މޫކައި ސުއިޓްސްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އިމާރާތުގައި ހިންގާ ދައުލަތުގެ ދެ އޮފީސް ކަމަށްވާ އެންސްޕާ އާއި ހައްޖު ކޯޕަރޭޝަންގެ ބައެއް ހިދުމަތް ތަކަށް ބުރޫ އަރައިފި އެވެ.
އަލިފާނުގެ ހާދިސާ އަށް ފަހު އެ އިމާރާތުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ އެ އޮފީހުގެ ކައުންޓަރު މިއަދާއި މާދަމާ ބަންދުވާނެ ކަމަށެވެ. އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮފީހުގެ ނަމްބަރު 7961012 ނުވަތަ 7911012 އަށް ގުޅުމަށް އެ ކުންފުނިން އެދެ އެވެ.
އެންސްޕާގެ އޮފިޝަލަކު ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ކުންފުނީގެ ބައެއް ސާވާތަކަށް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެއާއެކު އެ ކުންފުނީގެ ހޮޓްލައިން 1402 ގެ ހިދުމަތް ވަނީ މެދު ކެނޑިފަ އެވެ.
ބައެއް ދަތިތައް ކުރިމަތިވި ނަމަވެސް އެންސްޕާ އިން ދޭ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެންސްޕާގެ އިތުރު އޮފީހެއް އަމީނީ މަގުގައި ވެސް ހުރެ އެވެ.
ފުލުހުން ބުނިގޮތުގައި ރޭ އަލިފާން ރޯވީ މޫކައި ސުއިޓްސްގެ ގްރައުންޑް ފްލޯގައި ހުރި ކަރަންޓު ކޭބަލްތަކެއްގަ އެވެ. އެ ހާދިސާގައި އިމާރާތައް މާބޮޑު ގެއްލުމެއް ނުލިބެ އެވެ.