ޕީޕީއެމް ހަމަޔަކަށް ނޭޅި، ހިޔާލު ތަފާތުވުންތަކެއްގައި!

މިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި މައްސަލަ ހައްލު ނުވެ ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން އިއްޔެ ވިދާޅުވެއްޖެ އެވެ.


"މިހާރު" އާ ވާހަކަ ދެއްކެވި ކައުންސިލްގެ މެމްބަރުން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން، އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ކައުންސިލް ބައްދަލުވުމުގައި "ބޮޑު ހައިޖާނުގަނޑެއް" އުފެދުނު ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރެއްވީ ރިޔާސީ އިންތިޚާބުގައި 96،000 ވޯޓާ އެކު ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އެމަނިކުފާނު އަދިވެސް ގަބޫލުފުޅު ނުކުރެއްވުމެވެ.

"ޑިމޮކްރަސީގެ ސަޅި، ރަނގަޅު ގޮތަކީ ވެސް ހިޔާލު ތަފާތުވުން އޮވެގެން ކުރިއަށް ދިއުން. ޕާޓީގެ ތެރޭގައި މާޔޫސްކަން އެބައޮތް. ޖަޒްބާތުތަކެއް ވެސް ހުންނާނެ. ހިޔާލު ތަފާތުވުން އެބަހުރި. އެކަމަކު ކުޑަ ކުޑަ ވަގުތުކޮޅެއް ނަގާނެ އެ ހިޔާލު ތަފާތުވުންތައް ނައްތާލަން،" ---ޝިޔާމް

"ކައުންސިލް ބައްދަލުވުމުގައި ޔާމީން ވިދާޅުވި ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލު ނުކުރާ ވާހަކަ. ކޮންމެވެސް މަކަރެއް ނޫނީ އޮޅުވާލުމެއް ހިނގާފައިވާ ކަމަށް. އެކަމަކު އަޅުގަނޑުމެން ޔާމީން އަރިހުން ދެންނެވިން އެންމެން އޮބްޒާވް ކުރި އިންތިޚާބެއްގައި ކޮން މަކަރެއްތޯއޭ ހެދޭނީ؟" މެމްބަރަކު ވިދާޅުވި އެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި އެ މެމްބަރު ފާހަގަކުރެއްވީ ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާ ޕީޕީއެމްގެ އެކި ކަންކަންމަށް ޚަރަދު ކުރަން އެމަނިކުފާނު ދެކޮޅުހެއްދެވުމެވެ. ޔާމީން ގަބޫލުފުޅު ކުރައްވަނީ، އެއީ އެމަނިކުފާނުގެ ފައިސާގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ހަގީގަތަކީ، އެއީ ޕީޕީއެމްގެ ކަންކަމަށާއި އާންމު އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް ޚަރަދު ކުރުމަށް ހެޔޮ އެދޭ މީހުން ދިން ފައިސާ،" ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އިޝާރާތް ކުރައްވައި ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި މަންދޫބުން އަތް ހިއްލައިގެން.---

"ޔާމީނާއި އަބްދުއްރަހީމްގެ ކޯޅުން ބޮޑު"

ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެމްބަރު، އަދި ކޮންގްރެސް ޕާޓީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު ޔާމީނާއި އަބްދުއްރަހީމާ ދޭތެރޭގައި ހިޔާލު ތަފާތުވުން އުފެދި ދެ ބޭފުޅުން ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް، މައުލޫމާތު އެނގިވަޑައިގަންނަވާ ކައުންސިލް އެހެން މެމްބަރަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

އެކަމަކު ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ޔާމީނާ ބައްދަލުކުރައްވައި، މިހާރު ވެސް މަޝްވަރާ ލިބެމުން އަންނަ ކަމަށެވެ. އަދި ޕީޕީއެމާއި ޕީއެންސީއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ހުރި ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ޔާމީނާއި އަބްދުއްރަހީމާ ދެމެދު މައްސަލަ ޖެހުނީ ކޮންގްރެސް ޕާޓީގެ ނައިބު ރައީސް ކަން އަބްދުއްރަހީމްގެ ދަރިފުޅު އަދި ހުޅުމާލެ ދާއިރާ އަށް ވާދަކުރެއްވި ފައިސަލް އިބްރާހިމަށް ނުދޭން ނިންމުމުން ކަމަށެވެ.

"ޔާމީން ބޭނުންފުޅެއް ނުވޭ ފައިސަލަށް ޕީޕީއެމްގެ ނައިބު ރައީސް ކަން ދޭން. އެހެންވެ، ޔާމީނާއި އަބްދުއްރަހީމް އެކި ކަންކަމުގައި މަޝްވަރާ ނުކުރައްވާތާ ދުވަސްތަކެއް ވަނީ ވެފައި،" އޭނާ ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ ގޮނޑި އިތުރު ދައުރަކަށް ދިފާއު ކުރެއްވި އަހުމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޣައްސާން މައުމޫނާއި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު، ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ހަމަޖެއްސީ އަބްދުއްރަހީމްގެ ވިސްނުމާ ހިލާފަށް ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ކޮންގްރެސް ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގަތުމަކީ އެ ހިޔާލުތަފާތުވުން ބޮޑުވެފައި އޮތް ކަމުގެ ހެއްކެކެވެ. ނިހާން، ޕީޕީއެމް ދޫކުރައްވައި ވަޑައިގެންނެވީ ޕީޕީއެމްގެ ލީޑަޝިޕް ފެއިލްވީ ކަމަށް ވިދާޅުވެ އެވެ. ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޕީޕީއެމްގެ ބައެއް އެހެން ބޭފުޅުން ވެސް ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގަތުން ކައިރި އެވެ.

