ހައްޖަށް ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ މައްސަލަތަކެއް!

ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.


ހައްޖުގެ އަޅުކަން އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްފައިވާ ގޮތާއި އުސޫލްތައް ބަލައި އޭސީސީން އާއްމު ކުރި ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށް، އިސްލާހު ކުރަން އިސްލާމިކް މިނިސްޓްރީ އަށް ވަނީ ލަފާ ދީފަ އެވެ. އެ ދިރާސާގައި ބަލާފައި ވަނީ މިދިޔަ އަހަރުގެ ނިޔަލަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތެވެ.

ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ހޮވަނީ ކުރިމަތިލާން ހުޅުވާލުމާ އެކު ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިންނެވެ. އޭސީސީން ބުނިގޮތުގައި ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގައި ޕްރީ-ބިޑް މީޓިންގައި މައުލޫމާތު ދީފައިވާ މިންގަނޑާ ޚިލާފަށް އަމަލުކުރާ ކަމަށެެވެ. އެއާއެކު، ވަކިވަކި ބައިތަކަށް މާކްސްދޭނެ ގޮތް ނިންމުމަށް ކޮމިޓީ އަށް އިޚްތިޔާރު ދީފައި އޮތުމުން ބިޑްކުރުމުގެ ވާދަވެރިކަން ގެއްލި ބިޑް އެވޯޑްކޮށް ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގައި ވަކި ފަރާތްތަކަކަށް މަންފާ ލިބޭ ގޮތަށް ނިންމުމުގެ ފުރުސަތު އޮންނަ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އޭސީސީން ބުނިގޮތުގައި ރާއްޖެ އިން ހައްޖަށް މީހުން ގެންދާ އުސޫލު ކޮންމެ އަހަރަކު ބަދަލުކުރެ އެވެ. ބަދަލު ގެންނަ އުސޫލް އާއްމުކުރުން ލަސްވުމުން ވެސް ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުގައިވެ އެވެ.

މިނިސްޓްރީގެ އިސް މުވައްޒަފުންނަށް ތުހުމަތުތަކެއް!

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރާ ބައެއް ކުންފުނިތަކުގެ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި އިސްލާމިކް މިނިސްޓްރީގެ އިސް މުވައްޒަފުންގެ ބައިވެރިވާ ކަމަށް ދިރާސާގެ ތެރޭގައި ވަނީ ތުހުމަތުކޮށްފަ އެވެ. މިއީ، ކުރިން ވެސް އޭސީސީ އަށް ކޮންމެ އަހަރަކު ޝަކުވާ ހުށަހަޅާ މައްސަަލައެއް ކަމަށް އެތަނުން ބުންޏެވެ.

އޭސީސީން ބުނި ގޮތުގައި ހައްޖަށް މީހުން ގެންދަން ދެ ކުންފުނި ނުވަތަ އެއަށް ވުރެ ގިނަ ކުންފުނިތައް ގުޅިގެން ވެސް ޕްރޮޕޯސަލް ހުށަހަޅާފައިވެ އެވެ. ބައެއް ޕްރޮޕޯސަލް ތައްޔާރުކުރަން މިނިސްޓްރީގެ ފަރާތުން ކުންފުނިތަކަށް މައުލޫމާތު ފޯރުކޮށްދީ އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައި ދޭން ޕްރޮޕޯސަލް އިވެލުއޭޓްކުރާނެ މިންގަނޑުތަކަށް ބަދަލު ގެނައުމަކީ ވެސް މައްސަލައެއްގެ ގޮތުގައި އޭސީސީން ނަގާފައިވާ ކަމެކެވެ. މީގެއިތުރުން ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މާކްސް ދިން ގޮތް ކުންފުނިތަކަށް ހާމަނުކުރާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

މި މައްސަލަ ހައްލުކުރުމަށް، އޭސީސީން ލަފާ ދީފައި ވަނީ ހައްޖުގެ ކަންކަން އިންތިޒާމްކުރާ ކުންފުނިތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނަށް މަސައްކަތް ނުކުރެވޭ ގޮތަށް ގަވާއިދުތަކާއި އުސޫލްތައް ހަރުދަނާ ކުރުމަށެވެ.

ޚާއްސަ ކޯޓާއާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ނެތް

ސައުދީ އަރަބިއްޔާ އިން ކޮންމެ އަހަރަކު ރާއްޖެ އަށް ކަނޑައަޅާފައި އޮންނަނީ 1،000 ކޯޓާ އެވެ. އެކަމަކު ވޭތުވެދިޔަ ހަތަރު އަހަރު ވެސް ރާއްޖެ އަށް 1،000 ކޯޓާ އިތުރުކޮށްދީ، ހައްޖަށް ދިއުމުގެ ފުރުސަތު 2،000 މީހުންނަށް ދިނެވެ.

