ނިކަމެތި ދިރިއުޅުން އެންމެ 13 ދުވަސްތެރޭ އޭޑީކޭއިން ބަދަލުކޮށްލައިފި

ލ. ހިތަދޫ އާރާސްތުގެ އޭޑީކޭ ޓީމުގެ ލޮލުގައި އަޅައިގަތީ އެ ފަދަ ނިކަމެތި އާއިލާއެއް ހޯދުމަށް އެ މީހުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަނިކޮށެވެ. ބައްޕަގެ އެހީތެރިކަމާ ނުލައި މަންމަ ފަސް ކުދިން ގެންގުޅެމުން އަންްނައިރު އެ މީހުންގެ އެންމެ އަސާސީ ބޭނުންތައް ވެސް ނުފުދެ އެވެ. ކުދިން ސްކޫލަކަށް ނުދެ އެވެ. ގޭގައި ފާހާނާއެއް ނުހުރެ އެވެ. އާމްދަނީ ލިބޭނެ ގޮތެއް ނެތެވެ.


އެކަމަކު އޭޑީކޭގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެ އާއިލާ އަށް ވަނީ އުފާވެރިކަން ގެނުވައިފަ އެވެ. އެންމެ 13 ދުވަސްތެރޭގައި ގެ މަރާމާރުކޮށްދީ، ފާހާނާ އާއި ބަދިގެ އާއި ސިޓިންރޫމު ޒަމާނީ ފެންވަރަށް ވަނީ ބަދަލުކޮށްލައިފަ އެވެ.

އައިމިނަތާއި އޭނާގެ ދެކުދިން ކަނީ

ނިކަމެތި އާއިލާތަކަށް އެހީވުމަށް މި ފަހުން ކޮންމެ އަހަރަކު ވެސް އޭޑީކޭއިން ޕްރޮގްރާމްތައް ހިންގަ އެވެ. މިދިޔަ އަހަރު އެ ކުންފުނިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން އުޅޭ އދ. އޮމަދޫގެ އާއިލާއަކަށް ގިނަ އެހީތައް ދީ ގެ މަރާމާތުކޮށްދީފަ އެވެ. މި އަހަރު ހިތަދޫގެ މި އާއިލާ ހިޔާރުކުރީ ބައެއް ރަށްރަށަށް ދަތުރުކޮށް، އެންމެ ދަތިހާލުގައި އުޅޭ ބައެއް ބެލުމަށް ފަހު އެވެ.

އާރާސްތުގޭގެ އާއިލާ އުޅެމުންދާ ހާލު، އޭޑީކޭގެ ޓީމަށް ވެސް ވަރަށް އަސަރު ކުރުވި އެވެ. މަންމައާ އެކު 18 އަހަރު ނުފުރޭ ފަސް ކުދިން އުޅެމުންދާއިރު، އާމްދަނީ ހޯދުމަށް ދޮށީ ދެ ފިރިހެން ކުދިން ދަނީ މަހަށެވެ. އެކަނިވެރި މައިންނަށް ދައުލަތުން ދޭ އިނާޔަތް، މަންމަ އައިމިނަތު މުހައްމަދަށް ލިބުނު ނަމަވެސް އެއިން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅެއް ނުޖެހެ އެވެ. އާއިލާގެެ ނިކަމެތިކަމުން މީހުން މަލާމާތް ކުރާތީ ދެން ހުރި 13 އަހަރުގެ ފިރިހެން ކުއްޖާ ސްކޫލަކަށް ނުދެ އެވެ.

އައިމިނަތު އާއި އޭނާގެ އެންމެ ހަގު ދެކުދިން

އެންމެ ހަގަށް ތިބި، ދެ ކުދިން ނިދަނީ ކޮޓަރި ތެރޭގައި ތުނި ގޮދަޑިގަނޑެއް އަޅައިގެންނެވެ. މަދިރި އާއި ހިނި ފަދަ ދިރޭއެއްޗެހީގެ އުނދަގޫ އެ ކުދިންނަށް ބޮޑެވެ.

އައިމިނަތުގެ ހަތް ކުދިން ތިބޭއިރު އެންމެ ދޮށީ ދެ ދަރިން ވަނީ މީހުންނާ އިނދެގެން ގޮސްފަ އެވެ. އޭނާގެ ބައެއް ކުދިންގެ ބައްޕަ މަރުވެފައިވާއިރު އެހެން ކުދިންގެ ބައްޕަ ކަށަވަރެއް ނުވެ އެވެ، އައިމިނަތު ބުނިގޮތުގައި އޭނާގެ އެކަނިވެރިކަމާއި ނިކަމެތި ކަމުގެ ފައިދާ މިހާރު ވެސް މީހުން ނަގަ އެވެ. އޭނާ އަށް ފުރައްސާރަކޮށް، ޖިންސީ ގޯނާ ކުރެ އެވެ.

"އަހަންނަށް ގޯސްތައް ހެދިފައި އެބަހުރި. ބައެއް ގޯސްތައް ހެދެނީ މަޖުބޫރުވެގެން. އެކަމާ ހިތާމަ ވެސް ކުރަން،" އޭޑީކޭގެ މި އެހީތެރިކަން ގެނެސްދީފައިވާ ވީޑިއޯގައި އައިމިނަތު ބުނެ އެވެ.

