ޕްލާސްޓިކް ފުޅި ރައްދު ކުރުމުން ފައިސާ ދޭން ފަށަނީ

މަގުތަކަށް ކުނި އެޅުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ހިންގާ އަޖުމަ ބެލުމުގެ ޕްރޮޖެކްޓެއްގެ ދަށުން ކޮންމެ ޕްލާސްޓިކް ފުޅިއަކަށް ރުފިޔާއެއް ދޭން ވެމްކޯއިން ނިންމައިފި އެވެ.


ޔޫއެންޑީޕީ އާއި އުރީދޫ އާއި އެޗްޑީސީއާ ގުޅިގެން ވެމްކޯއިން ކުރިއަށް ގެންދާ "ސްމާޓް ސިޓީ" ކެމްޕެއިންގައި، އުކާލާ ކުނި މަދުކުރަން މާދަމާ ފަށާ ޕައިލެޓް ޕްރޮޖެކްޓްގެ ނަމަކީ "ރައްދު" އެވެ.

"ރައްދު" ކުރިއަށް ގެންދާ ގޮތަކީ ވަކި ސްޓިކާއެއް ޖަހާފައި ހުންނަ ފެން ފުޅިތަކެއް ހުޅުމާލޭ ވެމްކޯ އޮފީިހާ ހަވާލު ކުރުމުން ކޮންމެ ފުޅިއަކަށް ރުފިޔާއެއް ދެނީ އެވެ. އެ ސްޓިކާ ޖަހާފައި ހުންނަ ފުޅިތައް ގަންނަން ލިބޭނީ ހުޅުމާލޭ ވެމްކޯ ސައިޓް ކައިރި ހުންނަ ފިހާރަތަކުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރައްދު ކުރުމުން ފައިސާ ލިބޭ ފުޅީގައި ޖަހާފައި ހުންނަ ސްޓިކާ-- ފޮޓޯ: ހުސައިން ވަހީދު

ވެމްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕްރޮޖެކްޓްގައި މަސައްކަތް ކުރައްވާ އަހުމަދު އަފްރާހް ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަގުސަދަކީ ޕްލާސްޓިކް ފުޅި ރައްދު ކުރަން ބާރު އެޅުން ކަމަށެވެ. މާދަމާއިން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެ ހަރަކާތުގައި 10،000 ފުޅި އެއް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މަގުމައްޗަށް އަޅާ ކުނި ނެގުމަށް މިހާރު މަހެއްގެ މައްޗަށް ވެމްކޯއިން 2.5 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ވެމްކޯގެ އޮޕަރޭޝަންސް ޖެނަރަލް މެނޭޖަރު އަހްމަދު ޝާފިއު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ސަބަބުން މަގުތަކަށް ކުނި އެޅުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށެވެ.

"ރައްދު" ޕްރޮޖެކްޓާ ގުޅޭގޮތުން މައުލޫމާތު ދެނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އާއްމުން ވަރަށް ބޮޑަށް އެބަ ހޭލުންތެރި ކުރެވޭ މީގެން. އެހެންވީމަ އަޖުމަ ބެލުމުގެ މި ޕްރޮގްރާމުން ނުކުންނަ ނަތީޖާއަށް ބިނާކޮށް އަދި ވެމްކޯއިން މި ޕްރޮޖެކްޓް އިތުރަށް ފުޅާ ކުރުމުގެ ވިސްނުން އެބަހުރި،" ޝާފިއު ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި އަމާޒަކީ އެކިވައްތަރުގެ ތަކެތި އުކާލުމުގެ ބަދަލުގައި ވެމްކޯއާ ހަވާލު ކުރުމުން މާލީ އެހީއެއް ދިނުން ކަމަށް އެކުންފުނިން ބުނެ އެވެ. އެގޮތުން މުޅި ރާއްޖެ އަށް ފުޅާކޮށްގެން އެފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.