ވަކި ސިނގިރޭޓް ވިއްކުން މިހާރު މަނާ!

ރާއްޖޭގައި ވަކި ސިނގިރޭޓް ވިއްކުން މިރޭ 12 އިން ފެށިގެން މަނާވެއްޖެ އެވެ.


ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދު މިދިޔަ ޖެނުއަރީ 31 ގައި ގެޒެޓުކުރިއިރު، އެ ގަވާއިދަށް އަމަލުކުރަން ފަށަން ހަމަޖައްސާފައިވަނީ ތިން މަސް ފަހުންނެވެ. އެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށާނީ ވަކި ސިނގިރޭޓު ވިއްކުމާ ބެހޭ ބަޔަށެވެ.

އެ ގަވާއިދުގައި ދެން ހިމެނޭ، ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ބައި ތަންފީޒުކުރަން ހަމަޖައްސާފައި ވަނީ އަންނަ ޖުލައި 31 ވަނަ ދުވަހެވެ. އިންޒާރުގެ ފޮޓޯ ނުޖަހައި ހުންނަ ސިނގިރޭޓް ފޮށި ވިއްކުން މުޅިން މަނާވާނީ އަންނަ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެންނެވެ. ގަވާއިދާ ހިލާފުވާ ފަރާތްތައް އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށް، 10،000ރ. އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމާއި ދުންފަތުގެ އާ ގަވާއިދާ ގުޅޭ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ދުންފަތާ ބެހޭ އާ ގަވާއިދަށް އަމަލުކުރަން ފަށާއިރު އެއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ދުންފަތާ ދެކޮޅު ނިންމުންތަކުން ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ބޮޑު ބަޔަކީ ޒުވާން އާބާދީއަކަށް ވާއިރު، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އާބާދީ ބޮޑުކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތް ކުރަނީ އެކަމުގެ ހަގީގަތް ގަބޫލުކޮށްގެން ހުރެ ކަމަށް ވިދާޅުވި އެވެ.