ރައީސް ވެސް ވިދާޅުވަނީ "ދުލެއް ނުކުރާނަން" ކަމަށް

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި "ދުލެއްނުކުރާނަން" ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޓްވީޓް ކުރައްވައިފި އެވެ.


ޔާމީން މަރާލިތާ ދެ އަހަރުވުމާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓުގައި، ޔާމީން އެންމެ ފަހުން ކުރި ޓްވީޓުގައި ބޭނުންކޮށްފައިވާ ރަތް ކުލައިގެ ފުއްޕާހަމުގެ އިމޯޖީއާ އެކު ބޭނުންކުރައްވާފައި ވަނީ ރިލްވާނާއި ޔާމީންގެ ހަނދާނުގައި ބޭނުންކުރާ ހޭޝްޓެޑް "ދުލެއްނުކުރާނަން" އެވެ.

ރައީސް ކުރެއްވި ޓްވީޓް

"ދުލެއްނުކުރާނަން" އަކީ ރިލްވާނާއި ޔާމީންގެ މައްސަލައިގައި އިންސާފު ހޯދުމަށް ބޭނުންކުރަމުން އަންނަ ޝިއާރެވެ.

ރައީސްގެ އެ ޓްވީޓާއެކު ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ޝުކުރުއަދާކުރައްވައިފަ އެވެ. އެއް ބަޔަކު ބުނިގޮތުގައި މި ސަރުކާރަށް ވޯޓުދިނީ އަނިޔާވެރިކޮށް މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކަމަށެވެ.

ނޫސްވެރިޔާ ރިލްވާން އޮގަސްޓް، 2014 ގައި ގެއްލުނު ފަހުން އޭނާ އަށް ވީގޮތެެއް މިއަދާ ހަމައަށް ވެސް ނުހޯދެ އެވެ. އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިޔަސް، އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. ޔާމީން، އަނިޔާވެރި ގޮތަކަށް މަރައިލީ އޭޕްރީލް، 23، 2017 ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.

ރިލްވާނަށް ވީގޮތް ހޯދައި ޔާމީންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މަގާމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނު އުފެއްދެވި ފުރަތަމަ ކޮމިޝަނުން އެ ދެ މައްސަލަ ބަލަމުން އަންނައިރު އެކަމުގެ ފަހަތުގައި ތިބި މީހުން މިހާރު ހޯދިފައިވާ ކަމަށް، ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ރޭ ވިދާޅުވެފަ އެވެ.