އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު
27 ޖޫން 2019 - 17:15
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ޒިންމާ އޮތީ އަދާކޮށްފައި ކަމަށާއި އެކަމަކު ކުންފުނިތައް ޒިންމާދާރު ކުރުވޭނީ އެހެން މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ވެސް ކޮށްގެން ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް މިއަދު ވަޑައިގެން، އެ ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ، ޒިންމާދާރު ކުރުވުމުގެ މަސައްކަތް ފުރިހަމަވާނީ މަޖިލީހުން ކުރަންޖެހޭ މަސައްކަތް ވެސް ރަނގަޅަށް ކުރުމުން ކަމަށެވެ.
މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ޒިންމާ އަދާކޮށްފައި ނެތް ކަމަށް ސީދާ ވިދާޅުނުވި ނަމަވެސް އޮޑިޓަ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، މުއައްސަސާތައް ޒިންމާދާރު ކުރުވުމުގެ މަސައްކަތް ރަނގަޅަށް ހިނގަން ފެށީ މިހާރެވެ.
އޭނާ އެ ގޮތަށް ވިދާޅުވީ، ކުރިން ނެރުނުރު އޮޑިޓް ރިޕޯޓްތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަން ދޭހަވާ ގޮތަކަށެވެ.
"އެކައުންޓަބިލިޓީ ސާކަލްގެ އެންމެ ބައެއް އޮޑިޓް އޮފީހަކީ. އަޅުގަނޑުމެންނަކަށް ތަހުގީގެއް[ ނުކުރެވޭނެ]. ދެން އަނެއްކާ ވަރަށް ސާފުކޮށްލަދޭން ބޭނުންވޭ، ތަހުގީގު ކުރުމުގެ ބާރެއް ވެސް އޮޑިޓާ ޖެނެރަލް އަކަށް ނޯވޭ. އޮޑިޓާ ޖެނެރަލް އަށް އޮންނަ މެންޑޭޓް ވަރަށް ސާފު ދެއްތޯ،" ޒިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބައެއް ތަންތަން އޮޑިޓްކުރާއިރު، ކޮރަޕްޝަނަށް މަގު ފަހިވާ ފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ އޮޑިޓް ނުނިމެނީސް ވެސް އެ މައްސަލަ އޭސީސީ އަށް ވަނީ ފޮނުވައިފަ އެވެ. އެގޮތަށް ފޮނުވުމުން އޭސީސީން ވެސް އެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ކޮމިޝަނުން ތަހުގީގުކޮށް އެފަދަ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް ފޮނުވަން ޖެހޭނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
"އެހެންވީމާ މި ސާކަލް، އެކައުންޓަބިލިޓީ ސާކަލް ފުރިހަމަ ވާނީ ހުރިހާ މުއައްސަސާތަކެއް މަސައްކަތް ކޮށްގެން. އޭގެ ތެރޭގައި މަޖިލިސް ވެސް. މާލިއްޔަތު ކޮމިޓީ ވަކިން ހާއްސަކޮށް ވެސް އެކްޓިވްލީ ފަންކްޝަން ކޮށްގެން. މިއީކީ ހަމަ އެކަނި އޮޑިޓް އޮފީހުން [ކުރެވޭނެ ކަމެއް ނޫން]،" ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ، ޒިންމާދާރު ކުރުވުމުގެ ސުވާލު އޭނާއާ ކުރާތީ އުފާކުރައްވާ ކަމަށާއި އެއީ މަޖިލީހުގެ މެމްބަރުން ވެސް އިތުބާރު ކުރައްވާ މުއައްސަސާއެއްގެ ގޮތުގައި އޮޑިޓް އޮފީސް ދެކޭތީ ކަަމަށެވެ.
ޒިޔަތު މިމޭރުމުން ވާހަކަ ދެއްކެވީ މިދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި ދައުލަތުގެ ގިނަ ކުންފުނިތަކަށް ބޮޑެެތި ގެއްލުމާ ކުރިމަތިވެ، ބަންގްރޫޓްވާ ހިސާބަށް ދިޔަ އިރު އޮޑިޓާ ޖެނެރަލްގެ ރިކޮމެންޑޭޝަންތަކެއް ފެނިފައި ނުވާކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.
ކުުރީ ސަރުކާރުގެ ދުވަސްވަރު އެއަށް ވުރެ ކުރީ އަހަރުތަކުގެ އޮޑިޓް ރިޕޯޓްތައް ނެރުއްވުމުން ޒިޔަތަށް އޮތީ ކުރިއްސުރެ ފާޑުކިއުންތައް އަމާޒުވެފަ އެވެ. އެ ފާޑުކިއުންތަކަށް ވެސް އޭނާ މިއަދު ޖަވާބު ދެއްވި އެވެ. އޭނާ ވިދާޅުވީ މަގާމަށް ވަޑައިގެންނެވި އިރު ކުރީގެ ވަރަށް ގިނަ މަސައްކަތްތަކެއް ހުރި ކަމަށާއި އެ މަސައްކަތްތައް ނުނިންމާ އާ އޮޑިޓެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އޮޑިޓެއް މި އޮންނަނީ މިހާރު އަޅުގަނޑުމެންނަށް ކުރީގެ އަހަރުތައް ނުކޮށެއް އެންމެ ފަހުގެ އަހަރެއް ނުކުރެވޭނެ،" ޒިޔަތު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
27 June 2019
މިގައުމުގައި މިހާރު ތިބި ސިޔާސީ ބެޗް އެއްކޮށް ސިޔާސީ ދާއިރާއިން ދުރުކޮށްގެން މިގައުމު ރަގަޅުވާނީ
ފޮނިފޮނިމާ
27 June 2019
"އޭނާ އެ ގޮތަށް ވިދާޅުވީ، ކުރިން ނެރުނުރު އޮޑިޓް ރިޕޯޓްތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަން ދޭހަވާ ގޮތަކަށެވެ." އޮޑިޓަރ ޖެނެރަލްވެސް ބިޝާމްގެ ވާހަކަ. އޭސީސީ އިންވެސް ބިސާމް ދައުވާނުކޮށްދިން ވާހަކަބުނި. މަޖިލިސް މެމްބަރުންނޭ ސާބަހޭ ބަހައްޓާ ބިޝާމް މަގާމުގަ އަދިވެސް.
ސާފުކުރޭ އޮޑިޓް އޮފީސް
27 June 2019
އޮޑިޓް ކުރާއިރު ފާހަގަވާ ބޮޑެތި ކަންކަން އަދި އެނޫންވެސް އެހެންކަންކަން މަސައްކަތް ސުޕަވައިޒް ކުރާ އިސް ފަރާތްތައް ފަސް ޖެހި ރިޕޯޓަށް ނާރުވާ ހުންނަ ހުރުމާ ދޭތެރޭ ސުވާލު އުފައްދަން ޖެހޭ. ވަރަށް މަދު މީހެއްގެ ކިބައިގަ ނޫނީ އެކަހަލަ ގަޓެެެއް އަދި އިންޓެގްރިޓީ އެއް މި ރާއްޖެ އަކު ނުހުންނާނެ. އޮޑިޓް އޮފީހުގެ ބައެއް މުވައްޒަފުން އެބަހުރި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއެފްއޯ ފަދަ މަތީ މަގާމުތަކަށް މީހުންނަށް ފަހި ކޮށްދީ އަތްބާނާފަ.
އަމީތާބު
27 June 2019
ޒިޔަތު ޒިޔަތުގެ މައްސަލަ ބަލަން.