ހުނަރުވެރި ކުރެހުންތެރިޔާ ޒުލެއިހާ އަލީގެ ކުރެހުންތައް ހިމެނޭ މައުރަޒެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެޝަނަލް އާޓް ގެލެރީގައި ރޭ ހުޅުއްވައި ދެއްވައިފި އެވެ.
ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނީ ޒުލެއިހާގެ ކުރެހުންތަކުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ހާއްސަ މެސެޖްތަކެއް ލިބޭނެ ކަމަށެވެ. މި މައުރަޒުގެ ޝިއާރަކީ "އަ ވަލްނަރަބަލް ބިއުޓީ މޯލްޑިވްސް" އެވެ.
މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ނާޒުކު ތިމާވެއްޓާއި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަދަލުތަކަށް މީހުންގެ ވިސްނުން ހުޅުވާލުމުގެ މަގްސަދުގައި ބާއްވާ މައުރަޒެއް ކަމަށް ވެސް އެންސީއޭ އިން ބުންޏެވެ.
ޒުލެއިހާ އަކީ އިޓަލީ އާއި ފްރާންސް ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ އެކިއެކި މައުރަޒުތަކުގައި ބައިވެރިވެ ތަޖުރިބާ ހޯދާފައިވާ ކުރެހުންތެރިއެކެވެ.
އެންސީއޭ އިން ބުނި ގޮތުގައި ޒުލެއިހާގެ ފަސް ކުރެހުމެއް ޗައިނާގެ ކަލްޗަ އެންޑް ޓްރޭޑް މިނިސްޓްރީގެ ޕާމަނެންޓް ކަލެކްޝަންގައި ހިމެނިފައިވާ އިރު، އިތުރު ދެ ކުރެހުމެއް ސިންގަޕޫރުގައި ހުންނަ "ޔު ޕި" ކަލްޗަގެ ޕާމަނެންޓް ކަލެކްޝަންގައި ވަނީ ހިމެނިފަ އެވެ.
ޒުލެއިހާ ވަނީ ބައިނަލްއަގްވާމީ ގިނަ އެވޯޑުތަކެއް ވެސް ހާސިލްކޮށްފަ އެވެ.
ރޭ އޮތް ހަފްލާގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ފަންނާނުންނަކީ ގައުމުގެ ތަރައްގީގެ ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭ ބައެއް ކަމަށެވެ. އެއީ ބައިނަލްއަގުވާމީ އަދި ގައުމީ މައްސަލަތަކަށް އާންމުންގެ ލޯ ހުޅުވައިދީ މިކަންކަމަށް ބަހުސްތައް ފެށުމަށް ލޯ ހުޅުވައިދޭ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމުގެ އިހްތިްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ފަންނާނުންގެ ދައުރު މިއަށް ވުރެ އިތުރު ކުރަން ޖެހޭ،" ޔުމްނާ ވިދާޅުވި އެވެ.
އާޓް ގެލެރީގައި މައުރަޒް ހުޅުވާފައި ހުންނާނީ މިރެ އާއި މާދަމާ އެވެ.