އެފްއައިޔޫގެ މަސައްކަތަށް ނަސީރު ހުރަހެއް ނާޅާ: އެމްއެމްއޭ

މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ މަސައްކަތަށް ގަވަރުނަރު އަހުމަދު ނަސީރު ހުރަސް އެޅުއްވި ކަމަށް އެ ޔުނިޓްގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ކުރެއްވި ތުހުމަތުތައް އެމްއެމްއޭއިން މިއަދު ދޮގުކޮށްފި އެވެ.


އެމްއެމްއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނަސީރު މައްސަކަތް ކުރައްވާފައި ވަނީ އެފްއައިޔޫ އަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކަމަށެވެ. އެ ޔުނިޓްގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަަސައްކަތްތަކާއި ނިންމަން ޖެހޭ އެއްވެސް ނިންމުމަކަަށް ނަސީރު ހުރަސް އަޅުއްވާފައި ނުވާނެ ކަމަށް ވެސް ބުންޏެވެ.

އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ތެރޭގައި އުފައްދާފައި އޮންނަ މިނިވަން ޔުނިޓެކެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އަކީ އެފްއައިޔޫ އެވެ.

ގާނޫނުގައި އޮންނަ ގޮތުން އެފްއައިޔޫގެ އެއްވެސް މަސައްކަތަކަށް ގަވަރުނަރަށް ނުފޫޒެއް އަދި ބާރެއް ވެސް ނުފޯރުވޭނެ އެވެ.

މިއާ ޚިލާފަށް ގަވަރުނަރު އަމަލުކުރެއްވި ކަމުގެ ތުހުމަތާ އެކު މަޖިލީހަށް ސިޓީއެއް ހުށަހެޅުއްވީ އެ ޔުނިޓު ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަބްދުﷲ އަޝްރަފެވެ.

އަޝްރަފްގެ ސިޓީގައި ވިދާޅުވެފައިވާ ވާހަކަތަކަށް ރައްދުދީ އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނުގައި އޭނާގެ ވާހަކަތައް ދޮގުކުރުމުގެ އިތުރުން އޭނާ އަށް ތުހުމަތުތަކެއް ވެސް ކޮށްފައި ވެ އެވެ. އެގޮތުން ކޮށްފައިވާ އެއް ތުހުމަތަކީ ސިޔާސީ ފަރާތެއްގެ އެކައުންޓަށް ޖަމާކުރި ގިނަ އަދަދެއްގެ ފައިސާގެ މައްސަލަ އެފްއައިޔޫއިން ތަހުގީގީ އިދާރާއަކަށް ނުފޮނުވާ ލަސްކުރި ކުރި ކަމުގެ ތުހުމަތެވެ.

"އެ މުއާމަލާތާ ގުޅޭ ގޮތުން ފިޔަވަޅު ނާޅައި ބާއްވާފައި އޮތްކަން އެނގުނީ އަބްދުﷲ އަޝްރަފް ރާއްޖޭގައި ނެތް ދުވަސްވަރެއްގަ އެވެ،" އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.

ކޮށްފައިވަ އަނެއް ތުހަމަތަކީ އެފްއައިޔޫ އިން ކަމާ ބެހޭ ފަރާތްތަަކަށް ކޮންމެ އަހަރަކު ފޮނުވަން ޖެހޭ އަހަރީ ރިޕޯޓް، އެ ޔުނިޓްގެ ވެރިޔަކަށް އަޝްރަފް ހުންނެވި އިރު ފޮނުވާފައި ނުވާކަމުގެ ތުހުމަތެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ފައިސާގެ މުއާމަލާތްތަކުގެ މައުލޫމާތު އެންމެ ފުރަތަމަ ލިބުނީ އަޝްރަފަށް ކަމަށް ވިޔަސް އެކަމާ މެދު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ތުހުމަތުކޮށްފައި ވެ އެވެ.

ބަޔާން ނިންމައިލަމުން ބުނެފައި ވަނީ އެފްއައިޔޫގެ މަސައްކަތަށް މިހާރުގެ ގަވަރުނަރު ހުރަސްއަޅުއްވާފައި ނުވާ ކަމަށެވެ.

"...ގަވަރުނަރު މަސައްކަތްކުރައްވާފައި ވާނީ އެފްއައިޔޫ އަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމަށެވެ. އަދި އެ ޔުނިޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އަދި އެއްވެސް މައްސަލައެއް ތަހުގީގީ އިދާރާއަކަށް ފޮނުވުމުގައި މިހާރުގެ ގަވަރުނަރު ހުރަސްއަޅުއްވާފައި ނުވާނެ ކަމުގެ ޔަގީންކަން މި އޮތޯރިޓީން އަރުވަމެވެ،" ބަޔާނުގައި ވެ އެވެ.