މުވައްޒަފުން މަދުކޮށް ޕީއެސްއެމް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މުވައްޒަފުން މަދުކޮށް އެ ކުންފުނި އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި އެވެ.


އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "މިހާރު" އަށް މިއަދު ވިދާޅުވީ ޕީއެސްއެމް ހަރުދަނާކުރަން ބަލާއިރު ބޭކާރު މަގާމުތަކާ ހެދި ދަތިތަކާ ދިމާވާ ކަމަށެވެ. އެހެންވެ އެންމެ ފުރަތަމަ ކޮންޓްރެކްޓް އުސޫލުން ތިބި މީހުން އެންމެ ފުރަތަމަ ވަކިކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ކޮންޓްރެކްޓުގައި ތިބީ ކިހާ މުވައްޒަފުން ކަމެއް ސާފެއް ނުވެ އެވެ.

ބޯޑުގެ ހުއްދަ ލިބުމާއެކު އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މިދިޔަ ޖޫން ހިސާބުގައި ވެސް 100 އަށްވުރެ ގިނަ މުވައްޒަފުން ޕީއެސްއެމަށް ފުލްޓައިމްކޮށް ވެއްދި އެވެ. އެ މުވައްޒަފުންނާއެކު ޕީއެސްއެމްގެ ދަށުން ހިންގާ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުގައި މިވަގުތު 480 އެއްހާ މުވައްޒަފުން މަސައްކަތްކުރެ އެވެ.

"އެންމެ ފުރަތަމަ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަމުން އަންނަ މީހުން ވަކިކުރަން ނިންމާފައިވަނީ. އެއަށްފަހު އުސޫލު ބަދަލުކޮށްފައި ދާއިމީ މަގާމުތަކުގައި ތިބި މީހުން ވަކިކުރާނީ. ވަކިކުރާއިރު ވަކި ހާއްސަ މަގާމެއް ނެތް، ބޭކާރު ނުވަތަ ކުންފުންޏަށް ބޭނުން ނުހިފޭ މަގާމުތަކުން މީހުން ވަކިކުރާނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ޓީވީއެމާއި އަޑުގެ ޕްރޮޑަކްޝަނާއި ހަބަރުގެ ބައިގައި މަސައްކަތްކުރާ މީހުން ވަކި ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ޕީއެސްއެމްގެ އަސްލު ކެޕޭސިޓީއަކީ 350-400އާ ދެމެދެވެ. ރީ-ސްޓްރަކްޗާ ކުރުމުގެ މަސައްކަތް އެއްކޮށް އަދި ނުނިމޭތީ، ވަކިކުރަން ނިންމާފައިވާ މުވައްޒަފުންގެ އަދަދެއް ސާފެއް ނުވެ އެވެ.

ޕީއެސްއެމް އަށް ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް އެކަނި ވެސް މަހަކު ހަތް މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ އެފަދަ ހަރަދުތައް ކުޑަކޮށް ޕީއެސްއެމަށް މިއަހަރު ބަދަލުތައް އަންނާނެކަން އަލީ ހާލިދު ފާހަގަކުރެއްވި އެވެ.

"އަމާޒަކީ އެތަން ރަނގަޅަށް ހިނގާކަން ކަށަވަރުކުރުން. ޕީއެސްއެމް ހުންނަންވީ ގޮތުގައި މި އަހަރު ފެންނާނެ، ބަދަލުތައް ފެންނާނެ،" އަލީ ވިދާޅުވި އެވެ.