މަޖިލިސް ކުރާ މާލަމުގައި މޮނިޓަރުގެ ބަދަލުގައި އައިޕެޑް ބަހައްޓާފައި.
23 މެއި 2019 - 13:06
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ބޭނުން ކުރައްވަމުން ގެންދެވި ކޮމްޕިއުޓަރު މޮނިޓަރުތަކުގެ ބަދަލުގައި ކޮންމެ މެމްބަރަކަށް އައިޕެޑެއް ދީ، މަޖިލިހުގެ ޖަލްސާކުރާ މާލަމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް މިއަދު ވިދާޅުވީ ޗެމްބަރުގައި ހުންނަ ކޮންގްރެސް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މައިކް ސިސްޓަމާއި އިތުރު ކެމެރާތައް ހަރުކޮށް އިންސްޓޯލް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިހުގެ ޖަލްސާކުރާ މާލަމުގައި ބޭނުން ކުރުމަށް އިލެކްޓްރޯނިކް ކޮންގްރެސް ސިސްޓަމަކާއި ވީޑިއޯ ބްރޯޑްކާސްޓިން ސިސްޓަމެއް ގާއިމްކުރާނެ ބައެއް ހޯދަން އިއުލާން ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީންނެވެ. އަދި ބިޑަށް ލައިގެން އެ މަޝްރުއޫ ސަރުކާރުން ހަވާލު ކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ޑިވިޝަން އޮފް އޯޑިއޯ ވިޝުއަލްސްއާ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަޖިލިސްކުރާ މާލަމުގައި ކޮންމެ މެމްބަރަކަށް ނުވަ އިންޗީގެ އައިޕެޑެއް ވަނީ ބަހައްޓައިފަ އެވެ. މީގެ ކުރިން މެމްބަރުން ބޭނުން ކުރެއްވީ ޓަޗް ސްކްރީން މޮނިޓަރެކެވެ. މިއީ މަޖިލިސް ކުރާ މާލަމަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނައި ފުރަތަމަ ފަހަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (މ) މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ މަޖިލިސް ކުރާ މާލަމުގައި މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: މަޖިލިސް
އެ މާލަމުގައި ކުރިން ހަތަރު ކެމެރާ ހުރި ނަމަވެސް، މިހާރު ހަތް ކެމެރާއެއް ވަނީ އިތުރުކޮށްފަ އެވެ. އަދި އިތުރު ޓީވީތައް ވެސް އެ މާލަމުގައި ވަނީ ބަހައްޓައިފަ އެވެ.
އެނގިފައިވާ ގޮތުގައި މަޖިލިހުގެ މާލަމަށް ބަދަލުތައް ގެނައުމަށް މިހާތަނަށް 11 މިލިއަނެއްހާ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެކަމަކު، އެ މަޝްރޫއު ސަރުކާރުން ހަވާލު ކުރީ 19 މިލިއަން ރުފިޔާ އަށެވެ.
އަންނަ އަންގާރަ ދުވަހުގެ ރޭ، 19 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ މަޖިލިސްކުރާ ގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެރޭގެ ޖަލްސާގައި މަޖިލިހުގެ ރައީސް އާއި ނައިބު ރައީސަކު ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މަޖިލިހުގެ ރައީސް ކަމަށް ހަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވި އިރު، މަޖިލިހުގެ ނައިބު ރައީސް ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރެއްވީ ތިން ބޭފުޅެކެވެ.
އެގޮތުން މަޖިލިހުގެ ރައީސް ކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަބްދުﷲ ޖާބިރެވެ.
މަޖިލިހުގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އާޒިމްގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަސާސީ
24 May 2019
އެ މީހުންނަށް އަސާސީ ތައުލީމު ކޯހެއް ހިންގަބަލަ ފުރަތަމަ ކަމަކަށް.
