އަދުރޭ އާއި ރިޔާޒާ ގުޅުންހުރި ކުންފުނިތަކުން ފެނަކަ އަށް ތިން ގުނަ އަގު ބޮޑުކޮށް ތެޔޮ ވިއްކި: ސައީދު

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ތިން ގުނަ އަށް ވުރެ ބޮޑު އަގުގައި ތެޔޮ ވިއްކާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ކަމަށް ބުނާ އެ މުއަމާލަތާ ބެހޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ(އެސްއޯއީ ކޮމިޓީ) އަށް ހާޒިރު ކުރުމުންނެވެ.

އެސްއޯއީ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ކުރީގެ ދެމެމްބަރުންގެ ދެ ކުންފުނިން ފެނަކަ އަށް ޑީސަލް ވިއްކީ 28ރ. އަށް ލިޓަރެއްގެ ރޭޓުން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ފެނަކައަށް އެ ދެކުންފުނިން ބޮޑު އަގުގައި ތެޔޮ ވިއްކީ ފިއުސް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން 6.58.ރ އަށް ގަނެގެން ކަމަށެވެ. އެކަމަކު ހަމަ އޭރުގައި އެފްއެސްއެމް އިން ފެނަކަޔަށް ތެޔޮ ވިއްކާފައި ވަނީ އޭނާ ވިދާޅުވި ގޮތުގައި 8.25.ރ އަށެވެ. މިއީ ތިން ގުނަ އަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

"ފެނަކަ އިން އެބަހުރި 8.25 ރުފިޔާ އަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ތެޔޮ ގަނެފައި. ނަމަވެސް 28 ރުފިޔާގެ އަގުން އެ ކުންފުނިތަކުން ގަނެފަ، އެއީ ލ. އަތޮޅަށް ނިސްބަތްވާ ކުރީގެ މެންބަރަކާއި ތ. އަތޮޅަށް ނިސްބަތްވާ ކުރީގެ މެންބަރެއްގެ މަސްލަހަތު އޮންނަ ދެ ކުންފުނިން. އެ ކަމާ ބެހޭ މައުލޫމާތުތައް އެސެޓް ރިކަވަރީ ކޮމިޝަނަށް ވާނީ ހުށަހަޅާފައި. އަދި އޭސީސީއަށް ވެސް ވާނީ ހުށަހަޅާފައި،" ސައީދު ވިދާޅުވި އެވެ.

ފެނަކަ އަށް އަގު ބޮޑުކޮށް ތެޔޮ ވިއްކީ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުގެ ކުންފުންޏަކާއި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރުގެ މަސްލަހަތު އޮންނަ ކުންުފުންޏަކުން ކަމަށް ސައީދު ވިދާޅުވީ މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރެއްވުމުންނެވެ.

އެސްއޯއީ ކޮމިޓީއަށް އެސްޓީއޯގެ ވެރިން ހާޒިރުކުރި ދުވަހު އެ ބޭފުޅުން ވިދާޅުވި ގޮތުގައި ފެނަަކަ އަށް ސަޕްލައިކުރުމަށް އެފްއެސްއެމުން ނަގާފައިވާ ތެލުގެ އަގަށްވާ އެތައް މިލިޔަން ރުފިޔާއެއް ނުލިބި އެބަ ހުއްޓެވެ.

ވެރިކަން ބަދަލުވި އިރު ފެނަކަ އިން އެފްއެސްއެމްއަށް 658 މިލިޔަން ރުފިޔާ ދައްކަން އޮތް ނަމަވެސް އޭގެ ތެރެއިން 392 މިލިޔަން ރުފިޔާ މިހާރު ދައްކާފައިވާ ކަމަށް ސައީދު މިއަދު ވިދާޅުވި އެވެ.