އިންޒާރުތަކާ ހެދި ނިޔާޒްގެ ދިރިއުޅުން ރާއްޖެއިން ބޭރަށް، ފުރުނީ "ހަމަކިރިޔާ"!

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އާއްމުކުރި ޑޮކިއުމެންޓްރީ އަށް މައުލޫމާތު ދެއްވުމުން ލިބިވަޑައިގަތް އިންޒާރުތަކާ ހެދި ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނިޔާޒު ދިރިއުޅުއްވުން ރޭ ސްރީ ލަންކާ އަށް ބަދަލު ކުރައްވައިފި އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިމަތިވެވަޑައިގެންނެވި އުނދަގޫތަކާ އެކު ލަންކާ އަށް ރޭ ފުރާވަޑައިގެންނެވުނީ "ހަމަކިރިޔާ" ކަމަށް އޭނާ ވިދާޅުވި އެވެ.


ނިޔާޒްގެ އިތުރުން ޑޮކިއުމެންޓްރީ އަށް އިންޓަވިއު ދެއްވި މޯލްޑިވްސް އިންޑިޕެންޑެންޓްގެ އެޑިޓަރު ޒަހީނާ ރަޝީދު ވެސް ވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ވަނީ ވަގުތީ ގޮތުން ލަންކާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

އޮޑިޓަ ޖެނެރަލަކަށް ހުންނެވިއިރު ސަރުކާރުގެ ކޮރަޕްޝަންތަކުގެ ވާހަކަ ރައީސް އަބްދުﷲ ޔާމީނަށް ދެންނެވުމުން ކަން ކުރެއްވި ގޮތް ޑޮކިއުމެންޓްރީގައި ހާމަކުރައްވައި އެމަނިކުފާނާއި ސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމާ ގުޅިގެން ނިޔާޒް ހައްޔަރުކުރަން އުޅޭ ކަމުގެ އަޑުތައް ވެސް އޮތީ ފެތުރިފަ އެވެ.

އަޅުގަނޑު ދެންނެވިން ކޯޓު އަމުރެއް ނެތި ތިގޮތަށް ޕާސްޕޯޓެއް ނުހިފެހެއްޓޭނެއޭ. ވަރަށް އުނދަގުލުން އަޅުގަނޑަށް ފުރޭގޮތްވީ. ސަލާމަތްވެގެން މި އާދެވުނީ ހަމަ ނަސީބަކުން. --ނިޔާޒް

މި އަޑުތަކާ އެކު ޑޮކިއުމެންޓްރީ އިއްޔެ އާއްމުކުރުމުން ލިބިވަޑައިގަތް އިންޒާރުތަކުން ރާއްޖޭގައި "ފުރާނަ އަށް ނުރައްކާވުމުގެ ބިރު އޮތް ކަމަށް އިހްސާސްކުރެއްވުނު" ކަމަށް ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަން އެއާޕޯޓަށް ވަޑައިގަތްއިރު އޭނާގެ ޕާސްޕޯޓް ވެސް "ހިފަހައްޓަން އޮތީ އަންގާފައި" ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ކޯޓު އަމުރެއް ނެތި ތިގޮތަކަށް ޕާސްޕޯޓެއް ނުހިފެހެއްޓޭނެއޭ. ވަރަށް އުނދަގުލުން އަޅުގަނޑަށް ފުރޭގޮތްވީ. ސަލާމަތްވެގެން މި އާދެވުނީ ހަމަ ނަސީބަކުން،" ނިޔާޒް ވިދާޅުވި އެވެ. އެކަމަކު އިމިގްރޭޝަނުން މިކަމާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އަމިއްލަ ގައުމުން ބޭރުގައި ދިރިއުޅުއްވުމަކީ، ނިޔާޒް ވިދާޅުވި ގޮތުގައި، އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ރާއްޖޭގެ ހާލަތު އޮތް ގޮތުން "މިވަގުތު މި ނޫން ގޮތެއް ނެތް" ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަގުތީ ގޮތުން ރާއްޖެ އިން ދާން މަޖުބޫރުވީ،" ނިޔާޒް ވިދާޅުވި އެވެ.

