ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާ އަކީ ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ ބަވަނަވެފައިވާ ދުނިޔެއެއްގައި، ތަފާތު އެކި އޮއިވަރުތަކެއް ހުރި އިރު، ދިވެހިންގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް، އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ތިބެން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ މި އަގުބޮޑު ހަދިޔާ، އަޅުގަނޑުމެންނަށް މި ލިބިފައި އޮތް އިސްލާމީ ހިދާޔަތުގެ އަލިކަން، ތާއަބަދު އޮތުމަކީ އެއީ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނެ ކަންތައް،" ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފައިސަލް ވިދާޅުވި އެވެ.
އަލި ރަސްގެފާނާއި ބޮޑުތަކުރުފާނު ކުރެއްވި ޖިހާދާއި ނޮވެމްބަރު 3، 1988 ގައި ޝަހީދު ހުސެއިން އާދަމް ކުރެއްވި ޖިހާދުން މިސާލު ނަންގަވައި ނައިބު ރައީސް ވިދާޅުވި ގޮތުގައި އެ ބަތޮލުން ކުރެއްވީ ގައުމީ ހިދުމަތެކެވެ. މިފަދަ ކަންކަން ހިންގުމުގައި ދިވެހިންގެ ތެރެއިން ކޮންމެވެސް ބަޔަކު އެކަމުގެ ތެރެއަށް ވަދެ ގޯސްތަކެއް ހަދާފައިވާ ކަން ހާމަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ މާޒީގައި ލިބުނު ފިލާވަޅުތައް ސްކޫލް ކުދިންނަށް ދީ، އެކަންކަން ދަސްކޮށް އެކަމާ ބެހޭ ގޮތުން ލިޔަން ޖެހޭ ކަމަށެވެ. އަދި ދިވެހިންނަށް ލިބިފައިވާ ހިތްހަމަޖެހުމަށް ވަނީ ތާރީޚާއި ތާރީޚުގެ މުއްސަނދިކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ގައުމެއް، އެ ގައުމުގެ ގޮތުގައި އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިން ގޮތް، ގެނެސްދިން ފަރާތްތަކަކީ އެއީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ކަމެއް. އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ގައުމާއިގެން ކުރިއަށްދާ އިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް މި ކަންތައްތަކާ ވިސްނައި ފިކުރުކުރަން އެބަ ޖެހޭ،" ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަ ކުރަނީ ދިވެހީންގެ ހިތްތަކުގައި އޮތް އިސްލާމީ އަގީދާ އާއި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި، ކާފަރުންނާ ހަނގުރާމަ ކުރައްވައި ޝަހީދުވެވަޑައިގެންނެވި އަލީ ރަސްގެފާނުގެ ހަނދާނުގަ އެވެ.