"ޕާޓީގެ ކަންކަމަށް ޔާމީން ޚަރަދު ކުރައްވާ"

ޕީޕީއެމްގެ ކައުންސިލް މެމްބަރުން ދެއްކެވި ބައެއް ވާހަކަތައް ދޮގުކުރައްވައި ޝިޔާމް "މިހާރު" އަށް ވިދާޅުވީ "ޕާޓީ ކުރިއަށް ދިއުމަށް ހުރަހެއް އެޅޭ ވަރުގެ ހިޔާލު ތަފާތުވުންތަކެއް ނެތް" ކަމަށެވެ. އެކަމަކު މާ ބޮޑު ތަފްސީލެއް ނުދެއްވައި، އޭނާ ވިދާޅުވީ ޕާޓީގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން ހުރި ކަމަށެވެ.

"ޑިމޮކްރަސީގެ ސަޅި، ރަނގަޅު ގޮތަކީ ވެސް ހިޔާލު ތަފާތުވުން އޮވެގެން ކުރިއަށް ދިއުން. ޕާޓީގެ ތެރޭގައި މާޔޫސްކަން އެބަ އޮތް. ޖަޒްބާތުތަކެއް ވެސް ހުންނާނެ. ހިޔާލު ތަފާތުވުން އެބަހުރި. އެކަމަކު ކުޑަކުޑަ ވަގުތުކޮޅެއް ނަގާނެ އެ ހިޔާލު ތަފާތުވުންތައް ނައްތާލަން،" ޝިޔާމް ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމާއި ކުރީގެ ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާއަކީ ހެޔޮ އެދޭ ފަރާތްތަކުން ޕީޕީއެމްގެ ކަންކަން ހިންގަން ދިން ފައިސާ އެވެ. އެކަމަކު އެ ފައިސާ ޕާޓީގެ ކަންކަމަށް ޔާމީން ޚަރަދު ނުކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރެއްވި އެވެ.

"ޕީޕީއެމްގައި ހުރި ދަތިތައް ފިލުވަން ޔާމީން މަސައްކަތް އެބަ ކުރައްވާ. އެގޮތުން ފޯނު ބިލްތައް ވެސް ދައްކަމުން ދަނީ ޔާމީންގެ އެހީތެރިކަމުގައި. ޔާމީނަކީ އެންމެ ވަރުގަދަ ޗެނަލް،" ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމުން ބުނެފައިވާ ގޮތުގައި، އެ ޕާޓީ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީ އަށް ދައުލަތުން ލިބެން ޖެހޭ ފައިސާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހިފެހެއްޓުމެވެ. އެ ފައިސާ ލިބިގެން ނޫނީ ބޮޑެތި ދަރަނިތައް ފިލުވައި ނުލެވޭނެ ކަމަށް ޝިޔާމް ވެސް ވިދާޅުވި އެވެ.

އެހެންވެ، އެ ފައިސާ ހޯދަން ޕީޕީއެމުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ޕީޕީއެމް ހަރުދަނާ ކުރާނީ ޔާމީންގެ ލަފަ އާއި އިރުޝާދާ އެކުގަ އެވެ. އެމަނިކުފާނުގެ ހިޔާލުތައް ޕާޓީ އަށް އަދިވެސް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލް ބައްދަލުވުމުގައި ޔާމީން ވިދާޅުވި ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލު ނުކުރާ ވާހަކަ. ކޮންމެވެސް މަކަރެއް ނޫނީ އޮޅުވާލުމެއް ހިނގާފައިވާ ކަމަށް. އެކަމަކު އަޅުގަނޑުމެން ޔާމީން އަރިހުން ދެންނެވިން އެންމެން އޮބްޒާވް ކުރި އިންތިޚާބެއްގައި ކޮން މަކަރެއްތޯއޭ ހެދޭނީ؟" -- ކައުންސިލް މެމްބަރެއް

ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ވެރިންނާ ދެމެދު އި ހިޔާލު ތަފާތުވުން އުފެދިފައި އޮތް އޮތުމާ މެދު ޝިޔާމް ވިދާޅުވީ މިދިއަ އިންތިޚާބުތަކުން ޕީޕީއެމަށް ނާކާމިޔާބުވުމުގެ ނުތަނަވަސްކަމާއި ޖަޒްބާތުތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އެކަމަކު ޕީޕީއެމާއި ކޮންގްރެސް ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ އެއް ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"ނިހާން ވަޑައިގެންނެވީ ކޮންގްރެސް ޕާޓީ ވަރުގަދަ ކުރަން. ހަގީގަތުގައި ނިހާނަކީ ޕީޕީއެމްގެ އެއް ތަނބު، ނިހާންގެ ހުންނާނީ ޕީޕީއެމްގެ ޑީއެންއޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ޕާޓީގެ އިސް ސަފުގައި ވެސް ތިބީ ސިޔާސީ ގޮތުން އެންމެ ވަރުގަދަ ބޭފުޅުން،" ޝިޔާމް ވިދާޅުވި އެވެ.

އެކަމަކު މައުލޫމާތު އެނގޭ ކައުންސިލް ބައެއް މެމްބަރުން ވިދާޅުވަނީ ހައްލުކުރަން އުނދަގޫ ކަންކަން ދެ ބައި މީހުންގެ މެދުގައި އެބަ ހުރި ކަމަށެވެ. އެކުގައި ނޫސްވެރިންނާ ބައްދަލުކުރުމަކީ އަދި ހަގީގީ މަންޒަރެއް ނޫނެވެ.