އެޑިއުކޭޝަން މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.


ރައީސް އޮފީހުން ބުނީ އެޑިއުކޭޝަންގެ ނައިބުގެ މަގާމަށް މ. ދިއްގަރު، ޕްރޭމްނަގަރު، މުހައްމަދު އިހުސާން ހަމަޖައްސާފައިވާ ކަމަށެވެ. އެ މަގާމަށް އައްޔަންކުރުމާ ހަމައަށް އޭނާ ހުންނެވީ މަޖީދިއްޔާ ސްކޫލުގެ ހިސާބު ޓީޗަރަކަށެވެ.

އޭނާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަނުން މިޑްލް ސްކޫލު ޓީޗިން އިން ޑިޕްލޮމާ ހާސިލްކުރައްވައިފަ އެވެ.

އިހްސާނާއެކު އެޑިއުކޭޝަންގައި މިހާރު ތިއްބަވާނީ ޑެޕިއުޓީ ދެ މިނިސްޓަރުންނެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.