އަލްޖަޒީރާ އިން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.
04 ސެޕްޓެމްބަރ 2016 - 19:24
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންތަކާ ގުޅޭގޮތުން އަލް ޖަޒީރާގެ އިން ތައްޔާރުކުރި ތަހުގީގީ ޑޮކިއުމެންޓްރީ އަށް ސަރުކާރުގެ ސިއްރު މައުލޫމާތުތަކެއް ނައިބު ރައީސް އަބްދުﷲ ޖިހާދު ފޯރުކޮށްދެއްވި ކަމަށް ކުރާ ތުހުމަތު އެމަނިކުފާނު މިއަދު ދޮގުކުރައްވައިފި އެވެ.
ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ލިޔެކިޔުންތަކެއް އަލްޖަޒީރާގެ ތަހުގީގު ޓީމަށް ނައިބު ރައީސް ހިއްސާކުރައްވައި މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށް އާންމުންގެ ތެރޭގައި ވާހަކަ ދެވެ އެވެ. އަދި ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުއްލި ގޮތަކަށް ޔޫއޭއީ އަށް ވަޑައިގެންނެވިއިރު އެ ދަތުރުފުޅުގެ މައުލޫމާތު މިހާތަނަށް ހިއްސާކޮށްފައި ނުވާތީ އެކަމާ ވެސް އަލްޖަޒީރާ ޑޮކިއުމެންޓްރީއާ ގުޅުވައި ތުހުމަތުތަކެއް ނައިބު ރައީސްގެ މައްޗަށް ކުރެ އެވެ.
ސޯޝަލް ކައުންސިލުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މި ތުހުމަތުތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނާ ގުޅޭ ގޮތުން މީޑިއާ އިން އެފަދަ ވާހަކަތަކެއް ގެނެސްދިނުމުން "ވަރަށް ދެރަވެއްޖެ" ކަމަށެވެ. އަލްޖަޒީރާގެ ޑޮކިއުމެންޓްރިއާ އެމަނިކުފާނާ ގުޅުވައި ދައްކާ އެއްވެސް ވާހަކައެއްގެ ހަގީގަތެއް ނެތް ކަމަށް ޖިހާދު ތަކުރާރުކޮށް ވިދާޅުވި އެވެ.
"ރިޕޯޓުގައިވާ ވާހަކައެއް އަޅުގަނޑަކަށް ނޭނގެ، ރިޕޯޓް ނެރެން އުޅޭ ކަމެއް ވެސް އަޅުގަނޑަކަށް ނޭނގެ،" ޖިހާދު ވިދާޅުވި އެވެ.
ސޯޝަލް ކައުންސިލުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނައިބު ރައީސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން
ޔޫއޭއީގެ ދަތުރުފުޅާ ގުޅޭގޮތުން ސުވާލު އުފައްދާއިރު އެކަމުގެ ތަފްސީލް ހާމަ ނުކުރައްވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ "ބައެއް ކަހަލަ ދަތުރުތަކަކީ އަޅުގަނޑު ތަފްސީލް އަރުވަން ޖެހޭ ދަތުރުތަކެއް ނޫން" ކަމަށެވެ. އެ ތަފްސީލް އަރުވަން ޖެހޭ ވަގުތު އައީމަ އެ މައުލޫމާތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ޔޫއޭއީ އަށް ވަޑައިގެންނެވި ނަމަވެސް އަލް ޖަޒީރާގެ އެއްވެސް ބަޔަކާ ބައްދަލު ނުކުރައްވާ ކަމަށް ޖިހާދު ވިދާޅުވި އެވެ.
"އެއީ ދޮގު ވާހަަތަކެއް. އެފަދަ ދޮގު ވާހަކަތަކެއް ހަދައިގެން މީޑިއާގައި ފެތުރުމަކީ ކޮން ކަހަލަ ކަމެއްތޯ، އިސްލާމްދީނުގައި އެއަށް ކިޔަނީ ފިތުނަފަސާދަ އުފެއްދުމޭ،" ޖިހާދު ވިދާޅުވި އެވެ.
