ހައްޖާ ގުޅޭ މައުލޫމާތު ދިނުމަށް އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް (މ)، ޑެޕިއުޓީ މިނިސްޓަރު ޝާފިއު (ވ) އަދި މިވަގުތު ސަސްޕެންޝަންގައި ހުންނެވި ޕާމަނަންޓް ސެކްރެޓަރީ މުސްއަބު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 ޖޫން 2019 - 08:59
މިނާ ގުރޫޕާ ގުޅިގެން ހައްޖަށް ދާން ފައިސާ ދައްކައި، ބައެއް މީހުން ވެކްސިން ވެސް ޖަހާފައި އޮއްވައި، އެ ގުރޫޕާ ގުޅިގެން މި އަހަރު ހައްޖަށް ނުދެވިދާނެ ކަމުގެ ބިރުބޮޑުވެއްޖެ އެވެ!
އެ ގުރޫޕާ ގުޅިގެން ހައްޖަށް ދާން ފައިސާ ދައްކާފައިވާ މީހުން އެ ގުރޫޕުން ގުޅައި، މި އަހަރު ހައްޖަށް ނުދެވިދާނެ ކަމަށް ބުނަމުންދާ ކަމަށް ވެ އެވެ. އޭގެ ތެރެއިން އެކަކު ބުނީ ގުރޫޕުން ގުޅާފައި އެ ވާހަކަ އެގޮތަށް ބުނެފައިވާ ކަމަށާއި "ފަހަރެއްގައި މި އަހަރު ހައްޖަށް ނުދެވިދާނެ" ކަމަށް އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ ފައިސާ ދައްކައި، އަދި ވެކްސިން ވެސް ޖަހައިގެން،" މި އަހަރު ހައްޖަށް ދާން މިނާ އަށް ފައިސާ ދެއްކި މީހަކު ބުންޏެވެ.
އެކަން މިނާ ހައްޖު ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުޖެއިލް ދޮގެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްްރީން ދިނުމަށްފަހު، އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން އެ މަސައްކަތްތައް ހުއްޓާލަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންގާފައިވާ ކަމަށެވެ. އެހެންވެ އެ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދާން ފައިސާ ދައްކާފައިވާ 90 މީހުންނަށް ހައްޖަށް ނުދެވުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިފަހަރު ދީފައި ވަނީ ފަސް ގްރޫޕަކަށެވެ. އޭގެ ތެރޭގައި މިނާ ވެސް ހިމެނެ އެވެ. މިނާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ގެންދަން ހުއްދަ ދީފައިވާ އަގަކީ 69،965ރ. އެވެ.
އުޖެއިލް ވިދާޅުވީ ހައްޖާ ގުޅޭ ކަންކަން ހުއްޓާލަން އެންގީ އެ މިނިސްޓްރީ އަށް ގެންދިއުމަށް ފަހު ކަމަށެވެ. އެކަން އެންގި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ސްޓޭޓް މިނިސްޓަރަކާއި ޑެޕިއުޓީ މިނިސްޓަރަކު ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
ހައްޖާ ގުޅޭ ރަސްމީ ކަންކަން ކުރަންޖެހޭނީ އެކަމަށް ހާއްސަ އީ-ޕޯޓަލް އަކުންނެވެ. އެއީ ސައުދީގެ ހައްޖު މިނިސްޓްރީން ދީފައި އޮންނަ ޕޯޓަލްއެކެވެ. އުޖެއިލް ވިދާޅުވީ އެހެން ގްރޫޕުތަކަށް އެ ޕޯޓަލް ދީފައިވާއިރު އެ ގްރޫޕަށް އަދިވެސް ލިބިފައި ނުވާ ކަމަށެވެ. ހައްޖަށް ނުދެވިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ މައިގަނޑު ސަބަބަކީ، ހައްޖުވެރިންގެ މައުލޫމާތުތައް ނުފޮނުވި ލަސްވުމެވެ.
"އެކަމާ ގުޅޭގޮތުން ސުވާލުކުރީމަ މިނިސްޓްރީން ބުނީ އޭސީސީން ބަލާ މައްސަލައަކާ ގުޅިގެންނޭ ހުއްޓާލަން ވަގުތީގޮތުން އެންގީ. އެކަމަކު އޭސީސީން އެ ގްރޫޕަށް ފޮނުވި ސިޓީއެއްގައި އެ ކޮމިޝަނުން މި ގްރޫޕަށް އެބައޮތް އަންގާފައި، ހައްޖު މަސައްކަތްތައް ހުއްޓާލަން ދައުލަތުގެ އެއްވެސް އިދާރާއަކަށް އަންގާފައި ނުވާނެ ކަމަށް،" އުޖެއިލް ވިދާޅުވި އެވެ.
"މިނިސްޓްރީއާ އެކު މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ އެކަން ހައްޖުވެރިންނަށް އަންގާފައިވަނީ."
ނަމަވެސް އެކަމާ ގުޅޭގޮތުން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ. އެކަމަކު އޭސީސީން ބުނީ ހައްޖު ކޯޓާއާ ގުޅޭ މައްސަލައެއް ބަލަމުން ގެންދާ ކަމަށާއި މި އަހަރު ހައްޖަށް މީހުން ގެންދަން ކޯޓާ ދީފައިވާ އެއްވެސް ގުރޫޕަކުން އެކަން ހުއްޓާލަން އަންގާފައި ނުވާނެ ކަމަށެވެ.