އިބާދު
24 May 2019
މިއީ ކޮންބަޔެއް ޝެއަރ ވާ ކުންފުޏެއްބާ ؟މިކުންފުންޏާ މި ސަރުކާރު ގެއިސްފަރާތްތަކާ ގުޅުމެއްވާނެބާ؟ ނޫނީ ޔާމީން ހަދައިގެން އުޅޭ ކުންފުންޏެއްތަ؟ ހުސްވަގުން ހުސްކޮރަޕްޝަން މި ސަރުކާރު ތެރޭގައިވެސް
ކޮތަރުގެ އަސަރު
24 May 2019
އައިޕެޑް ބޭނުންކޮށްގެން ވެސް ކޮންމެވެސް ރަނގަޅު ޤާނޫނެއް ހެދޭތޯ ބަލާށެވެ. ތިޔަތަނަށްގޮސް ވީވަޢުދު ހަނދާން ނެތި 5 އަހަރުވަންދެން ގަނަތެޅިފައި އައިސް ރޮއި އާދޭސް ކުރަން ނޫޅޭށެެވެ.
ބުއްލަބޭ
23 May 2019
ކެނެރީގޭ ނަޝިދު ޖެހޭތަ ކޮންމެ ތާކަށް ތޮރުފޭން އޭނައެ އީ މިޤައމުގެ ރައީސުލް ޖުހޫރިއްޔާބާ އަނެއްކާ؟؟
ކޮރަލް
23 May 2019
ސަރުކާރުން ބަދަލުގެ ގޮތުގަ ދެބިލިއަން ޑޮލަރު ދައްކަން އޮތް އިރު ހަރަދު ކުޑަ ކުރަން ވީއެވެ . ދެން ތިފައިސާ ހޯދަން ސްޓިކާ ޖެހުން އިތުރު ކޮށް ޓެކްސްތައް ބޮޑުކުރީމަ ކަމަކު ނުދެއެވެ.
ސަޅި
23 May 2019
މިހާ ސަޅި ކޮމެންޓެއް މީން ދުވަހަކު ނުދެކެން
ސޯދު
23 May 2019
އަނެއްކަންތައް ދެންފެން ނާނީ އައިޕެޑު އުކާތަން
ތިމާވެށި
23 May 2019
ދެން ހުރިހާ ޕީސީ އެއް ނީލަން ކިޔަން ވީއެވެ. މެމްބަރުންނަށް ސިޓީ ބެހުންވެސް ހުއްޓާލަން ވީއެވެ. އީމެއިލް އިން ފޮނުވަންވީއެވެ.
ލާމަސީލު
23 May 2019
ހޮސްޕިޓަލް ތަކުގަ ވެންޓިލޭޓަރާ އިންކިއުބޭޓަރާ ނެތިގެން ރައްޔިތުން މަރުވާއިރު އެތަކެތި ނުގަނެ މިކަހަލަ އިސްރާފުކުރާނަމަ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާނެ. ރައްޔިތުމީހާ އަތުންފައިން ގޯސްހެދީމަ ވަގުތު ފާއިތުވާނެ. ތިތަނަކީ ތިއީ ގައުމަށް ޖެހިފައޮތް ބޮޑު ވަބާއެއް. ތިވަބާ ނެތިކޮށްލުމަކީ ގައުމީ ވާޖިބެއް.
ލާމަސީލާ
24 May 2019
ނާ ހަމަ ތެދެއް ތިޔާ ބުނީ...އެންމެ ބޮޑު އިސްރާފެއް ހިނގަނީ މިތަނަށް، ބޮޑު މުސާރާދީފަ ރައްޔިތުން ފެލައިގެން މުސާރަ ނަގަނީ...ދެރަކަމެއް އުވާލަންވީ މިތަން
ޙާމަ333
23 May 2019
ސަރުކާރުން ހިދުމަތްދޭ އޮފީސްތަކުގެ ސިސްޓަމްތައް ސްލޯކަމުން ސިވިލްސާވެންޓުންނަށް ހިދުމަތްނުދެވިގެން އުޅޭއިރު މަޖިލީހުން މިކުރީ އަނެއް ބޭކާރު ހަރަދު....ރައްޔިތުންގެ ފައިސާ ހޭދަ މިކުރަނީ ވަކިބަޔަކަށް ފަސޭހައާއި މަންފާ ހޯދަން...ސާބަސް...ތީތޯ ތިބޭފުޅުން ވެރިކަމަށް ގެނައި ސަބަބަކީ؟