ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5000-7000ރ. ގެ އިނާޔަތެއް ދޭން މަޖިލިހަށް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމުގެ ބިލެއް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ހުށަހަޅުއްވައިފި އެވެ.


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ހުށަހެޅުއްވި އިސްލާހުގެ ބިލްގައިވާ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެން ޖެހޭ ބައެކެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެކަށޭނެ ގޮތެއްގައި ލިބިދެވޭނީ އެފަދަ މީހުންނަށް ލިބޭ މާލީ އިނާޔަތް އިތުރުވެގެން ކަމަށް ބިލްގައިވެ އެވެ.

ބިލްގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓައި އެ މީހުން ގިންތި ކުރަން ވާނެ އެވެ. އަދި ދަފްތަރުން އެ މީހަކު އުނިކުރާ ތާރީހާ ހަމައަށް ކޮންމެ މަހަކު 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ. ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އިނާޔަތްތަކަކީ އެ މީހެއްގެ ހުރި ނުކުޅެދުންތެރި ކަމަކާއި އެކަމެއްގެ ސަބަބުން އެ މީހެއްގެ ދިރިއުޅުމަށް އަސަރު ކުރާ މިންވަރުގެ މައްޗަށް ރިއާޔަތްކޮށް، ސަރުކާރުން ކަނޑައަޅާ އެއްޗަކަށް ވާން ވާނެ ކަމަށް ބިލްގައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000ރ.ގެ އިނާޔަތެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރަން މަޖިލިހަށް ނާޒިމް އިސްލާހެއް ހުށަހެޅުއްވި އިރު، މަޖިލިހުގެ ގަވައިދުގެ 71 ވަނަ މާއްދާގެ (ނ) ގައި ވަނީ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނި ކުރުމަށް ހުށަހަޅާ ބިލްތަކާއި ދައުލަތުގެ މާލިއްޔަތުން ވަކި ކަމަކަށް ފައިސާ ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ހުށަހަޅާ ބިލްތައް ހުށަހަޅަން ވާނީ ސަރުކާރުން ކަމަށެވެ.

އެކަމަކު، މިއަދުގެ ޖަލްސާގައި ނާޒިމް ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިއުން ރިޔާސަތުން ވަނީ އިއްވައިފަ އެވެ.