މި ސުވާލު ނައިބު ރައީސަށް އަމާޒުކުރުމާ އެކު އެމަނިކުފާނު ވަނީ މީޑިއާތަކުން ތެދު ހަބަރު ފެތުރުމަށް އެދިވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ. ރާއްޖޭގެ މީޑިއާތައް ވެސް މަސައްކަތް ކުރަން ޖެހޭނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށާއި ވަކި މީހަކާ ދިމާކޮށް ޒާތީވެ އަގު ވެއްޓޭގޮތަށް ވާހަކަ ދެއްކުމުގެ ހައްގެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަލްޖަޒީރާ އިން ތައްޔާރުކުރި ރިޕޯޓުގައި ހަގީގަތް އެކުލެވިގެންވާ ކަމަށް ގަބޫލުނުކުރައްވާ ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އެފަދަ ރިޕޯޓްތައް އެކުލަވާލުމުގެ ކުރިން އޭގައި ވަނީ ހަގީގަތްތޯ ރައްދުވާ ފަރާތްތަކުން މައުލޫމާތު ހޯދަން ޖެހޭނެ ކަމަށެވެ.
ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ތަހުގީގީ ޑޮކިއުމެންޓްރީ އަންނަ ބުދަ ދުވަހު ދައްކަން ވަނީ ޝެޑިއުލްކޮށްފަ އެވެ. އެކި މީހުން ސައިކަލްތަކުގައި މިލިއަނުން ނަގުދު ފައިސާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް ގެންގޮސްދިން ގޮތް، ސިއްރުން ނަގާފައިވާ އިންޓަވިއުތަކުގައި ހާމަކުރާނެ ކަމަށް، ޑޮކިއުމެންޓްރީގެ ޓްރެއިލާގައި ބުނެ އެވެ.
ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް" އަލް ޖަޒީރާ ޓީވީން މިއަދު ދައްކަން ކުރިން އޮތީ ނިންމައިފަ އެވެ. ޑޮކިއުމެންޓްރީ ދެއްކުން ފަސްކުރުމަށް ފަހުއަލް ޖަޒީރާ އިން ވަނީ ޑޮކިއުމެންޓްރީގެ ޓީޒާ އާއި ޓްރެއިލާއެއް އިއްޔެ އާއި އޭގެ ކުރީ ދުވަހު އާއްމުކޮށްފަ އެވެ. މިހާރު ވަނީ ޑޮކިއުމެންޓްރީ ދެއްކުމަށް އަލް ޖަޒީރާގެ ވެބްސައިޓުގެ ޕްރޮގްރާމް ގައިޑުގައި ވެސް ތާވަލްކޮށްފަ އެވެ.
މި ޑޮކިއުމެންޓްރީގައި ހަގީގަތެއް ނެތް ކަމަށާއި މިއީ ފައިސާދީގެން ބަޔަކު ކުރުވައިގެން އުޅޭ ކަމެއް ކަމަށް ދޭހަވާ ގޮތަށް ކެބިނެޓުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚުލާސާ
05 September 2016
ވައްކަން ކޔރާ ވާހަކަ ޤައުމުގެ ރައްޔިތުންނަށް ދެއްކެން ނެތީމަ ދެންދައްކާނީ އިންވެސްޓިގޭޓިންގް ޗެނަލްތަކުން ކަމެއް އަޅެފަހެ މި ސަރުކާރަށް ނޭނގެނީތަ. މީވާ އަޖާއިބެއް. ވައްކަން،ވައްކަން،ވައްކަން.
ސީރާ
05 September 2016
ޜަހްމު ކުޑަކޮށް ﷲ ރުހިވޮޑިނުގަންނަވާ ގޮތަށް އަމަލްކުރުމުން ﷲ ގެ ރުހިވޮޑިގަތުން ނުލިބޭނެ.
އަހްމަދު
05 September 2016
ފުރަތމަ ނުވެސްއިގޭ ރިޕޯރޓެްނެރޭކަމެއް ފަހުންނިމުނުއޮރު ރިޕޯރޓް ނެރެން ލަސްވިވާހަކަ ދިމްއެއްނުވޭ ކިޔާ އެއްޗެއް. ކަމެއް ހިގާކަމަށް ހީވްނީ.
އަލީ
05 September 2016
ޖިހާދަށް އެގިވަޑައިގަންނަވާތޯ ތިއީ ނައިބު ރައީސްކަން؟ ގޭގައި ހުންނެވިޔަސް ތިޔަށްވުރެ ގިނަ ކަންކަން އިގެންވާނެ!
