އަންހެނުންނަށް ކޯޓާއެއް ހަމަޖައްސަން ޕާޓީތައް ގަބޫލު، ފައިސާ ދިނުމުގެ އުސޫލު ބަދަލުކުރަން ހުށަހެޅި

ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، ދައުލަތުގެ ބަޖެޓުން މިހާރު ފައިސާ ދެމުން އަންނަ އުސޫލު ބަދަލުކުރުމަށް ބައެއް ޕާޓީތަކުން ރޭ ހުށަހަޅައިފި އެވެ.


ސިޔާސީ ޕާޓީތަކާއި އާއްމު އިންތިޚާބުގެ ގާނޫނު އިސްލާހުކުރުމަށް ކަމާބެހޭ ފަރާތްތަކާ އެކު އިލެކްޝަންސް ކޮމިޝަން (އީސީ) ން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮތީ، އެ ގާނޫނުތަކަށް އެ ކޮމިޝަނުން ގެންނަން ބޭނުންވާ 14 އިސްލާހަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި އެންމެ މެމްބަރުން ގިނަ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީ އަކުން ބައިވެރިވި ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފް ވިދާޅުވީ، އެ ކޮމިޝަނުން ދެން މަސައްކަތް ކުރާނީ ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ޕާޓީތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް ކަމަށެވެ.

ގާނޫނަށް އީސީން ހުށަހަޅަން ބޭނުންވާ ބައެއް އިސްލާހުތައް:

1) ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީ ދޭ ގޮތަށް ބަދަލު ގެނައުން.

2) އީސީ ބޭނުންވެއްޖެ ވަގުތެއްގައި ސިޔާސީ ޕާޓީތައް އޮޑިޓްކުރުން.

3) ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ކޮމިޓީ/ކައުންސިލް މަގާމުތަކުގެ 30 ޕަސެންޓް އަންހެނުންނަށް ހިއްސާކުރުން.

4) ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހެޅި ފޯމުތަކުގައި އޮޅުވާލައިގެން ނުވަތަ ނުފޫޒުން ނުވަތަ އެހެން މީހެއްގެ ނަމުގައި އޭނާއަށް ނޭނގި ސޮއިކޮށްފައިވާކަން ފުލުހުންގެ ތަހުގީގުން އެނގިއްޖެ ނަމަ އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރުން.

5) ޕާޓީގެ ދަރަންޏެއް އުފެދުނުއިރު، އެ ޕާޓީއެއްގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުރި ބޭފުޅަކު އެ ދަރަންޏަށް ޝަހުސީ ގޮތުން ޒިންމާވުމަށް އެންގުން.

ސިޔާސީ ޕާޓީތަކާއި އާއްމު އިންތިޚާބުގެ ގާނޫނު އިސްލާހުކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެ އިސްލާހުތަކާ ގުޅޭގޮތުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޕްރޮޖެކްޓް މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނެއްގެ މަގުސަދަކަށް ވާން ޖެހޭނީ ވީހާ ވެސް ގިނަ ރައްޔިތުންގެ ސިޔާސީ ވިސްނުން، ހިންގުމުގެ ނިޒާމަށް ގެނެވޭނެ ގޮތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ހުރިހާ ފަރާތްތަކަކީ ގާނޫނީ ވަކި ޝަހުސަކަށް ވާއިރު ބެލެނިވެރިކަމުގެ ވިސްނުން ދޫކޮށްލަންޖެހެ އެވެ.

އައިމަން ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފައްދައި ދެމެހެއްޓުން ވާންޖެހޭނީ ވަރަށް ފަސޭހަ ކަމަކަށް ކަމަށެވެ. މަދަނީ ޖަމިއްޔާތަކުގައި، ކިތަންމެ ގިނަ ޖަމިއްޔާއެއްގައި ނަމަވެސް މެމްބަރަކަށް ވެވޭ ކަމަށާއި ނަމަވެސް އެ ފުރުސަތު ސިޔާސީ ޕާޓީތަކަށް ނޯންނަނީ ކީއްވެގެންތޯ އައިމަން ސުވާލު އުފެއްދެވި އެވެ.

"މީހަކު ހަމަ ޝައުގުވެރިކަން އޮވެދާނެ މިސާލަކަށް ޕީއެންސީގައި ހުރެފައި ލޭބަ ޕާޓީގައި ހުރުމަށް. އެކަހަލަ ވިސްނުމެއް ވެސް ގެންގުޅެވިދާނެއޭ. ހަމަ އެއާ އެކު ޕާޓީތަކުގެ ދަފްތަރަށް ނުބަލައި އެހެން ކަންކަމަށް ބަލާފައި ފައިސާ ދިނުމަކީ ވެސް މުހިންމު ކަމެއްކަމަށް ދެކެން،" އައިމަން ވިދާޅުވި އެވެ.

