ރާއްޖެ އަންނަ އަދި ރާއްޖެ އިން ފުރާ މީހުންގެ މައުލޫމާތު ކުރިން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކަސްޓަމްސް އިން ފަށައިފި އެވެ.
އެ އިދާރާއިން މިރޭ ބުނީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ "ގްލޯބަލް ޓްރެވަލްސް އެސެސްމަންޓް ސިސްޓަމް" (ޖީޓާސް) ޕްރޮގްރާމްގެ ދަށުން އެ ނިޒާމު ގާއިމު ކުރަނީ އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަންގެ ހާއްސަ އެހީގައި ކަމަށެވެ.
އެ މަސައްކަތަށް ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ އަންގާރަ ދުވަހާ ހަމައަށް ރާއްޖެ އަށް ޒިޔާރަތްކޮށް، "ޖީޓާސް ނިޒާމް" ބޭނުން ކުރާނެ ގޮތް ކަމާގުޅޭ މުއައްސަސާތަކަށް ވަނީ ދަސްކޮށްދީފަ އެވެ.
ޖީޓާސް ގާއިމް ކުރުމުގެ ފުރަތަމަ މަރުހަލާ ނިމިފައިވާއިރު، ބައެއް އެއާލައިންތަކުން މިހާރު ވެސް ފަސިންޖަރުންގެ މައުލޫމާތު ކުރިން ހިއްސާ ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އަންނަ އަހަރު އެ މަސައްކަތް އެއްކޮށް ނިމުމުން، ރާއްޖެ އަންނަ އަދި ރާއްޖެ އިން ފުރާ މީހުންގެ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކަށް ދުރާލާ ލިބޭނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
"މީގެ ސަބަބުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަސްޓަމްސް އިން ކުރާ މަސައްކަތުގައި ފަސިންޖަރުންގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ނިޒާމު ހަރުދަނާވެ، ހައި ރިސްކް ފަސިންޖަރުން ދުރާލާ ދެނެެގަނެ، އެ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލައި ފާސްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ އެވެ،" ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވެ އެވެ.
ޖީޓާސް ގާއިމްކޮށް ނިމުމުން ކަސްޓަމްސްގެ މަސައްކަތް ވަރަށް ބޮޑަށް ލުއިވެ ރާއްޖޭގެ އިގުތިސާދީ ބޯޑާ ބެލެހެއްޓުން އިތުރަށް ހަރުދަނާވާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.