މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކަށް ފަހު، ޖަލުގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ، އެ ތަން ފާސްކުރުމަށް މިއަދު ހިންގި އޮޕަރޭޝަން ކުރިއަށް ދިޔައީ އޮމާންކޮށް ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ ޖަލުތެރޭގައި ހުރެގެން ނުވާނެ ސާމާނު މިއަދުގެ އޮޕަރޭޝަނުގައި ހޯދާފައިވާ ކަމަށެވެ.
މި ފާސްކުރުންތަކަށް ފަހު، ޕްރިޒްންސް ކޮމިޝަނަރު އަބްދުﷲ މުނާޒް ވިދާޅުވީ، ޖަލުން ފެނުނީ ގޮޅިއަކުން ނައްޓާފައިވާ ތޭރި ދަގަނޑަކާއި އެނބުރި ދަގަނޑެއް ބޭނުންކޮށްގެން ހަދައި އެއްކޮޅު ތޫނު ކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި އަށް މޮބައިލް ފޯނު ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލުގައި ހަމަނުޖެހުން ހިންގީ ޝަރީއަތްތައް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ "ޔޫ ހަތަރެއް" ގަ އެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ފުރަތަމަ ހަމަލާދިނީ ގައިދީ އެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރީ އެވެ. ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވި އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި އެވެ.
ހޯމް މިނިސްޓްރީން މިއަދު ހެނދުނު ބުނީ ޖަލުގައި ހިންގި ހަމަނުޖެހުމަށް ފަހު، އެތަނުގެ ކަންކަން ހަމަޔަކަށް ނޭޅޭ ކަމަށެވެ. ޖަލުގެ ކަންކަން އާއްމު ހާލަތުގައި ދެމެހެއްޓުމަށް ގޮންޖެހުންތަކެއް ވެސް ކުރިމަތިވަމުންދާ ކަމަށް ވެސް ބުންޏެވެ.
އެތަނުން ބުނިގޮތުގައި ޖަލުގެ ސަލާމަތަށް ނުރައްކާތެރި ވެދާނެ ފަދަ ތަކެތި ހޯދަން އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިރުޝާދުގެ ދަށުން، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ޑެޕިއުޓީ ކޮމިޝަނަރާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ހާޒިރުގަ އެވެ.