"ހިޔާ ޕްރޮޖެކްޓް" ގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި 7000 ފްލެޓް ހިމެނޭ ޓަވަރުތަކެއްގެ ކައިރީގައި އިމާރާތްތކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
27 ޖޫން 2019 - 12:49
ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގައި ހިމެނޭ ދެ ކޮޓަރީގެ ފްލެޓްތައް ކުޑަކަމުން، ތަނުގެ ޑިޒައިނަށް ބަދަލުގެނެސް ތިން ކޮޓަރީގެ ފްލެޓްތައް ހެދުމާ މެދު ވަކި ގޮތެއް ނިމިފައި ނުވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އާ ސަރުކާރުން ފުރަތަމަ ގެންގުޅުނު އެއް ވިސްނުމަކީ 7،000 ފްލެޓްގެ ތެރެއިން ބައެއް ތަންތަން ތިން ކޮޓަރީގެ ފްލެޓްތަކަށް ބަދަލުކުރާށެވެ. އެ ބަދަލު ގެންނަ ނަމަ ފްލެޓްތަކުގެ އަދަދު 3،588 އަށް މަދުވާނެ ކަމަށް، ރައްޔިތުންގެ މަޖިލިހުގައި، މިހާރުގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އޮތީ ވިދާޅުވެފަ އެވެ.
ހިޔާ މަޝްރޫއުގައި ހިމެނެނީ 7،000 ފްލެޓޭ ކިޔަސް އެތަނުގައި ހަދަނީ އަސްލު 6،860 ފްލެޓެވެ. ބާކީ ހުރި ތަންތަން ބޭނުންކުރަނީ ވިޔަފާރި އާއި އެހެން ހިދުމަތްތަކާ ބެހޭ ކަންކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު ވިދާޅުވީ ތިން ކޮޓަރީގެ ފްލެޓްތައް ހެދުމާ މެދު މަޝްވަރާތައް ކޮށްފައިވިޔަސް ވަކި ގޮތެއް ނުނިމޭ ކަމަށެވެ. ފްލެޓްތަކުގެ ސްޓްރަކްޗާ އަށް ބަދަލު ގެންނަން ކުރަން ހުރި މަސައްކަތްތައް އެޗްޑީސީން ބަލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަން [ތިން ކޮޓަރީ އަށް ބަދަލުކުރުން] ދޫކޮށްލީއެއް ނޫން. ތިން ކޮޓަރި އަށް ހަދާ ނަމަ ފްލެޓުގެ އަދަދު 3،900 އަށް އެބަ މަދުވޭ. އެކަމުގައި މުޅިން ގޮތެއް ނުނިމޭ،" ސުހައިލް ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު އަޅަމުން އަންނަ އިރު ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.
މިހާރު ލަފާކޮށްފައި އޮތް ގޮތުން އަންނަ އަހަރުގެ އެޕްރީލް މަހަށް އެ މަޝްރޫއު ނިމޭނެ އެވެ. އެކަމަކު ތިން ކޮޓަރި އަށް ބަދަލުކުރާ ނަމަ، ކޮންޓްރެކްޓަރަށް އިތުރު މުއްދަތެއް ދޭން ޖެހޭ ކަން ސުހެއިލް ފާހަގަކުރެއްވި އެވެ.
ހިޔާ މަޝްރޫ އަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ފޯމުލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ކުރީގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
އެ ކޮމިޓީން އެ މަސައްކަތް ކުރަމުން އައި ނަމަވެސް މިހާތަނަށް ގޮތެއް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮކީ
28 June 2019
ދެކޮޓަރީގެ ތަނެއް ތިންކޮޓަރިއަށް ބޮޑުކުރީމަ ޖާގަ ބޮޑުވަނީ ކޮންގޮތަކުން
އީލާ
27 June 2019
ގޮތެއް ނުނިމި ޕްރޮޖެކްޓު ކުރިޔަށް ދޭތަ... ސުހައިލު އަށް ދޮގު ހެދުން ނޫން ކަމެއް ނުކުރެވޭ...
