ސިންގަޕޫރުން ޒިކާ ވައިރަސް ޖެހިފައިވާ މީހުން ފެނުނު ސަރަހައްދަށް ފޮގް ކުރަނީ. ސިމްގަޕޫރުން މި ބަލި ފެނިފައިވާ ކަން ވަނީ ކަށަވަރުވެފައި --ފޮޓޯ:އޭއެފްޕީ
31 އޯގަސްޓް 2016 - 19:53
ދިވެހިން އާންމުކޮށް ޒިޔާރަތްކުރާ ސިންގަޕޫރުން މި ހަފުތާ ތެރޭގައި ޒިކާ ބަލި ފެނިފައި ވާތީ އެ ބައްޔާ މެދު ދިވެހިން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ޑެންގީ ޖައްސާ މަދިރީގެ ޒަރިއްޔާ އިން ފެތުރޭ، ޑެންޑީ ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެއް ފެންނަ ޒިކާ ސިންގަޕޫރުގައި ފެތުރެމުންދާކަން ކަށަވަރުވުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަަޅުތައް ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި މި ބަލި އުޅޭކަން މިހާތަނަށް ކުރި ޓެސްޓުތަކުން ނުދައްކާ ކަމަށާއި ނަމަވެސް ދިވެހިން އާންމުކޮށް ޒިޔާރަތް ކުރާ ގައުމަކުން ޒިކާ ފެނިފައިވާތީ، މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
ޒިކާ ވައިރަސް އަކީ ޑެންގީ ވައިރަސްއާ އެއް އާއިލާއެއްގެ ވައިރަސް އެކެވެ. މި ބަލީގެ ވައިރަސް ފެތުރެނީ ޑެންގީ ފަތުރާ އީޑީސް މަދިރިންނެވެ. އެހެންވެ، މާލެ އާއި އަތޮޅުތަކުގައި މަދިރި ކޮންޓްރޯލް ކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމް މިހާރު ވަނީ އައިޖީއެމްއެޗްގައި ގާއިމުކޮށްފަ އެވެ.
ޒިކާ ވައިރަސް ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު ބްރެޒިލްގަ އެވެ. ސިންގަޕޫރުން ޒިކާ ވައިރަސް ޖެހިގެން ފުރަތަމަ ރިޕޯޓްކުރީ މެއި މަހު އެވެ. އެކަމަކު މިހާރު ދަނީ މި ބަލީގެ ކޭސްތައް އިތުރުވަމުންނެވެ.
މި ބަލީގެ އަލާމާތްތަކަކީ ޑެންގީގައި ވެސް ފެންނަ ފަދަ އަލާމާތްތަކެކެވެ. އެގޮތުން ހުން އައުމާއި، ގައިގައިި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގައި އަދި ބޮލުގައި ރިއްސަ އެވެ. މާބަނޑު މީހަކަށް ޒިކާ ޖެހިއްޖެ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް މައިރްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވާކަން ވަނީ ކަށަވަރުވެފަ އެވެ. އެހެންވެ މި ބަލި އުޅޭ ގައުމުތަކަށް، މާބަނޑު މީހުން ދަތުރު ނުކުރުމަށާއި މާބަނޑު މީހުން ބައްޔާ މެދު އިތުރަށް ސަމާލުވުމަށް ތަޖުރިބާކާރުން އިލްތިމާސްކުރެ އެވެ.
އެޗްޕީއޭ އިން ވަނީ މަދިރި ކޮންޓްރޯލް ކުރުމަށް، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި މަދިިރި ހެފުމުން ރައްކާތެރިވުމަށް ރިޕެލެންޓު ބޭނުންކޮށް، ދޫކޮށް އަދި މުޅި ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމަށް އެދިފަ އެވެ. އަދި ކުޑަކުދިންނާއި މާބަނޑު މީހުނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދިގު މުއްދަތަކަށް ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުން ބައްޔާ މެދު އިތުރަށް ސަމާލުވާން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ
01 September 2016
އެޗް.ޕީއޭ އިން މިކަމަށް ސަމާލުވުމަށް އެދުނީ އާއްމު ފަރާތްތަކުގެ ކިބައިންނެވެ. މިކަމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭއެއްވެސްކަމެއް ކޮށެއްނުދެއްވައެވެ. މިއީ ވިއްސާރަ ދުވަސްވަރެކެވެ. މަދިރީގެ އުނދަގޫ ކުއްލިއަކަށް ގިނަވެގެންދާނެއެވެ. އެއްމެ ކުޑަމިނުން މަދިރީގެ ސަބަބުން ހައެއްކަ މީހުން މަރުވުމުން މެނުވީ މަދިރިކޮންޓްރޯލް ކުރަން އެއްވެސްކަމެއްކޮށެއްނުދޭނެއެވެ. ކޮންމެ ކަމެއްގެ ފުރަތަމަ ކަމަކީ ޕްރިވެންޝަން ނުވަތަ ރައްކާތެރިވުމުށް އަޅުއްވާ ފިޔަވަޅެވެ. ރާއްޖޭގައި މި ފިޔަވަޅު އަަޅަނީ އެއްމެފަހުން ދެން އިތުރުގޮތެއްނެތުނީމައެވެ. ކަންނިމިގެންދާއިރު ކުރަންޖެހުނު ހަރަދާއި ވީގެއްލުން 100 ގުނަ އިތުރުވާނެއެވެ.
އަހުމަދު
01 September 2016
މުޅި ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމަށް އެންގުމުން، މިއުޅޭ ފަރަންޖީން ހާދަ ރުޅިއެއް އަންނާނެއޭދޯ.