އަންހެނުންނަށް ހާއްސަ ކޯޓާއެއް ކަނޑައެޅުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގެ ވިސްނުމަކަށް ދާންޖެހޭ ކަމަށެވެ. ކިތަންމެ ވަރަށް އެ ވާހަކަ ދެއްކި ނަމަވެސް ކޯޓާ ސިސްޓަމެއް ކަނޑަނާޅައި އަވަހަށް އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކާއި އާއްމު އިންތިޚާބުގެ ގާނޫނު އިސްލާހުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ދެ ނައިބު ލީޑަރުންކަމުގައިވާ އާދަމް ޝަރީފް (ވ) އަދި މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ލީޑަރު އާދަމް ޝަރީފް ވިދާޅުވީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް މުޖުތަމައު އެކަމަށް އެހާ ބޮޑަކަށް ތައްޔާރު ނޫން ކަމަށެވެ. އަންހެނުން އިންތިޚާބަށް ކުރިމަތިލުމުން، އެ މީހުންނަށް އިސްކަން ދިނުން ވެސް އޮންނާނެ ކަމަށާއި ނަތީޖާ ވެސް ތަފާތުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ. އެކަމަކު ފެނިގެން ދިޔައީ އެ މަންޒަރެއް ނޫންކަމަށް ވިދާޅުވި އެވެ.

އަލަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި، ޕާޓީއެއްގައި ދެ ނައިބު ލީޑަރުން ތިބޭ ނަމަ އެތަނުން އެއް ޖާގަ ހާއްސަ ކުރަން ޖެހޭނީ އަންހެނުންނަށެވެ. އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެއީ ރަނގަޅު ބަދަލަކަށް ވާނެ އެވެ. އަދި އެގޮތަށް އަމަލުކުރާ ޕާޓީތަކަށް އިތުރަށް ފައިސާ ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކާއި އާއްމު އިންތިޚާބުގެ ގާނޫނު އިސްލާހުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އީސީގެ ބައެއް މެމްބަރުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެހެން ނޫނިއްޔާ ހަމަ ކުރިން ވެސް ޕްރެކްޓިސް ކުރި ގޮތަށް މިކަން ކޮށްގެން އަނެއްކާ ވެސް، ގާނޫނުން ލާޒިމް ކުރާތީ، މިކަން ކޮށްގެން އަދި އަންހެނުން ބާރުވެރި ކުރި ކަމަކަށް ނުވާނެ. އެހެންވީމާ ގަބޫލު ކުރެވެނީ މީގައި ތަފާތު ވިސްނުމަކަށް ދާ ކަމުގައިވާ ނަމަ އެފަދަ ޕާޓީތަކަށް ދެވޭ ފައިސާގެ އިނާޔަތް އިތުރު ކުރެވިއްޖެ ކަމުގައިވާ ނަމަ މި ކަމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ،" މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިޚާބުގައި މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީސީގެ ރޫހަކަށް ވާންޖެހޭނީ ޕާޓީތައް އުފެއްދުމަށް ހިތްވަރުދިނުން ކަމަށެވެ. ނަމަވެސް ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި، ވަކި މީހަކު ކުރާ ކަމަކުން ޕާޓީ އުފެއްދުމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ބަދަލުކުރުމަކީ، ޕާޓީތައް އުފެއްދުމަށް އިތުރު ހުރަހެއް ކުރިމަތިވާނެ ކަމެއް ކަން ފާހަގަކުރެއްވި އެވެ.

އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފް ވިދާޅުވީި ގޮތުގައި، ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކަކީ ހެޔޮ ބަދަލަކަށް ވާނެ އެވެ. ކުދި ޕާޓީތަކުގެ ހައްގުތައް ރައްކާތެރި ކުރުމާއި ޕާޓީތައް ޒިންމާދާރު ކުރުމުގެ މަސައްކަތްތައް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކާއި އާއްމު އިންތިޚާބުގެ ގާނޫނު އިސްލާހުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ލޭބަ ޕާޓީގެ ރައީސް އަބްދުﷲ ހަސީން ވިދާޅުވީ، މިހާރު ފެންނަނީ ސިޔާސީ ތަފާތު ފިކުރުތަކަށް ފުރުސަތު ހަނިވަމުންދާ މަންޒަރު ކަމަށެވެ. އެހެންވެ ގާނޫނު އިސްލާހުކުރާއިރު، ގިނަ ފިކުރުތަކަށް ފުރުސަތު ދެވޭނެ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި އީސީ އަށް ހުށަހަޅަންޖެހޭ 3،000 ސޮޔަކީ ގިނަ އަދަދެކެވެ.

"މިސާލަކަށް، ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ ކަހަލަ ގްރީން ޕާޓީތައް، އެފަދަ ޕާޓީތަކަށް އެ ކަހަލަ ކަންތައްތަކުގައި ހިޔާލު މުޖުތަމައުގައި ހުރި މިންވަރަށް ބަލާއިރު ނުލިބިދާނެ މި ދެންނެވި މެމްބަރަަށް. އެހެން ނަމަވެސް އެ ހިޔާލާއި ފިކުރަކީ ދެމެހެއްޓެނިވި ތަރައްގީގައި ގައުމަކަށް ވަރަށް މުހިއްމު ފިކުރެއް. އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެ އަދަދަކީ ވަރަށް ބޮޑު އަދަދެއް، 3000 އަކީ،" ހަސީން ވިދާޅުވި އެވެ.

އޭނާ ވަނީ ޕާޓީތައް ރަޖިސްޓަރީ ކޮށްދޭ އަދަދު ދަށްކުރުމަށް ހުށަހަޅުއްވައިފަ އެވެ. އޭރުން ތަފާތު ފިކުރުތަކަށް ފުރުސަތު ދެވޭނެކަން ފާހަގަކުރެއްވި އެވެ.