އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތުމުން އެ ގައުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރައީސަށް މަރުހަބާ ދަންނަވާފައި ވަނީ ސައުދީގެ ރޯޔަލް ޕްރޮޓޮކޯލް މިނިސްޓަރެވެ.
ރައީސް އޮފީހުން އާއްމުކޮށްފައިވާ ރައީސްގެ ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް ހުންނެވީ އުމުރާގެ އަޅުކަމަށް އިހުރާމް ބަންނަވައިގެންނެވެ.
އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓު އޮންނާނީ މާދަމާ މައްކާގަ އެވެ. އެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ.
އޯއިސީ ސަމިޓުގައި ރައީސް ތަގުރީރު ކުރައްވާނެ އެވެ. އަދި އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ފަހު، ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައޫދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.