އަލް ޖަޒީރާ އިންޓަވިއުގައި ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ކޮރަޕްޝަން ފޮރުވަން މުވައްޒަފުންނާ އެކު ދައުލަތުގެ މުއައްސަސާއެއް ރޯކޮށްލަން އުޅޭނީ ކިހާވަރެއް ވުމުންތޯ އޭނާ ވަނީ އެ ޑޮކިއުމެންޓްރީގައި ސުވާލު އުފައްދައްވައިފަ އެވެ.

އޮޑިޓް އޮފީސް ރޯކޮށްލަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެންގެވި ކަމަށް އެ ޑޮކިއުމެންޓްރީގައި ބުނެ އެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓްގެ އެޑިޓަރު ޒަހީނާ ރަޝީދު އަލް ޖަޒީރާ އަށް ވާހަކަދައްކަނީ.

ޒަހީނާ ވިދާޅުވީ ޑޮކިއުމެންޓްރީ އާއްމުކުރުމުގެ ކުރިން ވެސް ސަރުކާރުގެ މިނިސްޓަރުންނާއި ވެރިކަން ކުރާ ޕާޓީގެ މަޖިލިސް ބައެއް މެމްބަރުން ވެސް ގެންދެވީ ޑޮކިއުމެންޓްރީ އަށް މައުލޫމާތު ދިން މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީޑިއާ މެދުވެރިކޮށް ދެއްވަމުން ކަމަށެވެ. އެ އިންޒާރުތަކާ އެކު އާއިލާ މީހުންނާއި ހެޔޮއެދޭ މީހުން އަދި ރައްޓެހި ނޫސްވެރިންގެ ވެސް އެދުމަކަށްވީ ވަގުތީ ގޮތުން ރާއްޖެ އިން ބޭރަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަންކަން ރަނގަޅަށް ދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް. ރާއްޖޭގައި މަޑުކޮށްގެން ހުރެވެން ވެސް ނެތީ. ރާއްޖޭގައި އެފަދަ މާހައުލެއް ނެތް،" ޒަހީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑޮކިއުމެންޓްރީގައި އަށް ދެއްވީ ގައުމުގައި ކަން ހިނގާ ގޮތުގެ މައުލޫމާތެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި ގޮތާއި ސަރުކާރުން ރައްޔިތުންނާ ދޭތެރޭ ކަންކަން ކުރަމުންދާ ގޮތެވެ. ނޫސްވެރިއަކަށްވެ ހުރެ ހަގީގަތް ހާމަކުރުމުން އެއީ ސިޔާސީ އެކްޓިވިސްޓެއް ކަަމަށް ބުނެ ސަރުކާރުގެ އެކި ބޭފުޅުން ސޯޝަލް މީޑިއާގައި ލިއުންތައް ހާމަކުރުމުން ގައުމުގެ ހާލަތު އެންމެންނަށް ވެސް ވަޒަންކުރެވޭނެ ކަމަށް ޒަހީނާ ވިދާޅުވި އެވެ.

ޑޮކިއުމެންޓްރީގައި ރާއްޖެ އާއި ސަރުކާރު ބަދުނާމުވާ ގޮތަށް ދޮގު މައުލޫމާތު ދީފައިވާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވަނީ ވިދާޅުވެފަ އެވެ.

ނިޔާޒާއި ޒަހީނާގެ އިތުރުން އެ ޑޮކިއުމެންޓްރީ އަށް އިންޓަވިއު ދެއްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބުު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ އެވެ. މީގެތެރެއިން ވެލެޒިނީ ފިޔަވައި ދެން ތިއްބެވި ބޭފުޅުން ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިފަ އެވެ.

ސަރުކާރުން ދެކެނީ، އަލް ޖަޒީރާ ޑޮކިއުމެންޓްރީ އަކީ ރާއްޖެ ބަދުނާމުކޮށް ފިއްތުންތައް ކުރިމަތިކުރަން ކުރި ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އިސް ވެރިންގެ ނަމާއި އަބުރަށް ގެއްލުން ދިނުމަށާއި އަދި ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރުމަށް ތައްޔާރު ކުރި އެއްޗެއް ކަމަށް ވެސް ސަރުކާރުން ގަބޫލުކުރެ އެވެ.