އަލީ ނަސީރުގެ ސަފީރުކަން ނިމުމަކަށް

ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަދި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމުގައި ހުންނެވި ޑރ. އަލީ ނަސީރު މުހައްމަދު އެ މަގާމުތަކުގެ މަސައްކަތް ނިންމަވާލައްވައިފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވި އަލީ ނަސީރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމުގައި ޑިޕްލޮމެޓިކް އެންމެ މަތީ ހަރުފަތުގައި ރާއްޖެ ތަމްސީލު ކުރެއްވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. އެ ޓްވީޓްގައި އޭނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމު ނިންމާލުމުގެ ގޮތުން ނަސީރު އިއްޔެ ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ވެސް ކުރައްވައިފަ އެވެ.

ނަސީރު ސަފީރުކަމަށް އައްޔަން ކުރީ 2017 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފޮރިން ސެކްރެޓަރީގެ މަގާމުގަ އެވެ.

އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ކަމާއި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަމަަޖައްސާފައި ވަނީ ތިލްމީޒާ ހުސައިން އެވެ.