ރުއް ގަސް ނެގުމާ ބެހޭ ގަވައިދަށް އާއްމުން ހިޔާލު ހުށަހަޅަނީ: ގިނަ ބަޔަކު ހިޔާލު ހުށަހެޅީ ގަވައިދު ހަރުކަށި ކުރުމަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު
22 މެއި 2019 - 14:11
ރުއްގަސް ނަގައިގެން އެއްތަނުން އަނެއް ތަނަށް ގެންދިއުމާ ބެހޭ ގަވައިދު އިސްލާހު ކުރުމަށް ސަރުކާރުން ނިންމައި އާއްމުންގެ ހިޔާލު ހޯދުމަށް ރޭ ބޭއްވި ފޯރަމުގައި ގިނަ ބަޔަކު ބައިވެރިވެ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.
ސަލްޓަން ޕާކްގައި ރޭ ބޭއްވި ފޯރަމްގައި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ އަމިއްލަ ބައެއް މީހުން ވެސް ބައިވެރިވި އެވެ. އެ މީހުން ތިބީ އެންމެ ފަހުން ރަށްރަށުން ރުއް ނަގައިގެން ގެންދަނިކޮށް ނަގާފައިވާ ފޮޓޯތައް ހިފައިގެންނެވެ.
އޭގެ އިތުރުން އިޖުތިމާއީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ކޮންސްޓްރަކްޝަން ޖަމިއްޔާ، މަސީގެ އިސް ބޭފުޅުން ވެސް ވަނީ އެ ފޯރަމްގައި ބައިވެރިވެ ހިޔާލުތައް ދީފަ އެވެ.
ރުއް ގަސް ނެގުމާ ބެހޭ ގަވައިދަށް އާއްމުންގެ ހިޔާލު ހޯދުމުގެ ފޯރަމްގައި އެންވަރަމަންޓް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން: ގިނަ ބަޔަކު ހިޔާލު ހުށަހެޅީ ގަވައިދު ހަރުކަށި ކުރުމަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު
ހިޔާލު ފާޅުކުރި ގިނަ މީހުން ބުނީ އެ ގަވައިދުގެ މަގުސަދަކަށް ވާންޖެހޭނީ ގަސްގަހާގެހި ހިމާޔަތް ކުރުން ކަމަށެވެ. އެގޮތުން ބާރު އަޅަން ވާނީ ގަސް ނެގުމާއި ކެނޑުމާ ދެކޮޅަށް ކަމަށް އެ މީހުން ބުންޏެވެ. އަދި ރަށްރަށުގައި ގްރީން އޭރިއާތައް ކަނޑައެޅުމަށާއި ހޭޅި ފަށުން ރުއްގަސް ނެގުން ހަރުކަށި ކުރުމަށް ވެސް ހިޔާލު ދީފައިވެ އެވެ. އަދި ގަސް ކެނޑޭނެ ތަންތަނާއި ގަސް ނުކެނޑޭނެ ތަންތަނާއި ގަސް ކެނޑޭނީ ކޮންކޮން ބޭނުންތަކަކަށް ކަން ތަފްސީލުކޮށް ގަވައިދުގައި ހިމެނުމަށް ހިޔާލު ދިނެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު، "މިހާރު" އަށް މިއަދު ވިދާޅުވީ ރޭ ލިބުނީ ވަރަށް "ޕްރޮޑަކްޓިވް" ހިޔާލުތަކެއް ކަމަށެވެ.
"ވަރަށް ރަނގަޅު ހިޔާލުތަކެއް ރޭ ލިބިއްޖެ. އެ ހިޔާލުތައް އާ ގަވައިދުގައި ހިމަނާނަން،" ނަސީރު ވިދާޅުވި އެވެ.
ރުއް ގަސް ނެގުމާ ބެހޭ ގަވައިދަށް އާއްމުން ހިޔާލު ހުށަހަޅަނީ: ގިނަ ބަޔަކު ހިޔާލު ހުށަހެޅީ ގަވައިދު ހަރުކަށި ކުރުމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރުއްގަސް ނެގުމާ ބެހޭ ގޮތުން މިހާރު އަމަލުކުރާ ގަވާއިދު ބުނާ ގޮތުން 10 ރުކަށް ވުރެ ގިނައިން ކަނޑާ ނުވަތަ އުފުރާ ނަމަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނަގަން ޖެހެ އެވެ. އަދި އެއްފަހަރާ 200 ރުކަށް ވުރެ ގިނައިން ނަގާ ނަމަ އީއައިއޭ ރިޕޯޓެއް ވެސް ހަދަން ޖެހެ އެވެ. ނަމަވެސް އެ ގަވައިދަށް އަމަލެއް ނުކުރެ އެވެ.
އަލަށް ތަރައްގީކުރާ ރިސޯޓްތަކަށް، އެހެން ރަށްރަށުން ރުއް ގެންދާ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެތައް ރަށަކުން އެތައް ހާސް ރުކެއް ވަނީ ނަގައިގެން ގެންގޮސްފަ އެވެ. އެކަން ހުއްޓުވަން، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް އެކަން އޮތީ ކާމިޔާބު ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދުބަސް
22 May 2019
ރުއްގަސް ނަގަނީ ހުއްދަ ދީގެން..ހުއްދަ ދެނީ ކަޓް ދީގެން.
ހާފުސް
22 May 2019
މަށަށް ހީވަނީ ތިމައްސަލަ ވާނީ " މާވެޔޮ އަށް ވެއްޓުނު ގެރީ" ގެ މައްސަލަ އަށެވެ.ގެރި ނަގަން ސައްލާ ކޮށްކޮށް ތިއްބާ އެގެރި ވެސް މަރުވީ އެވެ. ތި ޤަވާއިދު ހަދަން ހަދަން ތިއްބާ ރުއްތަށް ނަގާ ނިމޭނީ އެވެ.މިހާރު ވެސް ލ. މެންދޫ ކިޔާ ފަޅު ރަށުން ރުއް އިފުރާގެން ބޮޑެތި ބާޖް ތަކުގައި ގެންދަނީ އެވެ. ބާއްޖުތަށް ވަނުމަށް ދިގުސިންގާ ނެރެއް ކޮނެފައި ވަނީ ކ9ންހުއްދައެއްގެ ދަށުން ކަމެއް ވެސް ނޭގެއެވެ
ޔެސް
22 May 2019
މިކަންޖެހޭ މި ސަރުކާރުގެ ސްލޯސްޕީޑް ނޫން ސްޕީޑެއްގައި ކުރިއަށް ގެންދަން.
6މީދާ
22 May 2019
ރާއްޖޭގައި ރުއްގަސް މަދީ މާލެއާއި ހުޅުމާލޭގައެވެ. އެހެން އެއްވެސް ރަށެއްގައި ރުއްގަސް މަދުވެގެނެއް ނޫޅެއެވެ. ވީމާ މާލޭގައި ގިނައަދަދަކަށް ރުއް އިންދަންވީއެވެ. ހުޅުމާލޭގައި ހުސްކޮށްއޮތް ބިންތަކާއި އޮފިސްތަކާއި ސެންޓްރަލް ޕާކުގައި ގިނައިން ރުއް އިންދަންވީއެވެ. ރުކަކީ ކޮންމެހެން މާލޭމީހުން ރާއްޖެތެރޭމީހުން ލައްވާ ހައްދަންޖެހޭ އެއްޗަކަށް ވާކަށްނުޖެހެއެވެ.