ރައީސް ޔާމީން ހައްޔަރުކޮށް ތުހުމަތުތައް ބަލަން އަދާލަތުން ވެސް ގޮވާލައިފި

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށް މިނިވަން މުސްތަގިއްލު ޖިނާއީ ތަހުގީގެއް ހިންގަން އަދާލަތު ޕާޓީން ކަމާބެހޭ މުއައްސަސާތަކަށް މިއަދު ގޮވާލައިފި އެވެ.


ރައިސަށް ކުރާ ތުހުމަތުތައް ތަހުގީގުކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތައް ރާއްޖޭގެ އަސްދަނޑިން ވެސް ބޭރުވެ ބައިނަލްއަގުވާމީ މުޖުތަމައަށް ހެއްކާއެކު ފަޅާއަރަމުންދާ ކަމަށެވެ. އަލްޖަޒީރާ އިން ނެރުނު ޑޮކިއުމެންޓްރީގައި ވެސް އެމަނިކުފާނު ރިޝްވަތު ހިފާ ކަމަށާއި ތަހުގީގީ އިދާރާތަކާއި ފަނޑިޔާރު ގެތަކަށް ނުފޫޒު ފޯރުއްވުމާއި ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމާއި މިނިވަން މީޑިއާގެ މަސައްކަތްތަކަށް ހުރަސްއެޅުއްވުން ފަދަ ބޮޑެތި ޖަރީމާތަކެއް ހިންގަވާ ކަމުގެ ތުހުމަތުކޮށްފައިވާ ކަމަށް އަދާލަތުން ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި ރިޝްވަތުު ހިފުމާއި ރިޝްވަތު ދިނުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމާއި ދައުލަތުގެ ހަޒާނާގައި ހިމެނޭ ފައިސާ އަށް ހިޔާނާތްތެރިވުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ ބޮޑެތި މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި އެއީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ވެސް މަނާކޮށްފައިވާ ކަންކަން ކަމަށް ބަޔާނުގައި އަދާލަތުން ފާހަގަކޮށްފައިވެ އެވެ.

ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެކަން ބަލައި ފިޔަވަޅު ނޭޅުމަކީ ރާއްޖޭގެ މާލިއްޔަތަށާއި ދިވެހި ދައުލަތަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ. އަދި މިއީ، ދިވެހި ދައުލަތް ރޫޅި، ރައްޔިތުން ނިކަމެތިވެ ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހިން ފަޟީހަތްވެދާނެ ކަމެއް ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.

ބަޔާނުގައި ގޮވާލާފައި ވަނީ މިކަންކަމާ މެދު ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އެޅުމަށެވެ.

އަލް ޖަޒީރާ އިން ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް ރައީސް އޮފީހުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ސަރުކާރުން ދެކެނީ، އަލް ޖަޒީރާ ޑޮކިއުމެންޓްރީ އަކީ ރާއްޖެ ބަދުނާމުކޮށް ފިއްތުންތައް ކުރިމަތިކުރަން ކުރި ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އިސް ވެރިންގެ ނަމާއި އަބުރަށް ގެއްލުން ދިނުމަށާއި އަދި ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރުމަށް ތައްޔާރު ކުރި އެއްޗެއް ކަމަށް ވެސް ސަރުކާރުން ގަބޫލުކުރެ އެވެ.