އާރާސްތުގެ ކުރިން ހުރި ގޮތް

ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުންނަ އާރާސްތު ގޭގައި ކުރިން ހުންނަނީ ދެ ކޮޓަރި އާއި ގިފިއްޔެކެވެ. ފާހާނާއެއް ނުހުންނާތީ ހުރިހާ ކުދިންނާއި އައިމިނަތު ވެސް ފާހާނާ ކުރަން ދަނީ އަތިރިމައްޗަށެވެ.

ވީޑިއޯގައި ވާހަކަ ދައްކަމުން އައިމިނަތުގެ 17 އަހަރުގެ ދަރިފުޅު އަހުމަދު ނަބީހު ބުނިގޮތުގައި އެ މީހުން ދިރިއުޅެނީ އެކަކަށް ލިބޭ އެއްޗެހި އަނެކަކަށް ދީގެންނެވެ. އެ ދިރިއުޅުން އިތުރަށް ސިފަނުކޮށްދެވި އެ ހިސާބުން އޭނާއަށް ރޮވެ އެވެ.

ނަބީހު ބުނިގޮތުގައި އޭނާއަށް މިހިސާބަށް އާދެވިފައި ވަނީ މަންމަ ވީ ގުރުބާނީތަކުގެ ސަބަބުންނެވެ.

އޭޑީކޭއިން އާރަސްތުގެ މަރާމާތުކޮށްދެނީ

އޭޑީކޭ ކޮމްޕެނީގެ ސީނިއާ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވި ގޮތުގައި އައިމިނަތު އާއިލާއާ ބައްދަލުވެ، އެ މީހުންގެ ދިރިއުޅުން ހުރިގޮތް ފެނުމުން ވަރަށް އަސަރު ކުރި އެވެ. އެހެންވެ، އެ މީހުންނަށް އެހީވުމަކީ މަޖުބޫރުކަމެއް ކަމަށް ދެކިގެން މަސައްކަތް ފެށީ ވީއެންމެ އަވަހަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ގެ މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ދިހަ ދުވަސްތެރޭގައި މާލޭން ގެންގޮސް، މަސައްކަތް ފެށި އެވެ. ރޯދަ މަސް ފެށި، ވިއްސާރަ ވި ނަމަވެސް އެ މީހުންގެ މަސައްކަތަކަށް އެއްވެސް ބުރުލެއް ނާރުވަ އެވެ. އޭޑީކޭގެ މާކެޓިން ޑިޕާޓްމެންޓާއި ފާމަސިސްޓުންނާއި އެހެން މުވައްޒަފުން ވެގެން އެންމެ 13 ދުވަހުގެ ތެރޭގައި އެ ގެ މަރާމާތުކޮށް ނިންމާލި އެވެ. ފާހާނާއަކާއި ސިޓިންރޫމެއް ގެއަށް އިތުރު ކުރި މުޅި ގޭގައި ސިމެންތި ޖަހައި ކުލަ ލައި އަދި ތަށިމުށި ޖެހި އެވެ. ކޮޓަރިތަކުގައި އެންމެ މިޒަމާނުގެ ފަރުނީޗަރު ބެހެއްޓި އިރު، ބަދިގޭގައި ވެސް ކަބަޑު ސެޓު ބަހައްޓައި މުޅިން އާ ކުރި އެވެ.

އޭޑީކޭން އާރަސްތުގެ މަރާމާތުކޮށްދީފައި

"އަޅުގަނޑުމެން އެ މަސައްކަތް ކުރީ އެ އާއިލާ އެ މީހުންގެ މާމަ ގެއަށާއި އެހެން ގެތަކަށް ފޮނުވާލައިގެން. އެމީހުން ހިޔެއް ނުކުރޭ އެހާ އަވަހަށް އަޅުގަނޑުމެން އެކަންކޮށް ނިންމާލާނެ ކަމަކަށް،" "މިހާރު"އާ ވާހަކަ ދައްކަމުން ޖިނާން ވިދާޅުވި އެވެ.

އާއިލާ އެނބުރި ގެއަށް އައުމުން އެ މީހުންނަށް ލިބުނު ސަޕްރައިޒް ބޮޑެވެ. ޖިނާން ވިދާޅުވި ގޮތުގައި އެ އާއިލާއިން ތިބީ އެކަން ބަލައިގަންނަން ވެސް ނޭނގިފަ އެވެ. އެއީ ވަރަށް އަސަރު ގަދަ ވަގުތުކޮޅެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭޑީކޭއިން މަރާމާތުކޮށްްދިން ގޭގައި އައިމިނަތު އާއި އޭނާގެ ދެކުދިން ކުޅެނީ

އޭޑީކޭއިން ވަނީ 13 އަހަރުގެ ކުއްޖާ ސްކޫލަށް ވައްދައި، ސްކޫލަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހޯދައިދީފަ އެވެ. އަދި އެއް އަހަރު ވާންދެން އެ އާއިލާއަށް އެހީވުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ނިކަމެތި އާއިލާ އަށް އުފާވެރިކަން ގެނުވި މި ވީޑިއޯ އާއްމުން ވެސް ބަލައިގަތީ ޝުކުރާ އެކީގަ އެވެ. ގިނަ ބަޔަކު އެ ވީޑިއޯ ޝެއާކުރީ މިއީ އެ މީހުންނަށް ވެސް އަސަރުކުރުވި އަދި އުފާވެރިކަން ގެނެސްދިން މަސައްކަތެއްގެ ގޮތުގަ އެވެ.