އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލަ ނިމެންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


ދެ މައްސަލައެއްގައި އަދީބަށް އިއްވި ދެ ހުކުމެއް ބާތިލްކޮށް، އެ ދެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ވަނީ ދާދިފަހުން އަމުރުކޮށްފަ އެވެ. އެއީ ރިޔާސީ ލޯންޗް ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އިއްވި 15 އަހަރުގެ ޖަލު ޖަލު ހުކުމާއި ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އިއްވި އަށް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އެވެ. އޭގެ ތެރެއިން ޚިޔާނާތުގެ މައްސަލަ ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން އެ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ނިންމާފައިވާ ކަމަށާއި އެ މައްސަލާގައި ދައުލަތުން ވަގުތީ އަމުރަކަށް އެދިފައިވާތީ ގާނޫނީ އުސޫލުތަކާއި މައްސަލައިގެ ބާވަތަށް ރިއާޔަތްކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އިމިގްރޭޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރު ކުރިއިރު، އޭނާ މިވަގުތު ހުންނެވީ ސަރުކާރުގެ ހުއްދައާ އެކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގަ އެވެ. މި މަހުގެ 14 ވަނަ ދުވަހު އަދީބު ބޭރަށް ފޮނުވީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުންނެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ބޭސްފަރުވާއަށް ފަހު އަދީބު މި މަސް ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ޚިޔާނާތުގެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބަލަންޖެހޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއިރު، ކްރިމިނަލް ކޯޓުން މިހާރު ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ. އެ މައްސަލާގެ އިތުރުން އަދީބަށް ދައުވާކުރާ އެހެން މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

އެކި ކުށްތަކުގައި އަދީބުގެ މައްޗަށް އޮތް 33 އަހަރުގެ ޖަލު ހުކުމް އައި ނަަމަވެސް ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ.