ޝާޔަން އޭސީސީއަށް ހާޒިރުކުރަން ކޯޓު އަމުރަކަށް އެދިއްޖެ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ބޮޑެތި ޚިޔާނާތްތަކުގެ ތަހުގީގަށް އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ކޯޓު އަމުރަކަށް އެދިއްޖެ އެވެ.


ޕީއެސްއެމާ ގުޅޭ ޚިޔާނާތުގެ ގިނަ މައްސަލަތަކެއް ތަހުގީގުކޮށްދޭން ހުށަހެޅީ މިހާރުގެ މެނޭޖްމަންޓުންނެވެ. އެ މައްސަލަތަކުގެ ތަހުގީގަށް ޕީއެސްއެމްގެ ކުރީގެ ބޯޑުގެ މެމްބަރަކު ތަހުގީގަށް ހާޒިރުވާން ތަކުރާރުކޮށް އަންގައިގެން ވެސް އެއްބާރުލުން ދީފައި ނުވާ ކަމަށް މިިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގައި އޭސީސީން ވަނީ ބުނެފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭސީސީން ކްރިމިނަލް ކޯޓު އަމުރަކަށް އެދުނީ ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގަން ޝާޔަން ހާޒިރުކޮށްދިނުމަށެވެ.

ޕީއެސްއެމްގެ ކުރީގެ މެނޭޖްމެންޓުން ބޭއްވި މޯލްޑިވިއަން އައިޑޮލްގައިގެ ކަންކަމުގައި އިސްކޮށް ޝާޔަން އުޅުއްވި އެވެ.

މޯލްޑިވިއަން އައިޑޮލްއާ ގުޅޭ އެކި ކަންކަމުގައި ވެސް ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ޕީއެސްއެމުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރި މުވައްޒަފުންގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްތަކާއި އީމެއިލް މުއާމަލާތްތައް ވެސް އޭސީސީގެ ތަހުގީގުގެ ބޭނުމަށް ވަނީ ގެންގޮސްފަ އެވެ. އަދި އެ ތަހުގީގަށް ބޭނުންވާ އިތުރު ލިޔުންތައް ވެސް އޭސީސީން ފޮނުވާ އަމުރުތަކުގެ ދަށުން އެ ކޮމިޝަނުން ވަނީ ހޯދައިފަ އެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕީއެސްއެމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ޕީޕީއެމްގެ ޕްރޮޕެގަންޑާ ފެތުރުމާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން ކެމްޕެއިންކުރި މީޑިއާއެކެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު ރައްޔިތުންނަށް އިއްވަން ފުރުސަތު ނުދީ، ހުރިހާ ވަގުތެއް ޔާމީންގެ ކެމްޕޭނަށް ހުސްކުރިއިރު، ޕީއެސްއެމްގެ ބޯޑުގެ ބައެއް މެމްބަރުން ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގަތެވެ.