ގދ. އަތޮޅުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން މިއަދު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ރާއްޖެ އަށް ޓްރެފިކް ކުރި އެއްޗެހި ކަމަށާއި އެ ތަކެތި ފަޅުރަށަށް ގެންދިޔައީ ލޯންޗެއްގައި ކަމަށެވެ. އެއީ ކޮން ރަށެއް ކަމެއް ފުލުހުން ނުބުނެ އެވެ.
އެ 150 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު އުޅެނީ ގާތްގަނޑަކަށް 260 މިލިއަން ރުފިޔާގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ މައްސަލާގައި ފަސް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ އެތަކެތި އަތުލައިގަތުމުން ވޭތުވެދިޔަ 72 ގަޑިއިރު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދުތަކާއި ފަޅުގެ ސަރަހައްދުތައް އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަން ޕޮލިސީ ކޮމާންޑްގެ އިތުރުން ޑްރަގް އިންޓެލިޖެންސް ގުޅިގެންނެވެ.