އައްޑު އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވަކަށް ހަދަނީ

އައްޑު އާއި ފުވައްމުލަކަކީ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި މިހާތަނަށް ކަނޑައަޅާފައި ވަނީ ބ. އަތޮޅު އެކަންޏެވެ. މަންތާ އާއި ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ އެ އަތޮޅުގައި ބަޔޮސްފިއާގެ ރިޒާވްގެ މަސައްކަތް ފެށި ފަހުން އެ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް، މަސްމަހާމެއްސާއި ކަނޑުގެ ދިރުން ވަރަށް ބޮޑަށް އާލާކުރަމުން އަންނަ ކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ހުސައިން ވިދާޅުވީ، އައްޑު އާއި ފުވައްމުލަކަކީ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ޔުނެސްކޯ އަށް ހުށަހަޅާނެ ކަމަށެވެ.

ބަޔޮސްފިއާ ރިޒާވެއް ކަމަށް ޔުނެސްކޯ އިން ކަނޑައަޅާނީ ސަރުކާރުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބަލައި، ޝަރުތު ހަމަވާ ނަމަ އެވެ. އައްޑު އާއި ފުވައްމުލަކަކީ ވެސް ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ދެ ސިޓީ އެވެ.

"މިކަން ކުރެވޭނީ އެ ސިޓީތަކުގެ ބޭފުޅުންގެ އެއްބާރުލުމާ އެކު. އެބޭފުޅުންގެ ބަޔޮސްފިއާއެއް ގާއިމު ކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ، އެ ތަންތަން މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަަކައި،" ހުސައިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިމަގުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައި ވެސް ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ގާއިމު ކުރާނެ އެވެ.

"މުސްތަގުބަލުގައި ދިވެހި ރާއްޖެ އޮންނާނީ ނެޓްވޯކެއް ގޮތަށް ބަޔޮސްފިޔާތަކުން ގުޅިފައި،" ހުސައިން ވިދާޅުވި އެވެ.

ބަޔޮސްފިއާ ރިޒާވަކަށް ބ. އަތޮޅު ކަނޑައެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ބަޔޮސްފިއާގެ ގޮތުގައި ކަނޑައެޅުމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.