ބާރުގެ ބޭނުންކުރީ ނުކިޔަމަންތެރިވި ގައިދީން ގޮޅިތަކަށް ވައްދަން: ކަރެކްޝަންސް

ޖަލަށް ވަދެ ރޭ ބާރުގެ ބޭނުންކުރީ ނުކިޔަމަންތެރިވިި ހުރިހާ ގައިދީން ގޮޅިތަކަށް ވައްދަން ކަމަށް ކަރެކްޝަންސް ސާވިސް އިން މިއަދު ބުނެފި އެވެ.


އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމަށް ފަހު ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާކުރުމާއި އެ އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ޖަލުގެ ގަވާއިދުތަކަށް ބޯނުލަނބައި މުޅި ޖަލުގެ މަސްލަހަތު ގެއްލެމުންދާ ކަމަށެވެ. އެހެންވެ ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށް، ނުކިޔަމަންތެރިވި ހުރިހާ ގައިދީން ގޮޅިތަކަށް ވައްފާއިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"އޮޕަރޭޝަން ހިންގަން ފެށުމުން ގިނަ ގައިދީން ވަނީ އަމުރަށް ކިޔަމަންތެރިވެ، ގޮޅިތަކަށް ވަދެފަ އެވެ،" ބަޔާނުގައިވެ އެވެ.

ކަރެކްޝަންސް އިން ބުނީ ގޮޅިތަކަށް ވަންނަން އިންކާރު ކުރި ގައިދީން ވެއްދުމަށްޓަކައި ޕެޕަ ސްޕްރޭ ބޭނުންކުރި ކަމަށެވެ. އަދި އެ އޮޕަރޭޝަން ހިނގަމުން ދިޔަ ގޮތް ފެށުނީއްސުރެ ނިމެންދެން ވީޑިއޯ ކޮށްފައި ކަމަށް ވެސް ބުންޏެވެ.

ޖަލުގެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެކަޕް ޓީމެއް މާފުށީ ޖަލުގައި ތައްޔާރީ ހާލަތުގައި ވަނީ ބައިތިއްބައިފަ އެވެ. އަދި ރަށުތެރެ ބެލެހެއްޓުން ވެސް ވަރުގަދަކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

މާފުށީ ޖަލުގެ ހާލަތު މިދިޔަ ބުރާސްފަތިދުވަހުގެ ރެއިން ފެށިގެން ވަނީ ގޯސްވެފަ އެވެ. މައްސަލަ ދިމާވީ ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ނުރައްކާތެރި ގައިދީއަކު ދަގަނޑުބުރިއަކުން އޭނާއަށް ހަމަލާދިން ހިސާބުންނެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން އީއެސްޖީގެ އޮފިސަރުން ގޮޅިތަކަށް ވަދެ ބައެއް ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރި އެވެ.

އެ ހާދިސާގައި ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވި އެވެ. އަދި ބައެއް ގައިދީންގެ ބޯ ގަދަކަމުން ތުނިކޮށް ކޮށާ ވެސް ލި އެވެ.

އެ މައްސަލައާ ގުޅިގެން، އީއެސްޖީގެ ކޮމާންޑަރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.