ވޯޓު އޮފިޝަލުންނަށް ޕާޓީތަކުގެ މެމްބަރުން ހަރަކާތްތެރިވި: އީސީ

މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވި އޮފިޝަލުންގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ހިމެނޭ ކަމަށާއި އެމީހުން އަމަލު ކުރި ގޮތާ ގުޅިގެން ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.


އާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އޮފިޝަލުން ހޯދަން ކުރި ފުރަތަމަ އިއުލާންގައި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުމަށް ޝަރުތު ކޮށްފައިވާނެ ކަމަށެވެ. އިންތިޚާބަށް 4،000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވި ނަމަވެސް އެ އިއުލާނާ ގުޅިގެން ކުރިމަތިލީ އެންމެ 400 މީހުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެހެންވެ، ނިންމީ ސިޔާސީ ޕާޓީއެއްގައި އުޅުނަސް، އިސް އެކްޓިވިސްޓެއް ނުވަތަ އިސް މަގާމެއްގައި ހަރަކާތްތެރިނުވާ ކޮންމެ ފަރާތަކީ އޮފިޝަލެއްގެ ގޮތުގައި ބެހެއްޓިދާނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބުގައި 4634 އޮފިޝަލުން ހަރަކާތްތެރިވި އެވެ.

ވޯޓު އޮފިޝަލުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ނެގުމަކީ ވޯޓަށް ނުފޫޒު ފޯރާނެ މައްސަލައެއް ކަމަށް ބުނެ މިދިޔަ ރިޔާސީ އިންތިޚާބުގައި ޝަކުވާ ބޮޑުވި މައްސަލަ އެކެވެ. އެކަމަކު އެ ފަހަރު އިލެކްޝަނުން ބުނެފައި ވަނީ، އޮފިޝަލުންގެ ގޮތުގައި އެއްވެސް ޕާޓީއެއްގެ މީހަކު ނަގާފައި ނުވާނެ ކަމަށެވެ.

ބާ ޖަމާލުއްދީންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު ޝަރީފް (ކ-3) ވާހަކަ ދައްކަވަނީ. ވަކި ފިކުރަކާ އެއްގޮތަށް އޮފިޝަލުން މަސައްކަތްކޮށްގެން ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޝަރީފް ވިދާޅުވި ގޮތުގައި ފޮށީގެ އިސްވެރިއަކަށް ނުވަތަ ފޮށި ކައިރީގައި ހަރަކާތްތެރިވި އޮފިޝަލަކު ޕާޓީއެއްގެ ފިކުރާ އެއްގޮތަށް މަސައްކަތްކޮށްގެން މި އިންތިޚާބުގައި ޝަކުވާއެއް ހުށަހަޅައިފައެއް ނުވެ އެވެ. އަދި ވަކި ކަމެއް އޮފިޝަލަކު ކޮށްދިން ކަމުގެ ޝަކުވާއެއް ވެސް ނެތް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ފޮއްޓެއްގެ ވެރިއެއްގެ ގޮތުގައި ނުވަތަ ފޮއްޓެއްގެ ކައިރީގައި ހަރަކާތްތެރިވެގެން އޭނަގެ ފިކުރާ އެއްގޮތަށް އަމަލުކޮށްގެން އައިސްފައިވާ ނަތީޖާއަކާ ދޭތެރޭގައި ސުވާލު އުފައްދާފައި ނުވޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އޮފިޝަލުން ނުލިބިގެން ސިވިލް ސާވިސް ކޮމިޝަނާއި ސަރުކާރުގެ މިނިސްޓްރީތަކާއި ސްކޫލްތަކުގެ މުވައްޒަފުންނާއި ކުންފުނިތައް ބަލައިގެން މުވައްޒަފުން ގެންގުޅޭ ހުރިހާ ދާއިރާތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަސްމީކޮށް އެދުނެވެ.

"ވަކި ބަޔަކަށް މަޖުބޫރުކޮށްގެން މުއައްސަސާއަކުން އޮފިޝަލުން ނަގާފައި ނުވާނެ،" ޝަރީފް ވިދާޅުވި އެވެ.

"ފޮއްޓެއްގެ ވެރިއެއްގެ ގޮތުގައި ނުވަތަ ފޮއްޓެއްގެ ކައިރީގައި ހަރަކާތްތެރިވެގެން އޭނަގެ ފިކުރާ އެއްގޮތަށް އަމަލުކޮށްގެން އައިސްފައިވާ ނަތީޖާއަކާ ދޭތެރޭގައި ސުވާލު އުފައްދާފައި ނުވޭ،" --- ޝަރީފް

ޝަރީފް ވިދާޅުވީ ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު ފޮއްޓަކަށް އިތުރުކޮށްގެން، އެ ސިޔާސީ ފިކުރަށް ފައިދާވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް އިންތިޒާމުތަކެއް ހަމަޖައްސާފައި ނުވާ ކަމަށެވެ. އިންތިޚާބަށް ތިން ދުވަހަށް ވެފައިވަނިކޮށް، އޮފިޝަލުންގެ ލިސްޓެއް ކެންޑިޑޭޓުންނަށް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލުންނަށް ވާން ހުޅުވައިލި ފުރުސަތުގައި ތަރުހީބު ކުޑަ އެއް ސަބަބެއްގެ ގޮތުގައި ކޮމިޝަނުން ފާހަގަ ކުރަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް ކުރިމަތިވި ގޮންޖެހުންތަކެވެ. ރިޔާސީ އިންތިޚާބު އޮޅުވާލީ ކަމަށް ބުނެ ޕީޕީއެމުން ހިންގި މުޒާހަރާތަކާއި އެ ނޫން ވެސް ހަރަކާތްތަކުގައި އޮފިޝަލުން ހިމެނޭ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ބިރު ދައްކައި އިންޒާރު ދިނުމުން އޮފިޝަލުން ލިބިމުގައި ދަތިތައް ކުރިމަތިވި ކަމަށް އީސީން ގަބޫލު ކުރެ އެވެ.