އަކްރަމްގެ ސަސްޕެންޝަން ވެސް އުވާލައިފި

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތްތައް ހިންގި ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) އިން ފައިސާ ޖަމާކުރި މީހުންގެ ތެރޭގައި ހިމެނޭ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އުވާލައްވައިފި އެވެ.


ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އަކްރަމްގެ ސަސްޕެންޝަން މިއަދު އުވާލައި ވަޒީފާއަށް ނުކުތުމަށް އަންގާފައިވާކަން ޔަގީންކޮށްދެއްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަސްޕެންޝަން ވެސް މިއަދު ވަނީ އުވާލައިފަ އެވެ. މަހުލޫފްގެ މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އޭސީސީން ނިންމާފައިވެ އެވެ.

އެސްއޯއެފްގެ އެކައުންޓުން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީގެ ތަހުގީގީ ރިޕޯޓުން އެނގެ އެވެ. އެ މައްސަލަ ނިންމި ގޮތެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

އެސްއޯއެފާ އެކު ޑޮލަަރުގެ މުއާމަލާތްކުރި އެންމެން ވެސް ބުނަނީ އެއީ އެމްއެމްޕީއާރުސީގެ ފައިސާކަން ނޭނގޭ ކަމަށާއި އެ މީހުން ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތްތައް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ގުޅުން ހުރި މުއާމަލާތްތަކުގެ ސަބަބުން މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހަތަރު ބޭފުޅަކު ސަސްޕެންޑް ކުރި އެވެ. މަހުލޫފާއި އަކްރަމްގެ އިތުރުން ދެން ހިމެނެނީ ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމެވެ.

ހޫދު ވިދާޅުވީ މައުސޫމާއި އާޒިމްގެ ސަސްޕެންޝަން އަދި އުވާނުލާ ކަމަށެވެ.

ދައުލަތުގެ ފައިސާ ވަގަށް ނަގައި މަނީ ލޯންޑަރިން ހިންގި އެސްއޯއެފްގެ އެކައުންޓުން 155 މީހަކަށް ފައިސާ ޖަމާކޮށްފައިވެ އެވެ.