މަސައްކަތްތައް ހުއްޓާލަން ވަގުތީގޮތުން އެންގިއިރު، މިނާ ގްރޫޕުން ވަނީ ހައްޖުވެރިން ތިބޭނެ ހޮޓަލާއި ޓެންޓާއި ދަތުރުތަކުގެ ހަރަދުކޮށްފަ އެވެ.
ހައްޖަށް ގެންދިއުމުގެ މަސައްކަތްތައް މިނާއިން ކުރަމުން އަންނަތާ 10 އަހަރުވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނުވަވަނަ
26 June 2019
އިލްޔާސް ޖަމާލުމެންވެސް ކުރީ ސަރުކާރުގަ ސައުދީގަ ހުންނަ ދިވެހި ކޮންސިއުލޭޓުގަ ބޮޑު މުސާރަފުޅު ނަންގަވައިގެން އުޅެފަ އެ ސަރުކާރު ވެއްޓޭ އަތަށް އެޅީމަ އަނިޔާއާ ހެދި ނިދި ނުކެރިއްވެގެން އިސްތިއުފާ ދީފަ އައިސް މިސަރުކާރުގެވެސް މަގާމެއްގަ. ދުނިޔޭގަ އުޅެން ދަސްކޮށްފަ އެބަހުރި މިމީހުން
މާރަނގާ - އައްޑޫ ސިޓީ
26 June 2019
ﷲ އަށްޓަކާ ފަރުޞު ހައްޖުކުރުމަށް މަހުންމަހަށް މަދުފައިސާކޮޅެއް ފޮރުވައިގެން “ދައުލަތުން ހުއްދަދީފައިއޮތް ކުންފުންޏަކަށް ނުވަތަ ޖަމާއަތަކަށް” ފައިސާދެއްކުމުން އެފައިސާ ކާލިމީހާ (މާނު) އަދިވެސް ހުރީ މިނިވަންކަމާއިއެކު ދޫކޮށްފައި. * * ޔާމީނާއި ބްރޯގެ މައްސަލަތަކެކޭ އެއްފަދައިން މާނުމެންފަދަ އަނިޔާވެރިންގެ ފަރާތުންވެސް ރައްޔިތުންނަށް ލިބިފައިވާ އަނިޔާގެ ބަދަލު ހޯދަދޭންޖެހޭ. ދައުލަތުން އެމީހުން ހައްޖަށް ފޮނުވުމަކީ ސަރުކާރަށް ކުރެވޭނެކަމެއްނޫން.
ހަލީލުރާޒު
26 June 2019
ސައުދީ ހާއްޖު ޕޯރޓަލް ލޮގިން ނުލިބި ކިހިނެތްތޯ ޚަރަދުކުރީ؟ ހޮޓާތަކާއި ހައްޖުގެ އެތެރޭގެ ދަތުރުތަކާއި އަދި މިނާ އަރަފާތުގެ ކަންކަން ވެސް ހަމަޖައްސާ ފަރާތާއި އެގްރިމެންޓްކޮށް ހެދޭނީ ޕޯރޓަލުން! ޕޯރޓަލް އިން ބޭރުން ހަދާ އެއްވެސް ޑީލެއް ޞައްޙަނުވާނެކަން އަނގާފަ އޮންނާނީ!
ހަސަން ނުވަވަނަ
26 June 2019
މި ކުޅަނދު މަދު ސަރުކާރު އައި ފަހުން ސަހަލު އެއްކަންވެސް އެބައޮތްތަ؟
ބައްރޭ
26 June 2019
އަސްކޮއި ގްރޫޕް އެއީ ވަރަށް ބަރާބަރު ގްރޫޕެއް، މީހުންނަށް އަޅާލާ ހެޔޮ ބައެއް އެއީ....
ސާންޑު
26 June 2019
މިނާ ގުރޫޕަށް އެކަނި ތޯ ކުރިޔަށް ނުގެންދަން އެންގީ. މިހާރުނުސް މިކަން އޮޅުންފިލުވަލަ ދެއްވާ...
އަކޫ އާންޓީ
26 June 2019
ސާބަހޭ ޝާފިއު ސަރ
ހާސަރު
26 June 2019
އެތައްބައެއްގެ ފައިސާއާއި ގުޅުންހުރި ކަމެއްގަ ލަސްނުކޮށް ޖަވާބެއްދެއްވާ. އެތައް އަހަރަކުން އެއްކުރި ފައިސާކޮޅު ގެއްލިއްޖެނަމަ އެމީސްމީހުން ވާނެދެރަ މިނިސްޓްރީއަށް ނޭގޭތަ!؟
އިޙްސާސް
26 June 2019
ކިހާދެރަކަމެއް. ހައްތާވެސް އެއްކަހަލަ މީހުން. އެތައް ބައެއްގެ ހައްގު ގެއްލިގެން ދިއުމަކީ ކުޑަކަމެއް ނޫން. އެއްވެސް މީހަކަށް މަރުވާނެއިރެއް އިނގެނީއެއް ނޫން. ހައްޖުގެ ކަންކަން ހަމަ އެކަނި ސަރުކާރުގެ އެއްތަނުން ކުރިޔަށް ގެންދަން ވީނު.
ޢަސްްލު
26 June 2019
ސަރުކާރަށް ބިޑު ހުށަހެޅި އަގަކީ 70000 ރުފިޔާ. ޢަސްލު ގެންދާ އަގަކީ 100000 ރުފިޔާ. ޢިސްލާމިކް މިނިސްޓްރީން ބުނަނީ އިނގެޔޯ. ކީއްހެއްޔޯ ކުރާނީ