ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ ގޮތުގައި ތުހުމަތު ކުރެވޭ އެހެން ޕްރޮޖެކްޓްތައް ނުހުއްޓުވައި، ހަމައެކަނި އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކާ ގުޅޭ މުއާމަލާތްތައް ހުއްޓުވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޖަމީލު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ މުއާމަލާތްތައް ހުއްޓުވުމުގެ ސަބަބުން އިންވެސްޓަރުންނާއި މަޝްރޫއުތަކަށް ފައިސާ ދޭ ފަރާތްތައް ރާއްޖޭގައި އިންވެސްޓް ކުރަން ޖެހިލުންވާނެ ކަމަށެވެ. މިފަދަ ކަމެއް ކުރުމުން ސަރުކާރަށް ގާނޫނީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ، މިފަދަ ނިންމުންތައް ނިންމުމުގައި އެއް އުސޫލަކުން އަމަލު ކުރަމުން ނުދާ ކަމަށާއި އޭގެތެރޭގައި އެނބޫދޫ މަޝްރޫއު އާއި ނަސަންދުރާ އާއި ނިއުޕޯޓްގެ މައްސަލަ ހިމެނޭ ކަމަށެވެ. މިއީ އަނެއްކާވެސް ސަރުކާރުގެ ގޯސް ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލު މިހެން ވިދާޅުވެފައިވާ އިރު ނަސަންދުރާއިގެ މައްސަލަ ދިރާސާ ކުރުމަށްފަހު ޕޮލިސީ ލެވެލްގައި ގޮތެއް ނިންމުމަށް ކަމާ ގުޅޭ އިދާރާތަކަށް ވަނީ ފޮނުވާފަ އެވެ. ނިއުޕޯޓް ހުސްކުރުމަށް ސަރުކާރުން އެންގުމުން ވެސް އެތަން ހުސް ނުކުރުމުން ތަން ހުސް ކުރުމަށް ކޯޓު އަމުރެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ސިވިލް ކޯޓުން ކޯޓު އަމުރެއް ނެރެފައެއް ނުވެ އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަޅު ރަށްރަށާއި ފަޅުތަކުގެ ގޮތުގައި 55 ތަން ވަނީ ދޫކޮށްފަ އެވެ. މިތަންތަނާ ގުޅޭ މުއާމަލާތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ ސަރުކާރުން އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އިން މި ރަށްތަކާ ގުޅޭ މައްސަލަތައް ބަލަމުންދާތީ އެވެ.