އައިޖީއެމްއެޗުން ސީޓީ ސްކޭން ހެދުން އަނެއްކާވެސް މެދުކަނޑާލައިފި

މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި އައިޖީއެމްއެޗުން ސީޓީ ސްކޭން ހެދުމުގެ ހިދުމަތް މިއަދު އަނެއްކާވެސް މެދުކަނޑާލައިފި އެވެ.


އައިޖީއެމްއެޗުގައި ސީޓީ ސްކޭން ހެދުމަށް މައްސަލަތަކެއް ކުރިމަތިވީ މިދިޔަ ހަފުތާގެ ހުކުރު ދުވަހު އެ ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެވެ. އޭގެ ފަހުން މިދިޔަ ހޯމަ ދުވަހު އެ ހިދުމަތް އަލުން ފެށިނަމަވެސް މަރާމާތުގެ މަސައްކަތަކަށް އެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުންޏެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުން އިމަޖެންސީގައި ހަދަން ޖެހޭ ސީޓީ ސްކޭންތައް އާސަންދައިގެ ދަށުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން އަލުން ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށާނެ ދުވަހެއް ބުނެފައެއް ނުވެ އެވެ.

އަލިފާނުގެ ހާދިސާ އަށް ފަހު ސީޓީ ހެދުން މެދުކެނޑުނު ދުވަސްތަކުގައި ވެސް އައިޖީއެމްއެޗުން އިމަޖެންސީ ޕޭޝެންޓުން ސީޓީ ސްކޭން ހެދުމަށް ފޮނުވާފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ.