ދިއްދޫ ފްލެޓްތައް ދޭން އަލުން އިއުލާނުކުރަން އަންގައިފި

ހއ. ދިއްދޫގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ ފްލެޓްތައް ދޭނެ މީހުން ކަނޑައަޅައި އެ ރަށު ކައުންސިލުން މިމަހު ކުރީކޮޅު ކުރި އިއުލާން ބާތިލްކޮށް އަލުން ފްލެޓަށް ކުރިމަތިލާން ހުޅުވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ރަށު ކައުންސިލަށް އިއްޔެ އަންގައިފި އެވެ.


ދިއްދޫގައި އަޅާފައިވާ 250 ފްލެޓްގެ ތެރެއިން 135 ފްލެޓް، ކުރީ ސަރުކާރުން ވަނީ ދޫކޮށްފަ އެވެ. އަދި އިތުރު 110 ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާފައިވެ އެވެ. ނަމަވެސް މިސަރުކާރުން ވަނީ އެ ލިސްޓް ބާތިލްކޮށް އަލުން މާކްސް ދީފަ އެވެ. އެގޮތުން ދިއްދޫ ކައުންސިލުން މިމަހު 10 ވަނަ ދުވަހު ވަނީ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފަ އެވެ.

ފްލެޓްތައް ދިން ގޮތުގެ މައްސަލަ ބެލުމަށް ފަހު އޭސީސީން މިއަދު ބުނީ މިހާރު ދޫނުކޮށް ހުރި ފްލެޓްތައް ދޫކުރުމަށް އެރަށު ކައުންސިލުންނާއި ހައުސިން މިނިސްޓްރީން ކުރި އިއުލާން ބާތިލްކޮށް، އަލުން އިއުލާން ކުރުމަށް އަންގާފައިވާ ކަމަށެވެ.

އޭސީސީން ދިއްދޫ ކައުންސިލަށް އަންގާފައިވަނީ އަލުން ފުރުސަތު ހުޅުވާލާއިރު ފްލެޓް ދޫކުރާނެ އުސޫލަކާއި ޕޮއިންޓް ދޭނެ އުސޫލެއް އަލުން ކަނޑައެޅުމަށެވެ. ސަބަބެއް ކަމަށް އޭސީސީން ބުނީ ފްލެޓް ދޫކުރުމަށް މިދިޔަ އަހަރުގެ ޖުލައި 30 ގައި ހައުސިން މިނިސްޓްރީން އިއުލާން ކުރުމުން އެތައް ބަޔަކު ކުރިމަތިލާފައި ވަނިކޮށް އެ އިއުލާން ބާތިލުކުރިކަން އާއްމުކޮށް އިއުލާން ކޮށްފައި ނުވުމެވެ. އަދި އެ އިއުލާނާ ގުޅިގެން އެކަމަށް އެދުނު ފަރާތްތަކުގެ ތެރެއިން ބަޔަކަށް ބާކީހުރި ފްލެޓްތައް ދޭ ގޮތަށް ހަމަޖެއްސުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްގެ ގޮތުގައި ނުފެންނަ ކަމަށް އޭސީސީން ބުންޏެވެ.

މިދިޔަ ސަރުކާރުން ދިއްދޫން ފްލެޓް ދީފައިވަނީ ވެސް ބޭއިންސާފުން ކަމަށް ބުނެ އެ ރަށު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ފްލެޓުގައި މިހާރު މީހުން ދިރިއުޅެ އެވެ.