ކޮރަޕްޝަނަށް ހައްލު ނާންނަ ކަމަށް ވިދާޅުވެ ސްޓޭޓް މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

ކޮރަޕްޝަންގެ މައްސަލައަކަށް މި ސަރުކާރުގައި ވެސް ހައްލެއް ނުލިބޭ ކަމަށް ވިދާޅުވެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.


މަސައްކަތްތަކާ ހިތްހަމަޖެހިވަޑައިނުގެން މަގާމުން ވަކިވެވަޑައިގަތީ ކޮމްޕިއުޓާ ސައިންސްގެ ދާއިރާ އިން މެލޭޝިއާ ގައި ޕީއެޗްޑީ ހާސިލް ކުރައްވަމުން ގެންދަވާ މުހައްމަދު ޝާފިއީ އެވެ.

އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކޮށްފައިވާ ސިއްހީ ދާއިރާއާ ގުޅުން ހުރި ސޮފްޓްވެއާ ޕްރޮޖެކްޓެއް، މި ސަރުކާރުން ވެސް ކުރިއަށް ގެންދަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ޝާފިއީ ވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. ޝާފިއީ ވިދާޅުވީ އޭނާ ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ލިބިފައި ނުވާތީ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އޭނާގެ ކަންބޮޑުވުންތަކަށް އަޅާނުލާ ނަމަ މުސާރައެއް ހޯއްދެވުމަށް މަގާމެއްގައި ހުންނަވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ އައްޔަންކުރެއްވީ ޑިސެމްބަރު 23، 2018 ގަ އެވެ.

ޝާފިއީ ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ހެދި މީހުން ތައްޔާރުކުރި ސޮފްޓްވެއާ މި ސަރުކާރުން ވެސް ބޭނުން ކުރާތީ ސުވާލު އުފައްދަވައިފަ އެވެ. އެކަމަކު އެ ސޮފްޓުވެއާގެ މައްސަލަތައް އޭނާ ވިދާޅެއް ނުވެ އެވެ.

އަދި ކުރީގެ ރައީސް ޔާމީން ހެއްދެވި ގޯސްތައް ރަނގަޅުވީތޯ އާއި ކޮރަޕްޝަނަކީ ސަރުކާރު ހިންގުމުގެ އަސާސީ ސިފައެއްތޯ ވެސް ސުވާލު އުފެއްދެވި އެވެ.

"އެހެންކަމަށްވާ ނަމަ ޒީރޯޓޮލެރެންސް އަކީ ޖޯކެއްތޯ،"؟ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް އައިސްފައިވާ މި ސަރުކާރަށް ޝާފިއީ ސުވާލު ކުރެއްވި އެވެ.

މި ސަރުކާރުން ބުނެފައިވަނީ ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލެރެންސް ކަމަށެވެ. އެކަން ހުއްޓުވުމަށް ކޮންމެ މަސައްކަތެއް ވެސް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.