އަވަސް ފަރުވާ ދިނުމަށްޓަކައި ބަލި މީހާ އޮތް ތަނަށް، ޑޮކްޓަރު، ނުވަތަ ނަރުހުން ދިއުމަށް އޭޑީކޭއިން ސައިކަލް ބޭނުން ކުރަން ނިންމައިފި އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް މިއަދު ހެންވޭރު ދަނޑުގައި ބޭއްވި ފެއާގައި އޭޑީކޭއިން ވަނީ އެ ހޮސްޕިޓަލުން އަލަށް ފަށަން ނިންމާފައިވާ ޕެރަމެޑިކް ސައިކަލްގެ ހިދުމަތް ދޭނެ ގޮތް ދައްކާލައިފަ އެވެ. ޕީސީއެކްސް ސައިކަލް މޮޑިފައިކޮށްފައި ވަނީ ހިދުމަތް ދޭން ބޭނުން ކުރާ ތަކެތި އެޅޭނެ ފޮއްޓެއް ވެސް ސައިކަލުގެ ފަހަތުގައި ހަރުކޮށްގެންނެވެ.
އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ ޕެރަމެޑިކް ސައިކަލްތަކުގެ ހިދުމަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަވަސް ފަރުވާ ދިނުމަށް ސައިކަލްތަކެއް ހާއްސަ ކުރަން ނިންމީ ބަލި މީހާ އޮތް ސަރަހައްދަށް ދިއުމަށް އެމްބިއުލާންސަށް ނަގާ ވަގުތު ގިނަ ވުމުގެ ސަބަބުން ދިމާވާ ކަންކަން ހައްލު ކުރުމަށް ކަމަށް އަފްއާލް ވިދާޅުވި އެވެ.
އެ ހިދުމަތް ފެށުމާ އެކު، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް އެ މީހާ އޮތް ސަރަހައްދަކުން އަވަހަށް ފަރުވާ ދޭން ފެށޭނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.
"މިހާރު ޕިކަޕަކަށް ލައިގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް އަވަހަށް ހޮސްޕިޓަލަށް މި ގެންނަނީ. އެކަމަކު ބައެއް ފަހަރުތަކުގައި އެބަޖެހޭ ސީންގައި ވެސް ފަރުވާ ދޭން. މިހިދުމަތާއެކު ޕެރަމެޑިކް ސީނަށް ގޮސް ފަރުވާ ދޭނެ،" އަފްއާލް ވިދާޅުވި އެވެ.
އެކަމާ ބެހޭ އިތުރު މައުލޫމާތުތައް ފަހުން ދޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
މާލޭގެ ޓްރެފިކްގެ ސަބަބުންނާއި ހަނި ގޯޅިތައް ގިނަވުމުގެ ސަބަބުން އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ވަނީ ގިނަ ދަތިތަކާ ކުރިމަތިވެފަ އެވެ. އެމްބިއުލާންސަށް ދެވޭލެއް ލަސްވެ، ފަރުވާ ލަސްވުމުން މީހުންގެ ފުރާނައަށް ނުރައްކާވުން ފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.