ބޮޑުމީހާ
27 June 2019
ސަރުކާރުން އެބަޖެހޭ އިޚްލާސްތެރިކަން ދައްކަން. ހީނުކުރާތި އަބަދަށް ވެރިކަމުގަ ތިބެވޭނެކަމަށް. ތިހެން މީގެ ކުރިން އުޅުނު މީހުންނަށް ވީ ގޮތް އެންމެ ރަގަޅަށް އިގޭނީ ކަލޭމެންނަށް. މިދާގޮތުން ދާނަމަ އެމީހުންގެ ހާލަށްވުރެ ތިމީހުންގެ ހާލު ބޮޑުވާނެ
ބޮޑުމީހާ
27 June 2019
މިހާރު 1 ކޮޓަރީގަ 5، 6 މީހުން ތިއްބޭކިޔާފަ މުސްތަގްބަލުގައި އުޅޭ ފްލެޓްތައް އެހާ ކުޑަވުމަކީ އޯކޭ ކަމެއްނޫން. ބޯހިޔާވެހިކަމަށް އަޅުވެތިކޮށްފަ އޮތް މިންވަރު ބޮޑުކަމުން ހައްގު މިންވަރު އިހުސާސްނުވަނީ. ޔާމިން ދައުރުގަ ކުރީގަ ދިން ޗައިނާ ފްލެޓް އޯކޭ. އެއީ ސޯޝަލް ހައުސިންގް. މިހާރުތީ ކޮތަރުކޮށި. ތިތަންތަން އެންމެ ރަގަޅުވާނީ ގެސްޓް ހޮޓެލް ނޫނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ދިނިއްޔާ
ޗިޗަންޑާނަވާރަ
28 June 2019
މިއީ ވެސް ސޯޝަލް ހައުސިން. ލަގްޒަރީ ފްލެޓެއް ނޫން. ދުނިޔޭގެ ކޮންތާކު 1000 އަކަ ފޫޓުގެ ފްލެތް ސޯޝަލް ހައުސިންއަށް 6500ރ އަށް ދީފަ ހުރީ؟
ވަތަން އިސްކުރަންޖެހޭ
27 June 2019
އަދިއެއް ނެއް މިސަރުކާރުން ކުރިކަމެއް. ޔާމިން ސަރުކާރުން ކުރިކަންތަ މަތިއޮމާންކުރުން ނުންކަމެއް ނުކުރޭ.
ފައުޒީ123
27 June 2019
ތިތަން ހައްގު ވެރިންނަށް ބަހަނާ ނުދައްކާ ދީފަ އެހެން ކަމަކާ ސަރުކާރުން އުޅެންވެއްޖެ... ތި ގޮތަށް ބަހަނާ ދައްކަންޏާ ވަންނާނީ ބައިކޮޅައް ގޯލު... ރަނގަޅު ގޮތަކީ ލަސްނުކޮށް އިތުރު ބަހަނާ ނުދައްކަ ތިތަން ދިނުން... ފުލެޓް ކޮމިޓީ ވެސް އުވާލަންވީ.. އެމީހުންނަށް ވެސް ލައްކަ ވަގުތު ދެވިއްޖެ.. 8 މަސް ދެވިއްޖެ... ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގު މައްޗަށް ނުނިކުންނަނީސް ހައްލު ހޯއްދަވާދެއްވާ.. މި ސަރުކާރަށް ވޯޓު ދިނީ އިތުބާރާ އެކު.. ގެއްލުވާނުލައްވާ..
ޒޫނާ
27 June 2019
އެކަމަށް ބޮޑު މުސާރާގަ ކޮމިޓީ އެއް އެކުލަވާލާ
މުލޭ
27 June 2019
ގޮތެއް ނިންމަނީ ތިތަަނަށް މީހުން ވަނީމަތަ؟ ތިހާ ސްލޯވެގެން މީހުންގެ އިތުބާރެއް ނުހޯދޭނެ. ގޮތެއް ނިންމައިގެން ދޯ މަސައްކަތް ކުރެވޭނީ. ގޮތެއް ނުނިމުމުގެ މާނައަކީ މަސައްކަތް ހުއްޓިފައޭތަ ހުރީ. މަސައްކަތްކުރަންޏާ ގޮތެއް ނިމިގެންދޯ ކުރާނީ. ހޭޖެހޭ ބޮޑެތި މީހުން ތަންކޮޅެއް އޮށްޓަރުހުރި ވާހަކަ ދައްކަބަލަ.
ޔާމިން
27 June 2019
ފުލެޓް ކޮމިޓީ ގެ މުސާރައަކީ ކޮބާ؟ 8 މަސް ވީ...
ހާރޫން
27 June 2019
ފުލެޓްތައް ބަހަނާ ނުދައްކާ ދޭންވީ... ވޯޓު ދެވުނު މޮޔަ ހިތަށް އަރާ... ތި ފުލެޓުތައް މިހާ ދިގު ދަންމަންޏާ ކުރިއަށް ހުރި ދުވަސްތަކުގަ މި ސަރުކާރަށް އެޅޭނެ ފުލެޓެއް ނޯންނާނެ... އަޅާފަހުރި ފުލެޓެއް ނުނިމިގެން ބަހަނާ ދައްކަނީ... އަސްލު ވާ ގޮތް ސާފު... ޔާމިނުގެ ތަރައްޤީ ހަޖަމްނުވަނީ އިބޫއަށް.. ނުވަންޏާ އިސްތިއުފާ