ފްލެޓްތައް 7،000ރ. އަށް ދެވޭނެ، އެޗްޑީސީން ކަނޑައެޅީ ބޮޑު އަގެއް: މުއިއްޒު

ހިޔާ މަޝްރޫއުގެ ފްލެޓަކަށް ކުރީ ސަރުކާރުން އެންމެ ބޮޑުވެގެން މަހަކު 7،000ރ. ދައްކާ ގޮތަށް އަގު ކަނޑައެޅި ނަމަވެސް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިދާވާނެ ކަމަށާއި މިހާރު ބުނާ 11،000 ރ. އަކީ ބޮޑު އަގެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ވަރު 11،000ރ އަށް އަރާނެ ކަމަށް އެޗުޑީސީން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ދެ ކޮޓަރީގެ ފްލެޓަކަށް ބޮޑު އަގަކަށް ވާތީ ސަރުކާރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

އަގު ބޮޑުވީ، އެޗްޑީސީން ބުނިގޮތުގައި، ފްލެޓް އަޅަން ފުރަތަމަ ހަވާލުކުރި އިރު ހިމެނިފައި ނުވާ ފިނިޝިންގެ މަސައްކަތްތައް ފަހުން ހިމެނުމުންނެވެ. ހިޔާ މަޝްރޫއުގެ އިމާރާތްތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ފްލެޓްގެ އަދަދު ވެސް ވަނީ 6،860 އަށް މަދުވެފަ އެވެ. އެއީ އެ އިމާރާތްތަކުގެ ތިރިން ބައެއް ބައިތައް ވިޔަފާރީގެ ބޭނުމަށް ހާއްސަ ކުރުމުންނެވެ. އެކަމަކު ވިޔަފާރީގެ ބޭނުމަށް ބައެއް ތަންތަން ހާއްސަ ކުރިޔަސް ފްލެޓެއްގެ އަގަށް ބަދަލު އަންނަ ވަރުގެ އާމްދަނީއެއް އެ ތަންތަނަކުން ނުލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކުރީ ސަރުކާރުން ފްލެޓަށް ކަނޑައެޅި އަގަކީ 5،600ރ.

އެޗްޑީސީގެ މި ވާހަކަތަކަށް ޑރ. މުއިއްޒު ޖަވާބު ދެއްވީ ކުރީގެ ސަރުކާރުގައި އެ މަޝްރޫ އަށް އަގު ހަދާފައިވާ ގޮތުގެ ތަފްސީލުތައް އާއްމުކުރައްވަމުންނެެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުގައި ރައީސް ޔާމީން ނިންމާފައިވާ ގޮތުން ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަހު ކުއްޔަކީ 5،600ރ. ކަމަށެވެ. އެކަން ހައުސިން މިނިސްޓްރީ އާއި އެޗްޑީސީ އަށް ރައީސް އޮފީހުން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓްތަކުގެ އަގާ ގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓް.

މިނިސްޓަރު ވަނީ ފްލެޓްގެ އަގު، 25 އަހަރާއި 20 އަހަރު އަދި 15 އަހަރަށް ބަހާލުމުން ޑައުންޕޭމަންޓާއި މަހު ކުލީގެ ގޮތުގައި ދައްކަން ނިންމި ވަރުގެ ތަފްސީލުތައް ވެސް އާއްމު ކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ފްލެޓެއް މަހަކު އެންމެ ބޮޑުވެގެން 7،000ރ. އަށް ދެއްކި ނަމަވެސް 15 އަހަރުގެ ތެރޭގައި އެޗްޑީސީ އަށް ފައިދާވާނެ އެވެ. އެއީ މަޝްރޫއުގެ ހުރިހާ ހަރަދެއް ހިމަނައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ނިމޭނީ އަންނަ އަހަރުގެ ފެބުރުއަރީ ނުވަތަ މާޗް މަހު އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ފަރުމާކޮށްފައިވާ ގޮތުން ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން 25 ބުރީގެ އިމާރާތްތަކުގައި ހުންނަނީ އެންމެ ހަތަރު ލިފްޓް ކަމަށް ވާތީ އުނދަގޫތަކެއް ކުރިމަތިވާނެ އެވެ. އެކަމަކު އެ ތަންތަނަށް ލިފްޓް އިތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.