ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރެވޭނެ ގޮތް ދިރާސާކުރަން ސައިންޓިސްޓުންގެ ޓީމެއް

ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން އެ ރަށު ކުޅީގެ ބައެއް ހިއްކާފައި އޮތް އިރު، ނުހިއްކާ އޮތް ބައި ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ދިރާސާތަކެއް ހަދަން ސައިންޓިސްޓުންގެ ޓީމެއް މިއަދު އެރަށަށް ހިނގައްޖެ އެވެ.


އެ ޓީމުގައި ހިމެނެނީ މެންގްރޫވް އެކްޝަން ޕްރޮޖެކްޓާއި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒިވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ސައިސިސްޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯގެ ޕްރޮފެސަރަކާއި ޗައިނީސް ޔުނިވާސިޓީ އޮފް ހޮންކޮންގްގެ ޕްރޮފެސަރެއްގެ އިތުރުން ކުޅިތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ދެ ތަޖުރިބާކާރުންނެވެ.

މި ޓީމުގެ މަސައްކަތުގައި ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓްރީގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަނެ އެވެ. އެޓީމަށް ކުޅުދުއްފުށިން ވަނީ ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ.

މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅިތަކާއި ފާތައް ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.

ކުޅުދުއްފުށިން އެ ޓީމަށް ހޫނު މަރުހަބާއެއް ކިޔުން--

ތަޖުރިބާކާރުންގެ ޓީމުން ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބަޔަށް ދިރުން ގެންނަން ކުރެވޭނެ ކަންކަން ދެނެގަތުމަށް ދިރާސާތައް ހަދާނެ އެވެ. އެ ޓީމުން އަންނަ އާދިއްތަ ދުވަހާ ހަމައަށް އެރަށުގައި މަސައްކަތް ކުރާނެ އެވެ.

ކުޅުދުއްފުށި ކުޅި ހިއްކި ފަހުންނާއި ނުހިއްކާ އޮތް އިރު: ކުޅީގެ ނުހިއްކާ އޮތް ބައި ހިމާޔަތްކުރެވޭނެ ގޮތް ހަދަން ދިރާސާކުރާނެ - ފޮޓޯ: ސޭވް މޯލްޑިވްސް

އެއާޕޯޓް އަޅަން ކުޅުދުއްފުށީ ކުޅީގެ 30 ޕަސެންޓް ވަނީ ހިއްކައިފަ އެވެ. ނުހިއްކާ އޮތް 70 ޕަސެންޓަށް ނޭދެވޭ އަސަރުތަކެއް ކޮށް، ދާދި ފަހުން ވެސް ވަނީ މަސްތަކެއް މަރުވެފަ އެވެ.

ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މަށިކުޅީގެ އިތުރުން ރާއްޖޭން ނެތުމުގެ ބިރު އޮތް ގިނަ ގަސްތަކެއް ވެސް ހިމެނޭ ސަރަހައްދެކެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ކުޅި ހިއްކުމަށް ކުރީގެ ސަރުކާރުން ނިންމުމުން އެކަން ހުއްޓުވަން ތިމާވެށީގެ ޖަމިއްޔާތަކުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް އެކަމަށް ބެލުމެއް ނެތި އެއާޕޯޓް މަޝްރޫއު ކުރިއަށް ގެންދިޔަ އެވެ.