ޚާއްސަ ކޯޓާގެ ގޮތުގައި ސައުދީ ރަސްގެފާނު ދެއްވާ 1،000 ޖާގައާ މެދު އަމަލުކުރާނެ އުސޫލެއް ނެތުން މައްސަލައެއްގެ ގޮތުގައި އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި ބުނީ ރާއްޖެ އަށް ލިބޭ ކޯޓާގެ މަދުވެގެން 50 ޕަސެންޓް ކޮންމެ އަހަރަކު ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން (އެމްއެޗްސީއެލް) އަށް ދޭންވާނެ ކަމަށް 2015 ވަނަ އަހަރުގެ ހައްޖު އުސޫލްގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކު 2017 ގައި އަމަލުކުރަން ފެށި އުސޫލްގައި އޮންނަނީ، ހައްޖު ކޯޓާގެ ތެރެއިން ކޯޕަރޭޝަނަށް ދޭނެ މިންވަރު ކަނޑައަޅާނީ މިނިސްޓަރު ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަށް ދޫކުރާ ޖާގައިގެ ތެރެއިން މިނިސްޓްރީން ބޭނުންވާ މިންވަރަކަށް ޖާގަ ރިޒާވްކޮށްދޭން ޖެހޭނެ ކަަމަށް ވެސް އުސޫލްގައި ކަނޑައަޅާފައިވެ އެވެ.

އޭސީސީން ބުނިގޮތުގައި ރިޒާވްކުރާ އަދަދުގައި ހިމަނައިގެން މިނިސްޓްރީން ހައްޖަށް ފޮނުވަނީ ކޮން ބައެއް ކަމާއި އެ ޖާގަދޭނެ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލައިފައެއް ނުވެ އެވެ.

"މިގޮތަށް އުސޫލެއް ނެތި މިނިސްޓްރީން ބޭނުންވާ ފަރާތްތަކަކަށް ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދެވުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމަކަށް ވާތީ، މިފަދަ ކަންކަމުން ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމްކުރުމަށް ހުރަސްއެޅުމުގެ ފުރުސަތު އޮވެ އެވެ،" ރިޕޯޓުގައިވެ އެވެ.

އެއީ، ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ހައްޖަށް ދިއުމުގެ އިންތިޒާރުގައި ތިބޭ ފަރާތްތަކަށް ލިބޭ ފުރުސަތު މަދުވެ ހައްޖަށް ނުދެވި ދިގުމުއްދަތަކަށް މަޑުކުރަން ޖެހިދާނެ ކަމެއް ކަން އޭސީސީ އިން ފާހަގަކޮށްފައިވެ އެވެ.

އިތުރަށް ފައިސާ ނެގިއަސް ފިޔަވަޅެއް ނާޅާ!

އޭސީސީން ބުނެފައިވާ ގޮތުގައި ހައްޖަށް މީހުން ގެންދަން ހުއްދަ ދޭ ކުންފުނިތަކާއި އިސްލާމިކް މިނިސްޓްރިއާ ދެމެދު ސޮއިކުރާ އެއްބަސްވުމުގައި ހުއްދަ ދީފައިވާ އަގަށް ވުރެން އިތުރަށް ބައެއް ކުންފުނިތަކުން ފައިސާ ނަގަ އެވެ. އެގޮތަށް މެދުވެރިވާ ސަބަބަކީ، ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ކަނޑައަޅާފައިވާ އަގަކީ އެ މަސައްކަތަށް އެންމެ އެކަށީގެންވާ އަގު ކަމުގައި ނުވުމުވެ.

ހުއްދަ ދޭ އަގަށް ވުރެން އިތުރަށް ފައިސާ ނަގާ ކުންފުނިތަކާ މެދު އުސޫލްގައިވާ ގޮތުން ނަމަ، އިސްލާމިކް މިނިސްޓްރީން ފިޔަވަޅު އަޅަން ޖެހެ އެވެ.

އެކަމަކު އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ، އިތުރަށް ފައިސާ ނަގާ މައްސަލަތައް ގިނަ ފަހަރަށް ރިޕޯޓެއް ނުކުރެ އެވެ. އަދި ރިޕޯޓްކުރާ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅެއް ނާޅާކަން ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަތަކުގައި ފިޔަވަޅު ނޭޅެނީ، އިސްލާމިކް މިނިސްޓްރީން އޭސީސީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ލިޔެކިޔުމާއި ހެކި ނެތުމުގެ ސަބަބުން ސާބިތުކުރަން އުނދަގޫވުމެވެ. ހައްޖުގެ އަގުގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އަދަދަށް ވުރެން އިތުރަށް އެތައް ހާސް ރުފިޔާއެއް ރަސީދަކާ ނުލައި ހަވާލުކުރަނީ ހައްޖަށް ނުދެވިދާނެ ކަމުގެ ބިރު އޮންނާތީ ކަމަށް އޭސީސީއާ ވާހަކަ ދެއްކި ގިނަ މީހުން ބުނެފައިވެ އެވެ.

މި މައްސަލަ މިހާރަށް ވުރެން އިސްކަމެއް ދީގެން ބަލައި އިތުރަށް ފައިސާ ނަގާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅަން އޭސީސީން ވަނީ ލަފާ ދީފަ އެވެ.