ގަޅިބެ
05 September 2016
އަޅުގަޑު ބައްދަލްކުރީ ސިއްސައިގެންދާ ވަރުގެ އިންވެސްޓަރުންތަކަކާ. ހެހެހެހެ.
އަލީ
04 September 2016
އުހު...އުހު...ޖަމީލު ވެސް އަދީބް ވެސް ދިޔަ މަގުން ޖިހާަދުވެސް ދަނީބާ
ހަސަން
04 September 2016
އަލް ޖަޒީރާއިން ނައްޓާ ނުލެވިގެން އުޅެނީ ކަމެއް ކުރެވިފައި އޮތީމަ.
ތިއަރީ
04 September 2016
އަލް ޖަޒީރާއިން ތި ޑޮކިއުމެންޓްރީ ގެނެސްދޭ ވާހަކަ ފުރަތަމަ އަޑު އިވުމުން ވަރަށް ގަޔާވެ ބަލާލާ ހިތްވި އެކަމު މިނިވަން ނޫސްގައި އުޅުނު މީހެއް އެކަމުގައި ޝާމިލްވާ ވާހަކަ އަޑުއިވުމުން ތި ގެނެސްދޭން އުޅޭ ޑޮކިއުމެންޓަަރީ އާއި ދެތޭރޭ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަހަލަ ވިސްނުމެއް މިހާރު ހުރީ. މިނިވަން ނޫސްގެ ތަޖުރިބާ ކުރެވިފައި ހުރީ އެހެންވީމަ އެފަދަ ވިސްނުމެއް ތި ޑޮކުމެންޓަރީގައި އެކުލެވިފައި ވާނަމަ ވަރަށް އުދަގޫވާނެ ގަބޫލު ކުރަން. ސަބަބު ތަކެއް އެކުލެވޭހެން އެބަހީވެ އެދެއްކުން އެހާލަސްވާތީ. ޕްރިމިއަރ އަށް އެތައް ބަޔަކަށް ދައުވަތުދީ އެތަކެއް ފަހަރު ކުރި ޝެޑިއުލް އިން ކަހާލައިގެންދާ ކޮންމެވެސް ސަބަބެއް އޮއްނާނެތާ. ވެދާނެ އަލް ޖަޒީރާގެ ސެންސަރު ބޯޑުގައި ތާށި ވީކަމަށް. މިނިވަން ނޫސް ފެންވަރުގަ އަލް ޖަޒީރާ ނަަމުގަ ނެރެން އުދަގޫ ވަނީ ކަމަށް ބެލެވޭ
ބަސްއަހާތި
04 September 2016
އަލްޖަޒީރާ އަށް މައުލޫމާތު ދީގެން އުޅެނީ އޮޑިޓަރ ޖެނެރަލްގެ މަގާމް ބޭނުން ވެގެން އުޅޭ ބޭފުޅަކާއި އަދި ވަރަށް ލޯ ޕްރޮފައިލްގެ އޮންލައިން ނިއުސް އެއް ހިންގާ ކުއްޖަކު އެނޫސް ނުހިނގާތީވެ މިޒާތަށް ޕަބްލިސިޓީ ހޯދައިގެން އެނޫސް ޕްރޮމޯޓް ކުރަން ކުރާ މަސައްކަތުގެ ތެރެއިން އެކުދިންނެވެ. މިއިން އެއްވެސް ކަމަކީ މީ މިގައުމަށް ފައިދާ ހުރި ގޮތަށް އެކުދިން ކުރަމުން އަންނަ ކަމެއް ނޫނެވެ. މިކަން އަލްޖަޒީރާގެ ވެރި ފަރާތަށް ވެސް އެނގިގެން މި ޑޮކިއުމަންޓްރީ އަލްޖަޒީރާ އިން ނަގާ ދެއްވަންވީ އެވެ. އެއިރުން އަލްޖަޒީރާ އަށް ހުޅުމާލޭން ބިމެއް ވެސް މިފަހަރު ގަނެވިދާނެ ނޫންތޯއެވެ.
ޗިނޯ
04 September 2016
ޢަނެއްކާވެސް މަލާބާރިންނާ ހޮޅިންނާ ބޯރާ ވިޔަފާރި ވެރިންނާ ތަމަޅައިން ގެންނަން ކުރަމުންދާ މަސައްކަތަށް ސާބަސް