަލިވީމާ، އިތުރު ފުރުސަތެއް ލިބޭތޯ އެވެ.

އިންތިޚާބީ މަރުކަޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލިހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ 65 ގޮނޑި ހޯދައިފަ އެވެ. މިއީ މަޖިލިހުގެ އިންތިޚާބުގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ގޮނޑި އެއް ޕާޓީއަކުން ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން ބޭއްވި 2009 އަދި 2014 ގެ އިންތިޚާބުގައި އެމްޑީޕީ އަށް ހޯދުނީ އެންމެ 26 ގޮނޑި އެވެ.

އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ފަސް ގޮނޑި ހޯދި އިރު، ޕީޕީއެމުން ވެސް ވަނީ ފަސް ގޮނޑި ހޯދައިފަ އެވެ. އަދި ކޮންގްރެސް ޕާޓީން ތިން ގޮނޑި ހޯދި އެވެ. އެމްޑީއޭ އަށް ދެ ގޮނޑި ލިބުނު އިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް ބޭފުޅަކު ވެސް ކާމިޔާބު ހޯއްދެވި އެވެ.

އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިތާބުތަކުން ދައްކަ އެވެ. މި އިންތިޚާބުގައި 105،077 އަންހެނުންނާއި 107،002 ފިރިހެނުން ވޯޓު ލި އެވެ. އެއީ ޖުމްލަ 212،079 މީހުންނެވެ.

އިންތިޚާބުގައި 87 ދާއިރާ އަށް 264،442 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ.