މަހުލޫފްގެ ސަސްޕެންޝަން އުވާލައިފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގެވުމުން ސަސްޕެންޑްކުރި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ސަސްޕެންޝަން އުވާލައިފި އެވެ.


ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު، "މިހާރު" އަށް ވިދާޅުވީ މަހުލޫފްގެ ސަސްޕެންޝަން މިއަދު އުވާލާފައިވާ ކަމަށެވެ. އަދި މަހްލޫފު ކުރިއެކޭ އެއްގޮތަށް ހުންނަވާނީ ޔޫތޫ އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ކަމަށް ހޫދު ވިދާޅުވި އެވެ.

"އޭސީސީ ވެސް ވިދާޅުވީ މަހްލޫފުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް. ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު ސަސްޕެންޝަން އުވާލީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ 14 އިން ފެށިގެން ސަސްޕެންޝަންގައި ހުންނެވި މަހުލޫފް މިއަދު ވަނީ ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އެކަމަކު ޔޫތު މިނިސްޓްރީއަށް މިއަދު ވަޑައިގެންކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރެއް ނުވެ އެވެ.

މަހުލޫފް ސަސްޕެންޝަންގައި ހުންނެވި އިރު ޔޫތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

މަހްލޫފް ވަނީ އޭނާއަށް އިތުބާރުކުރެއްވީތީ ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހަށް ޝުކުރު ދަންނަވައިފަ އެވެ.

"ތެދުވެރިކަމާ އެކު މަސައްކަތުގައި ދެމިހުންނާނަން،" މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

"އިތުބާރުކުރެއްވި އެންމެ ބޭފުޅުންނަށް ޝުކުރިއްޔާ."

އޭނާ ސަސްޕެންޑްކުރީ އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނުމުންނެވެ. އެކަމަކު މަހުލޫފް ވިދާޅުވީ އޭނާގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައި ވަނީ، ޑޮލަރު ގަތުމަށް ހިންގެވި ސައްހަ މުއާމަލާތެއްގެ ތެރެއިން ކަމަށެވެ. އަދި އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މަހުލޫފުގެ އެދިވަޑައިގަތުމަކަށް އޭނާގެ މައްސަލަ ބެލުމަށް ފަހު އޭސީސީން ވަނީ އެކަމުގައި އޭނާގެ ހިޔާނާތުގެ ކަމެއް ނެތް ކަމަށް ނިންމާފަ އެވެ. ނަމަވެސް ރައީސް އޮފީހުން އޭރު ބުނެފައިވަނީ ސަރުކާރުން ބަލަން ޖެހޭ ކަންކަން ބަލައި ނުނިމޭ ކަމަށެވެ.

މަހްލޫފްގެ އިތުރުން، އެމްއެމްޕީއާރުސީގެ ރިޕޯޓާ ގުޅިގެން ސަސްޕެންޑްކުރި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އުވާލައްވައިފަ އެވެ.